ކޮވިޑް19ގައި ރޭ ކުޑަ ކުއްޖަކު މަރުވި އިރު، އެކުއްޖާއަށް ފަރުވާ ދިނުން ވަރަށް ބޮޑަށް ލަސްވެފައިވާ ކަމަށް ތުހުމަތު ކުރެވޭތީ، އެކަން ހިނގާދިޔަ ގޮތް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެއާރްސީއެމް) އިން ބަލަން ފަށައިފި އެވެ.

އުމުރުން 10 އަހަރުގެ އެކުއްޖާއަކީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްކަން ވަނީ އެނގިފަ އެވެ. އެކުއްޖާ ކޮވިޑް19 އަށް ޕޮޒިޓިވްވުމުން ކަރަންޓީނުކޮށްފައި ހުރީ މައިންބަފައިންނާ އެކު ގޭގަ އެވެ.

އެކުއްޖާގެ ހާލު ސީރިއަސްވެ، ރޭ އައިޖީއެމްއެޗްގެ އެމަޖެންސީ ރޫމަށް ވަނީ ގެންގޮސްފަ އެވެ. ފަރުވާދެމުން ދަނިކޮށް އެކުއްޖާ މަރުވީ ރޭ 12:10 ހައިރު އެވެ.

އާއިލާ އިން ބުނެފައި ވަނީ ރޭ 9:00 ހާއިރު އެމްބިއުލާންސް އެއް ފޮނުވައިދިނުމަށް އެދި އާއިލާގެ ފަރާތުން ގުޅަމުން ދިޔަ ކަމަށާއި، އެމްބިއުލާންސް ދިޔައީ 11:40ގައި ކަމަށެވެ.

އެޗްއާރްސީއެމް އިން މިއަދު ބުނީ ކޮވިޑް19ގެ މި ހާލަތުގައި ސިއްހީ ފަރާތްތަކުން ދޭން ޖެހޭ ފަރުވާ ވީހާ ވެސް އަވަހަކަށް ދިނުމަށް މަސައްކަތް ކުރުމަށް އެ ކޮމިޝަނުން އިލްތިމާސް ކުރާ ކަމަށެވެ.

"ބަލިމީހާއަށް ލިބެންޖެހޭ ސިއްހީ ފަރުވާ އަވަސްމިނެއްގައި ފޯރުކޮށް ނުދެވިގެން ފުރާނައެއް ނެތިދިއުން އެޗްއާރުސީއެމުން ކުށްވެރި ކުރަމެވެ. އަދި މިކަން ހިނގާފައިވާ ގޮތް މި ކޮމިޝަނުން ބަލާނެ ވާހަކަ ދަންނަވަމެވެ." އެޗްއާރްސީއެމް އިން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ހެލްތު މިނިސްޓްރީން ބުނީ، އެމްބިއުލާންސް ފޮނުވުން ލަސްވި ގޮތުގެ ކޭސް ރިވިއުއެއް މިހާރު ފަށާފައިވާ ކަމަށެވެ.

އަދި އެ މައްސަލަ ފެންމަތިވުމާ އެކު، އެމްބިއުލާންސް ޑިޕްލޯއީ ކުރާ އުސޫލަށް ވަގުތުން ބަދަލު ގެނެސްފައިވާ ކަމަށް ވެސް ހެލްތުން ބުންޏެވެ.