ކޮވިޑް19ގައި ފަރުވާދެމުންދިޔަ އިތުރު ދެ މީހަކު މަރުވެއްޖެ އެވެ.

މަރުވެފައިވަނީ ޑީއެޗް11ގައި ފަރުވާދެމުންދިޔަ އުމުރުން 42 އަހަރުގެ އަންހެނަކާއި ހުޅުމާލެ ފެސިލިޓީގައި ފަރުވާދެމުންދިޔަ 83 އަހަރުގެ އަންހެނެކެވެ.

މި ދެ މަރާއެކު މި ބަލީގައި މިއަދު އެކަނި މަރުވި މީހުންގެ އަދަދު އަށަކަށް ވަނީ އަރާފަ އެވެ.

ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ އިތުރު ހަތަރު މީހަކާއި އޭދަފުށީ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މީހެއްގެ އިތުރުން އައިޖީއެމްއެޗު އީއާރަށް ގެންދިޔަ މީހަކުވެސް މިއަދު ވަނީ މަރުވެފަ އެވެ.

ބަލީގައި އިއްޔެ ވެސް ރާއްޖެއިން ތިން މީހަކު ވަނީ މަރުވެފަ އެވެ.

ހުސްވި މެއި މަހަކީ މި ބަލީގައި އެންމެ ގިނަ ބަޔަކު ރާއްޖެއިން މަރުވި މަހެވެ. އެގޮތުން މެއި މަހު އެކަނި ވެސް ކޮވިޑުގައި ރާއްޖެ އިން 88 މީހަކު ވަނީ މަރުވެފަ އެވެ.

ރާއްޖެއިން މިހާތަނަށް ޖުމުލަ 169 މީހުން ވަނީ މި ބަލީގައި މަރުވެފަ އެވެ.