ކުއަލަލަމްޕޫރު (ޖޫން 1): މެލޭޝިއާގެ ބޮޑުވަޒީރު މުހިއްޔުއްދީން ޔާސީން އާއި ކެބިނެޓު މިނިސްޓަރުން މި މަހުން ފެށިގެން ތިން މަސް ވަންދެން މުސާރަ ނުނަންގަވާނެކަން އިއުލާންކޮށްފި އެވެ.

ބޮޑުވަޒީރު މުހިއްޔުއްދީން ވިދާޅުވި ގޮތުގައި އޭނާ އާއި ކެބިނެޓު މިނިސްޓަރުންގެ މުސާރަތައް އެބޭފުޅުން ބޭނުން ކުރެއްވުމުގެ ބަދަލުގައި އެ ފައިސާ ދޭނީ ކޮވިޑް-19އާ ގުޅުން ހުރި ހަރަދުތަކަށް ހޭދަ ކުރުމަށް ނެޝަނަލް ޑިޒާސްޓާ ރިލީފް ޓްރަސްޓް ފަންޑަށެވެ. އަދި އެއީ ސަރުކާރުން ފްރޮންޓްލައިން ހެލްތު ވޯކަރުންނާއި ގައުމުގެ ރައްޔިތުންނާ އެކު އޮތްކަން ސާބިތުކޮށް ދިނުމަށް އެޅި ފިޔަވަޅެކެވެ.

މިދިޔަ އަހަރުވެސް މެލޭޝިއާގެ ބޮޑުވަޒީރާއި މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުން ވަނީ ދެ މަހުގެ މުސާރަ ކޮވިޑް-19 ފަންޑަށް ހަދިޔާ ކުރައްވައިފަ އެވެ.

ބޮޑުވަޒީރު މުހިއްޔުއްދީން މިދިޔަ އަހަރުގެ ޖޫން މަހު މެލޭޝިއާގެ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހާމަ ކުރެއްވި ގޮތުގައި އޭނާގެ މުސާރަ މަހަކަށް 93،841.65 ރިންގިޓަށް (22,752.26 ޑޮލަރަށް) އަރަ އެވެ.

މެލޭޝިއާގައި ކޮވިޑް-19ގެ ކޭސްތައް ރެކޯޑު އަދަދަކަށް އެރުމާ ގުޅިގެން އެގައުމުގެ ފުރަބަންދުގެ ފިޔަވަޅުތައް މިއަދުން ފެށިގެން ވަނީ އިތުރަށް ހަރުކަށި ކޮށްފަ އެވެ. އެގޮތުން މި މަހުގެ 14އާ ޖެހެންދެން ޒަރޫރީ ހިދުމަތްތައް ފިޔަވައި ހުރިހާ އިޖުތިމާއީ އަދި އިގުތިސާދީ ހަރަކާތްތައް ކުރިއަށް ގެންދިޔުން ވަނީ މަނާކޮށްފަ އެވެ.

ބޮޑުވަޒީރު މުހިއްޔުއްދީން ވަނީ ފުރަބަންދުގެ ސަބަބުން އިގުތިސާދީ ގޮތުން ގެއްލުން ލިބޭ ފަރާތްތަކަށް އެހީވުމަށް ނުވަ ބިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއް އިއުލާން ކުރައްވާފަ އެވެ.

މެލޭޝިއާގައި މިހާތަނަށް 572،000އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހި، ބަލީގައި 2،796 މީހަކު މަރުވެފައިވެ އެވެ.