14 Feb 2012, 10:45
މަކަރާއި ހީލަތްހެދި މީހަކު 13 އަހަރަށް އަރުވާލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
މަކަރާއި ހީލަތް ހެދުމުގެ ކުށުގައި 13 އަހަރަށް އަރުވާލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް ކުރީ ސ. މަރަދޫ، ނަޔާ މުހައްމަދު ނަޒީލުގެ މައްޗަށެވެ.
މި މައްސަލައިގެ ނިޔާ ކަނޑައެޅުމަށް ކްރިމިނަލް ކޯޓުގައި އިއްޔެ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހުކުމް އިއްވަވަމުން ކްރިމިނަލް ކޯޓުގެ ގާޒީ ވިދާޅުވީ ގ. ހަނިފާ ގޭގެ ތިން ވަނަ ފަންގިފިލާގެ އެޕާޓްމަންޓެއް ތިން އަހަރަށް ކުއްޔަށްދޭނެ ކަމަށް ބުނެ މީހެއްގެ އަތުން 150،000ރ. ނަޒީލު އަތުލާފައިވާފައި ވަނީ މަކަރާއި ހީލަތުންކަން ނަޒީލުގެ އިއުތިރާފުންނާއި ކުށްޔަށް ދޭން އުޅުނު އިމާރާތުގެ ވެރިފަރާތުގެ ބަހުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
އަދި މަކަރާއި ހީލަތްހެދުމުގެ ކުށުން ނަޒީލު ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، މަކަރާއި ހީލަތްހަދާފައި ވަނީ 10،000ރުފިޔާ އަށް ވުރެ މަތީ އަދަދެއްގެ ފައިސާ އިން ކަމަށްވާތީ އޭނާ 13 އަހަރު ދުވަހުގެ މުއްދަތަށް އަރުވާލުމަށް ހުކުމް ކުރީ ކަމަށް ގާޒީ ވިދާޅުވި އެވެ.
އެޕާޓްމަންޓް ތިން އަހަރަށް ކުށްޔައްދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ އަތުލި މީހާ އަށް ނަޒީލު މިހާތަނަށް ނުދީވާ 127000ރ. އެއް މަސް ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދެއްކުމަށް ވެސް ގާޒީ ވަނީ ނަޒީލަށް އަންގާފަ އެވެ.
މީގެއިތުރުން ނަޒީލުގެ މައްޗަށް ދައުލަތުން ކޮށްފައިވާ މަކަރާއި ހީލަތް ހެދުމުގެ އިތުރު ދައުވާއެއް މިއަދު ކްރިމިނަލް ކޯޓުގައި ވަނީ ޝެޑިއުލް ކޮށްފަ އެވެ.