01 Jun 2021, 13:28
ރެވެނިއު ސްޓޭމް ޖެހުން ހުއްޓާލުމަށް ޓަކައި އެކަމަށް ހާއްސަކޮށްފައިވާ ގާނޫނު އުވާލުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލު ފާސްކުރަން، ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި އެވެ.
ނަވާރަސަތޭކަހަތްދިހަ ވަނަ އަހަރުން ފެށިގެން އަމަލު ކުރަމުން އައި، "އެކި އެކި ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުމުގެ ގާނޫނު" އުވާލުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ، އެމްޑީޕީ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާ މެމްބަރު އަލީ އާޒިމް އެވެ.
ބިލު ހުށަހެޅި ސަބަބުގެ ގޮތުގައި ބުނެފައި ވަނީ، އެ ގާނޫނަކީ ވަރަށް ދުވަސްވެފައިވާ ގާނޫނެއް ކަމަށާއި އެ ގާނޫނުގެ ސަށޫން ރެވެނިއު ސްޓޭމްޕް ޖެހުމުގެ ނިޒާމު ހިންގުމަށްތަކައި ހިނގާ ހަރަދާ އަޅާބަލާ އިރު ލިބޭ އާންމުދަނީއަކީ އެކަށީގެންވާ އާންމުދަނީއެއް ނޫން ކަމަށެވެ. އަދި އެއީ އާންމު ވިޔަފާރިތަކަށް ވެސް ވަރަށް ބޮޑު ދަތިތަކެއް ކުރިމަތިލާން ޖެހޭ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވެ އެވެ.
އެގޮތުން ރާއްޖޭގައި ވިޔަފާރިކުރުމަށް އޮތް ފުރުސަތުތައް ލުއިފަސޭހަކޮށްދިނުމަށްޓަ ކައި، ރެވެނި ސްޓޭމް ޖެހުމުގެ ނިޒާމް އުވާލުމުގެ މަގްސަދުގައި ބިލު ހުށަހެޅި ކަމަށް އާޒިމްގެ ބިލުގައިވެ އެވެ.
އެ ބިލު ފޮނުވީ މުޅި މަޖިލީހުގެ ކޮމިޓީ އަށެވެ. މުޅި މަޖިލީހުގެ ކޮމިޓީ އިން ނިންމާފައި ވަނީ، ބިލު ހުށަހަޅާފައިވާ ގޮތަށް ފާސްކުރުމަށެވެ. އެ ބިލު ދެން ފޮނުވާނީ މަޖިލީހުގެ ތަޅުމަށެވެ.