ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހުލޫފުގެ ފިހާރައަށް ރޭގެ ވަގުތެއްގައި ގެއްލުންދޭން އަނެއްކާ ވެސް ބަޔަކު މަސައްކަތްކޮށްފި ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓަރު އޮފް ޕޮލިސް އަހްމަދު ޝިޔާމް މިއަދު ވިދާޅުވީ ރޭގެ ވަގުތެއްގައި މަހުލޫފުގެ 'ދަ ޖިންސް' ފިހާރައަށް ގެއްލުން ދޭން ބަޔަކު މަސައްކަތް ކޮށްފައިވާ ކަމަށާއި ނަމަވެސް މާބޮޑު ގެއްލުމެއް ދެވިފައި ނުވާ ކަމަށެވެ. މީގެ އިތުރުން ޝިޔާމް ވިދާޅުވީ އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲގެ ގެއަށް ވެސް ގާއުކައި ގެއްލުން ދޭން ބަޔަކު މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން މަހުލޫފު ވިދާޅުވީ އެމްޑީޕީން ރޭ އާޓިފިޝަލްގައި ބޭއްވި ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު 'މަދަނީ ބަސްނޭހުމަކަށް' ގޮވާލިތާ މާގިނަ އިރުތަކެއް ނުވެ ހެންވޭރު ފިލިގަސް މަގުގައި 'އެމްޓީސީސީ ކަށަވަރު' ކުރިމައްޗަށްވާ ގޮތަށް ހުންނަ އޭނާގެ ފިހާރައަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އޭނާގެ ފިހާރައިގެ ބިއްލޫރިގަނޑަށް ގާއުކައި ބިއްލޫރިގަނޑު "އެއްކޮށް ދުއްވާލާފައި"ވާ ކަމަށެވެ. އަދި އޭނާ ވިދާޅުވީ މުޒާހަރާތައް ފެށުނު ފަހުން އޭނާގެ ފިހާރައަށް ގެއްލުން ދޭން މަސައްކަތް ކުރި މިއީ ތިން ވަނަ ފަހަރު ކަމަށެވެ.

"އެއްފަހަރު ބިއްލޫރިގަނޑު ތަޅާލި. ދެވަނަ ފަހަރު ރެނދުލީ. މިފަހަރު ތަޅާ ތަޅާ އެއްކޮށް އެތެރެއަށް ވައްދާލާފަ ހުރީ." މަހުލޫފު ވިދާޅުވިއެވެ. -- ހުސްނާ އަބްދުﷲ