01 Jun 2021, 12:19
ރާއްޖޭގައި ކޮވިޑް19 އަށް ފަރުވާ ހޯދަމުން ދިޔަ އިތުރު ހަތަރު މީހަކު މިއަދު މަރުވެއްޖެ އެވެ.
މިއަދު މަރުވި ހަތަރު މީހުންގެ ތެރޭގައި ހިމެނެނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ ތިން މީހަކާއި، ބ. އޭދަފުށީ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ މީހެކެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނީ، ހުޅުމާލޭ ފެސިލީޓގައި ފަރުވާ ދެމުން ދިޔަ އުމުރުން 70 އަހަރުގެ ދިވެހި ފިރިހެނަކާއި، 50 އަހަރުގެ ދިވެހި ފިރިހެނަކާއި 59 އަހަރުގެ ދިވެހި އަންހެނެއް މިއަދު ހެނދުނު މަރުވެފައިވާ ކަމަށެވެ.
އޭދަފުށީ ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް މަރުވީ 87 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއީ ބ. އޭދަފުށިން މި ބަލީގައި މަރުވި ތިން ވަނަ މީހާ އެވެ.
މިއަދުގެ ހަތަރު މަރާއެކު، ކޮވިޑް19 އިން ރާއްޖޭގައި މަރުވި މީހުންގެ އަދަދު ވަނީ 165 އަށް އަރައިފަ އެވެ. މި ބަލީގައި އިއްޔެ ވެސް ރާއްޖެއިން ތިން މީހަކު ވަނީ މަރުވެފަ އެވެ.
ހުސްވި މެއި މަހަކީ މި ބަލީގައި އެންމެ ގިނަ ބަޔަކު ރާއްޖެއިން މަރުވި މަހެވެ. އެގޮތުން މެއި މަހު އެކަނި ވެސް ކޮވިޑުގައި ރާއްޖެ އިން 88 މީހަކު ވަނީ މަރުވެފަ އެވެ.