ވޮޝިންގޓަން (ފެބްރުއަރީ 14) : ޗައިނާގެ ނައިބު ރައީސް ޝީ ޖިން ރަސްމީ ދަތުރުފުޅެއްގައި އެމެރިކާއަށް ވަޑައިގެންފިއެވެ. މިއީ އެމެރިކާއާއި ޗައިނާގެ ގުޅުންތަކަށް އަރަމުންދާ އޮޅުންތައް ޙައްލުކުރުމަށްޓަކައި އެމެރިކާގެ މަސްއޫލުވެރިންނާ މަޝްވަރާކުރެއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ޗައިނާގެ ދައުލަތުގެ މީޑިޔާ ބުނެއެވެ.

ހަމަޖެހިފައިވާ ގޮތުން މިއަދުގެ ވަގުތެއްގައި ޗައިނާގެ ނައިބު ރައީސް ޝީޖިން އެމެރިކާގެ ރައީސް ބަރަކް އޮބާމާ އާއި ނައިބު ރައީސް ޖޯ ބައިޑެން އާ ބައްދަލުކުރައްވާނެއެވެ. ޗައިނާގެ ނައިބު ރައީސްގެ ދަތުރުފުޅުގައި އެމެރިކާގެ އެހެން ދެސްޓޭޓެއް ކަމަށްވާ އެޔަވާ އާއި ކެލިފޯނިޔާއަށް ވަޑައިގެން އެމެރިކާގެ ބައެއް އެހެން މަސްއޫލުވެރިންނާ ބައްދަލުކުރައްވާނެއެވެ.

ޗައިނާގެ ނައިބު ރައީސް އެމެރިކާއަށް ޒިޔާރަތް ކުރައްވަމުން މިގެންދަނީ ޗައިނާގެ ޢަސްކަރީ ބާރާއި ސިޔާސީ ނުފޫޒު އިތުރުވަމުންދާތީ އެމެރިކާ ކަންބޮޑުވުން ފާޅުކުރަމުން ގެންދާ ދަނޑިވަޅެއްގައެވެ.

އެމެރިކާގެ މިވާހަކަތަކުގެ ރައްދުގައި ޗައިނާގެ ޢަސްކަރީ މަސްއޫލުވެރިއަކު އިއްޔެ ވިދާޅުވީ ޗައިނާގެ ޢަސްކަރީ ޢަޤީދާ އެމެރިކާއަށް ނުވިސްނޭތީ ކަންބޮޑުވާކަމަށާއި ޗައިނާ ކުރަމުން ގެންދަނި އެޤައުމުގެ ސިފައިންގެ ލަޝްކަރުތައް ތަރައްޤީކޮށް ޒަމާނީ ކުރުމުގެ މަސައްކަތް ކަމުގައެވެ. (ރޮއިޓާސް)