01 Jun 2021, 18:15
ހިޔާ ފްލެޓްތަކުގެ ކުލިކުޑަކޮށް، ފިނިޝިންގް މަސައްކަތް ނިންމާ މުއްދަތު އިތުރުކޮށް، މިޖޫން މަހުގެ ކުރިން ފްލެޓްތަކަށް ވަދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ގޮވާލާ ތައްޔާރުކުރި ޕެޓިޝަން ކަމާ ގުޅޭ އިދާރާތަކަށް ހުށަހަޅައިފި އެވެ.
އެ ޕެޓިޝަނަކީ ހިޔާ ފްލެޓް ލިބުނު ފަރާތްތަކުން އިސްނަގައިގެން އެފަރާތްތަކުގެ ކަންބޮޑުވުންތައް ދައުލަތުގެ ކަމާއި ގުޅޭ އިދާރާތަކަށް ހުށަހެޅުމަށް މިދިޔަ މަހުގެ 21 ވަނަ ދުވަހު ސޮއިކުރަން ފެށި ޕެޓިޝަނެކެވެ.
އެ ޕެޓިޝަންގެ މަސައްކަތް ނިންމައި މިއަދު ހެނދުނު 10:00ގައި ފްލެޓް ލިބުނު 2،177 ފަރާތުގެ ސޮޔާއެކު ދައުލަތުގެ ކަމާގުޅޭ އިދާރާތަކަށް ވަނީ ހުށަހަޅާފަ އެވެ.
އެކަމުގައި އިސްކޮށް ހަރަކާތްތެރިވި ފަރާތަކުން ބުނީ ސޮއި ކުރުމުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ކޮވިޑާ ގުޅިގެން މާލެ ފުރަބަންދު ކުރުމާއި ފްލެޓް ލިބިފައިވާ ގިނަ ފަރާތްތައް ކަރަންޓީނުގައި ތިބުމާއި އިންޓަނެޓް ލިބުމުގައި ހުރި ދަތިތައް ކަމަށެވެ.
އެ ޕެޓިޝަންގެ އަސްލު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައިވާއިރު، ފްލެޓް ކޮމެޓީ އާއި ޕްލޭނިން މިނިސްޓްރީ އަދި އެޗްޑީސީއާއި މާލެސިޓީ ކައުންސިލްއަށް އެ ޕެޓިޝަންގެ ކޮޕީއެއް ވަނީ ފޮނުވާފަ އެވެ.
އެ ޕެޓިޝަނަކީ ދައުލަތުގެ ކަމާގުޅޭ ވުޒާރާތަކުގައި ފްލެޓް ލިބުނު ފަރާތްތަކުން އެދޭ ކަންތައްތަކުގެ މައްޗަށް ބިނާކޮށް، ޖުމްލަ ފަސް ނުކުތާއެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ ޕެޓިޝަނެކެވެ.
އެ ޕެޓިޝަންގައި މައިގަނޑު ގޮތެއްގައި ގޮވާލާފައިވާ ކަންތައްތަކުގެ ތެރޭގައި މި ޖޫން މަސް ނިމުމުގެ ކުރިން ފްލެޓަށް ވަދެވޭނެ ގޮތް ހަމަޖައްސައިދިނުމަށާއި ފިނިޝިން މަސައްކަތް ކުރެވޭނެ ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމާއި މަހު ކުލި 5،500 ރުފިޔާއަށް ކުޑަކޮށްދިނުމުގެ އިތުރުން ޕެންޝަން ފަންޑުން ޑައުންޕޭމަންޓާއި ފިނިޝިން މަސައްކަތަށް ފައިނޭންސް ކުރެވޭ ގޮތް ހަމަޖައްސައިދިނުން ހިމެނެ އެވެ.
މީގެ އިތުރުން ފިނިޝިން މަސައްކަތް ނިންމުމަށްޓަކައި ކުލި ނުހިނގާ މުއްދަތު ތިން މަހުން 12 މަހަށް އިތުރުކޮށްދިނުމާއި ފިނިޝިން މަސައްކަތް ރައްޔިތުން އަމިއްލައަށް ކުރަން ޖެހޭތީ، ޖުމުލަ ކުލިން އެއްލައްކަ ރުފިޔާ މައާފުކޮށްދިނުމުގެ އިތުރުން ފްލެޓަށް ދިރިއުޅުން ބަދަލުކުރާއިރު، ފްލެޓުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވައިދިނުމަށް ވެސް އެ ޕެޓިޝަންގައި ގޮވާލާފައިވެ އެވެ.