14 Feb 2012, 10:04
ޗައިނާ ސަރުކާރުން ރާއްޖެ އަށް ކަނޑައަޅުއްވާފައިވާ ސަފީރު ޔޫ ހޮންގްޔާއޮ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
އިއްޔެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ސިޔާސީ މަސްރަޙަށް އަންނަމުންދާ ބަދަލުތަކާ ބެހޭގޮތުން ޗައިނާގެ ސަފީރަށް ރައީސުލްޖުމްހޫރިއްޔާ މަޢުލޫމާތު ދެއްވި އެވެ.
އެ ބައްދަލުކުރެއްވުމުގައި ޗައިނާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ޞުލްޙަވެރި އަމާން މާޙައުލެއް ޤާއިމްކުރުމަށްޓަކައި ހުރިހާ ސިޔާސީ ޕާޓީއަކުން ވެސް، ޤައުމީ މަޞްލަޙަތު އިސްކުރައްވައި ގުޅިގެން މަސައްކަތް ކުރަމުން ގެންދަވާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވި އެވެ. އަދި ރާއްޖެ އާއި ޗައިނާއާ ދެޤައުމުގެ މެދުގައި އޮތް ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، ރާއްޖޭގެ އާ ސަރުކާރާ އެކު މަސައްކަތް ކުރުމަށް ޗައިނާ ސަރުކާރު އޮތީ ތައްޔާރަށް ކަމުގައި އެޤައުމުގެ ސަފީރު ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިހާރު ރާއްޖެއަށް ކުރިމަތިވެފައިވާ ހުރިހާ މައްސަލަތައް ޙައްލު ކުރެއްވުމަށާއި ރާއްޖެ އަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅުއްވަންޖެހުނު ކޮންމެ ފިޔަވަޅެއްވެސް އަޅުއްވަމުން ގެންދަވާނެކަމުގެ ޔަޤީންކަން ޗައިނާ ސަފީރަށް ދެއްވި އެވެ.