02 Jun 2021, 08:46
މިދިޔަ ބުދަ ދުވަހު މާލޭގައި މީހަކު މަރުވާން މެދުވެރިވި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދަށް 10 ދުވަސް ކްރިމިނަލް ކޯޓުން ދީފި އެވެ.
ހުވަފެނީ ގޯޅީގައި ބާއްވާފައި އޮތް ގާޑިއަލެއްގައި ދުއްވާފައި ދިޔަ ސައިކަލެއް ޖެހި އެކްސިޑެންޓްވީމެއި 26 ވަނަ ދުވަހުގެ ރޭ 10:00 ހާއިރު އެވެ. އެ އެކްސިޑެންޓުގައި ސައިކަލު ފަހަތުގައި އިން މީހާ އަށް އަނިޔާވެ، އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް ވަނީ މަރުވެފަ އެވެ.
އެކްސިޑެންޓުވުމަށް ފަހު ސައިކަލު ދުއްވަން އިން މީހާ އެތަނުގައި މަޑުނުކޮށް ދުއްވާފައި ގޮސް ފިލީއެވެ. ފުލުހުން އޭނާ ހައްޔަރުކޮށްފައި ވަނީ މެއި މަހުގެ 31 ވަނަ ދުވަހު ހަވީރު އެވެ. ހައްޔަރުކޮށްފައި ވަނީ 26 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރު ކުރުމުން، އޭނާ ވަނީ ތުހުމަތުތަކަށް އިންކާރު ކޮށްފަ އެވެ. އެކްސިޑެންޓުގައި މަރުވީ އޭނާގެ ރައްޓެއްސެއް ކަމަށާއި އެހެން ނަމަވެސް ފިލާފައި ނުވާނެ ކަމަށް ކޯޓުގައި ބުނެފައިވެ އެވެ.
ކްރިމިނަލް ކޯޓުން ވަނީ އޭނާ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދަން 10 ދުވަސް ދީފަ އެވެ. އޭނާ ބަންދުކުރީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމުގެ އިތުރުން، ފިލާފާނެކަމަށްޓަަކަ އެވެ.