ދިއްލީ (ޖޫން 1): އިންޑިއާގެ ލަކްޝަދީބުގެ ސިޔާސަތުތަތަކަށް ގެންނަން ހުށަހަޅާފައިވާ ާ ބެހޭ ގޮތުން ރައްޔިތުންނާ މަޝްވަރާ ކުރާނެ ކަމަށާއި ރައްޔިތުންނަށް ނާންގާ އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށް އެގައުމުގެ ހޯމް މިނިސްޓަރު އަމިތު ޝާހު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ވެރިކަން ކުރާ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ)ގެ ނައިބު ރައީސް އޭ ޕީ އަބްދުﷲކުއްޓީ ވިދާޅުވި ގޮތުގައި އޭނާ އާއި ޕާޓީގެ އެހެން މެމްބަރުންތަކެއް އިއްޔެ ވަނީ ޝާހުއާ ބައްދަލު ކުރައްވައިފަ އެވެ. އަދި އެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު ވަނީ އެ ބަދަލުތައް ގެނައުމަށް އަދި ހުށަހެޅީ ކަމަށާއި ތަންފީޒު ކުރަން ނުފަށާ ކަމަށް ވިދާޅުވެފަ އެވެ.

"ހޯމް މިނިސްޓަރު ވަނީ އެ ބަދަލުތައް އަދި ހުށަހެޅީ ކަމަށާއި އެއާ ބެހޭ ގޮތުން ލަކްޝަދީބުގެ ރައްޔިތުންގެ ހިޔާލަށް އެދިފައިވާ ކަމަށް ވިދާޅުވެފައި. އަދި ބިރުގަންނަން ޖެހޭ އެއްވެސް ކަމެއް ނެތް ކަމަށާއި ރައްޔިތުންނަށް އެންގުމަކާ ނުލާ އެއްވެސް ފިޔަވަޅެއް ނާޅާނެ ކަން ބުނެ ދިނުމަށް އެދިވަޑައިގެންފައި. [ޝާހު] ވިދާޅުވީ ރައްޔިތުންގެ ރުހުން ހޯދުމަށް އެމީހުންނާ މަޝްވަރާ ކުރާނެ ކަމަށް،" އަބްދުﷲކުއްޓީ ވިދާޅުވި އެވެ.

އިންޑިއާގެ މައި ސަރުކާރުން ބާރު ހިންގާ ލަކްޝަދީބުގެ ވެރިއަކަށް މިދިޔަ ޑިސެމްބަރު މަހު އައްޔަންކޮށްފައިވާ ޕްރަފުލް ޕަޓޭލް އެ ސަރަހައްދަށް ގެންނަން އުޅުއްވާ ބަދަލުތަކާ ދެކޮޅަށް ބައެއް މީހުން މުޒާހަރާކޮށް، ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކޮށްފައިވެ އެވެ.

އިންޑިއާގެ ބޮޑުވަޒީރު މޯދީގެ އަރިސް ބޭފުޅެއް ކަމަށްވާ ޕަޓޭލް ލަކްޝަދީބަށް ގެންނަވާ ބަދަލުތަކުގެ ތެރޭގައި ގެރި މަސް މަނާ ކުރުމާއި ރާ ބުއިމާއި ވިއްކުން ހުއްދަ ކުރުން ހިމެނެ އެވެ. ރާ ބޭނުން ކުރުމަކީ 97 ޕަސެންޓު މުސްލިމް އާބާދީއެއް އޮންނަ އެ ސަރަހައްދުގައި މަނާ ކަމެކެވެ.

މީގެ އިތުރުން ރަށުގެ ތަރައްގީއަށް ކަމަށް ބުނެ މީހުންގެ ބިން އަތުލުމަށް ސަރުކާރަށް ފަސޭހަ ވެގެންދާނެ ގަވާއިދަކާއި ޝަރީއަތަކާ ނުލައި ދިގު މުއްދަތަކަށް މީހުން ހައްޔަރު ކުރުމަށް ހުއްދަ ދޭ ގާނޫނެއް ތަންފީޒު ކުރަން ޕަޓޭލް ހުށަހަޅުއްވާފައިވެ އެވެ.

އެ ގަވާއިދުތަކަށް ފާޑު ކިޔާ ފަރާތްތަކުން ވަނީ އެއީ ލަކްޝަދީބުގެ ރައްޔިތުންގެ ސަގާފަތާއި އާދަކާދަ ނައްތާލަން މަސައްކަތް ކުރުމުގެ ގޮތުގައި ސިފަކޮށްފަ އެވެ. އަދި ޕަޓޭލް މަގާމުން ވަކި ކުރުމަށް އަންގާ، ކެރަލާގެ ގާނޫނު ހަދާ މަޖިލީހުން ވަނީ ގަރާރެއް ވެސް ފާސްކޮށްފަ އެވެ.