14 Feb 2012, 09:55
ޢިޝްޤު އާބާދު (ފެބްރުއަރީ 14) : މެދުތެރޭ އޭޝިޔާގެ ޤައުމެއް ކަމަށްވާ ތުރުކުމާނިސްތާނުގެ ރައީސް ޤުރްބާން މުޙައްމަދޯވް ރިޔާސީ ދެވަނަ ދައުރަކަށް އިންތިޚާބުވެ ވަޑައިގެންފިއެވެ.
މިދިޔަ ހޮނިހިރު ދުވަހު ތުރުކުމާނިސްތާނުގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ރައީސް މުޙައްމަދޯވް އާ 7 ކެންޑިޑޭޓުން ވާދަކުރެއްވިއިރު މިހުރިހާ ކެންޑިޑޭޓުންނަކީވެސް ސަރުކާރަށް ތާއީދުކުރާ ބޭފުޅުންކަމަށާއި އިދިކޮޅު އެންމެ ކެންޑިޑޭޓެއްވެސް އިންތިޚާބުގައި ވާދަނުކުރާ ކަމަށް އެޤައުމުގެ އިދިކޮޅު ފަރާތްތަކުން ބުނެއެވެ.
5 އަހަރުގެ އިތުރު ދައުރަކަށް މުޙައްމަދޯވް ހޮވިވަޑައިގަތީ ތުރުކުމާނިސްތާނުގެ ރިޔާސީި އިންތިޚާބުގައި ވޯޓުލީ މީހުންގެ 97% ގެ ތާއީދަކުން ކަމަށް އެޤައުމުގެ އިންތިޚާބުތަކާބެހޭ މަރުކަޒީ އޮފީހުން ބުނެއެވެ. ތުރުކުމާނިސްތާނަކީ ގުދްރަތީ ގޭހުގެ މުއްސަނދިކަން ލިބިފައިވާ އިސްލާމީ ޤައުމެކެވެ. އެޤައުމުގެ އާބާދީއަކީ 5.5 މިލިޔަން މީހުންނެވެ.
ތުރުކުމާނިސްތާނުގެ އިންތިޚާބަކީ ވާދަވެރިކަންނެތް އިންތިޚާބަކަށްވާތީ އެއިންތިިޚާބަށް އެއްވެސް ސަމާލުކަމެއް ނުދޭކަމަށް ބައިނަލްއަޤްވާމީ މަދަނީ ޖަމްޢިއްޔާ ޖަމާއަތްތަކާއި ޔޫރަޕިޔަން އޮގަނަިއޒޭޝަން ފޯރ ސެކިއުރިޓީ އެންޑް ކޯރޕަރޭޝަން ބުނެއެވެ. ތުރުކުމާނިސްތާނަކީ ކުރީގެ ސޮވިއެޓް ޔުނިޔަން ރޫޅިގެން ދިޔުމާއެކު އުފެދުނު ޤައުމެކެވެ. ހުޅަނގުގެ ސްޓައިލްގެ ޑިމޮކްރަސީ އެޤައުމަށް އަދި އައިސްފައެއް ނުވެއެވެ.
ދުލާއި ގަލަމުގެ މިނިވަންކަމާއި މީޑިޔާގެ މިނިވަންކަން ތުރުކުމާނިސްތާނުގައި ނެތްކަމަށްބުނެ އިންސާނީ ޙައްޤުތަކާބެހޭ ޖަމްޢިއްޔާއެއް ކަމަށްވާ ހިޔުމަން ރައިޓްސް ވޮޗް އިންވަނީ ތުރުކުމާނިސްތާނުގެ އިންސާނީ ޙައްޤުތަކުގެ ރެކޯޑަށް ފާޑުކިޔާފައެވެ.
ތުރުކުމާނިސްތާނުގައި އިންތިޚާބުތައް ބާއްވަނީ ސިޔާސީ ވާދަވެރި ފަރާތްތަކަށް ފުރްސަތު ނުދީ ކަމަށްބުނެ ހިޔުމަން ރައިޓްސް ވޮޗް އިންވަނީ އެޤައުމަށް ފާޑުކިޔާފައެވެ. (އަލްޖަޒީރާ)