ކޮވިޑް ޖެހިގެން އުމުރުން 84 އަހަރުގެ މީހަކު މިއަދު މަރުވެއްޖެ އެވެ. މިއީ ރާއްޖެއިން މި ބަލީގައި މަރުވި 171 ވަނަ މީހާއެވެ.

އެޗްޕީއޭއިން ދެންމެ ކުރި ޓްވީޓެއްގައި ބުނީ، ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ ދިވެހި އެ އަންހެން މީހާ މަރުވީ މެންދުރު 2:35ގައި އެވެ.

މިއީ މި ބަލީގައި މިއަދު މަރުވި ދެވަނަ ފުރާނައެވެ. މިއަދުގެ ފުރަތަމަ މަރަކީ، އުމުރުން 10އަހަރުގެ ކުޑަ ކުއްޖެކެވެ. އެއީ ހދ. ކުޅުދުއްފުށީ، ލަޖަހާގޭ، ފާތިމަތު މިޝްކާއެވެ.

އޭނާ މަރުވީ ރޭ ދަންވަރު އައިޖީއެމްއެޗު ހޮސްޕިޓަލުގައި އެމެޖެންސީ ރޫމްގައި ފަރުވާދެމުން ދަނިކޮށެވެ. އިމާދުއްދީން ސްކޫލްގައި ކިޔަވަމުންދިޔަ މިޝްކާއަކީ، ކޮވިޑް ބަލީގައި ރާއްޖޭގައި މަރުވި އެންމެ ހަގު އަދި ފުރަތަމަ ކުޑަކުއްޖާ އެވެ. އޭނާއަށް ފަރުވާ ދިނުމުގައި ލަސްވި ކަމަށް އާއިލާއިން ތުހުމަތު ކުރެ އެވެ. އެގޮތުން އެމްބިއުލާންސް މިޝްކާ ބަލާ އައިސްފައިވަނީ އެޗްޕީއަށް ގުޅިތާ ދެގަޑިއިރަށްވުރެ ގިނަ އިރު ފަހުން ކަމަށް އާއިލާ އިން ބުނެ އެވެ.

އެކަމާ ގުޅިގެން އެޗްޕީއޭއަށާއި ހެލްތް މިނިސްޓަރު އަހްމަދު ނަސީމަށް ދަނީ ފާޑުކިޔުންތައް އަމާޒުވަމުންނެވެ. އަދި މިނިސްޓަރުގެ އިސްތިއުފާއަށް ބައެއް ފަަރާތްތަކުން ދަނީ ގޮވަމުންނެވެ.

އެމައްސަލަ މިހާރު އެޗްޕީއޭއާއި އެޗްއާރުސީއެމްއިން ބަލަަމުން އަންނައިރު، އެކަމާ ގުޅިގެން ހެލްތް މިނިސްޓަރު އަހްމަދު ނަސީމް ވަނީ މާފަށް އެދިފައެވެ.