އިމާދުއްދީން ސްކޫލުގެ ދަރިވަރު ފާތިމަތު މިޝްކާ މުހައްމަދު ނިޔާވުމާ ގުޅިގެން އާއިލާއަށް އެޑިއުކޭޝަން މިނިސްޓްރީ އިން ތައުޒިޔާ ފޮނުވައިފި އެވެ

މިޝްކާ ނިޔާވީ ކޮވިޑް19 އަށް ޕޮޒިޓިވްވެ ފަރުވާ ހޯދަމުން ދަނިކޮށް ހާލު ދެރަވެގެން ރޭގަ އެވެ. މިޝްކާގެ ހާލު ގޯސްވެގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ހޮޓްލައިނަށް ގުޅުމުން އެމްބިއުލާންސްއެއް ފޮނުވުނީ ދެ ގަޑިއިއަރަށް ވުރެ ގިނައިރު ވީ ފަހުން ކަމަށް އާއިލާއިން ވަނީ ބުނެފަ އެވެ.

މިޝްކާ ނިޔާވުމުން އެޑިއުކޭޝަން މިނިސްޓްރީ އިން ނެރުނު ތައުޒިޔާގެ މެސެޖުގައި ބުނީ މިޝްކާއަކީ ކިޔެވުމުގެ އިތުރުން އިތުރު ހަރަކާތްތަކުގައިވެސް ބައިވެރިވެ، ވަނަ ހޯދަމުން ދިޔަ ދަރިވަރެއް ކަމަށެވެ. ހާއްސަ ދުވަސްތައް ފާހަގަ ކުރުމަށް ބާއްވާ އެސެމްބްލީތަކުގައި މަދަހަ ހުށަހެޅުމުގެ އިތުރުން މަދަހަ މުބާރަތްތަކާއި ގުރުއާންް މުބާރާތްތަކުންވެސް މިޝްކާ ވަނަ ހޯދާފައިވާ ކަމަށް މިނިސްޓްރީން ފާހަގަ ކުރި އެވެ.

އެންމެ ފަހުން އިމާދުއްދީން ސްކޫލުގައި ބޭއްވި ސްޓޯރީ ޓެލިން އަދި ކްރިއޭޓިވް ރައިޓިން އިންވެސް އެންމެ މޮޅު ފަސް ދަރިވަރުން ތެރޭ މިޝްކާ ހިމެނުނު ކަމަށާއި މިޝްކާގެ ކުއްލި ވަކިވުމަކީ ސްކޫލަށާއި ތައުލީމީ އާއިލާ އަށް ލިބުނު ފަޅުކަމެއް ކަމަށް އެޑިއުކޭޝަނުގެ ތައުޒިޔާގެ މެސެޖުގައި ބުންޏެވެ.

މިޝްކާ އަކީ ކޮވިޑް19ގައި ރާއްޖޭން ނިޔާވި އެންމެ ހަގު ކުއްޖާ އެވެ. މިހާތަނަށް 170 މީހަކު ބަލީގައި ރާއްޖޭގައި މަރުވެފައި ވެއެވެ.