01 Jun 2021, 10:36
ލަންޑަން (ޖޫން 1) : އިސްރާއީލުން ފަލަސްތީނުގެ ބިންތަކުގައި ހިންގާ ހަނގުރާމައިގެ ޖަރީމާތައް ބަލައި ތަހްގީގްކޮށް އެޖަރީމާތަކުގެ ފަހަތުގައިވާ އިސްރާއީލުގެ ސިފައިންނާއި ވެރިން ބައިނަލްއަގްވާމީ އިންސާފުގެ ކުރިމައްޗަށް ހާޒިރުކުރުގެ ކަންތައް ކުރިޔަށް ގެންދިޔުމަށް ޔޫރަޕްގެ ކުރީގެ ވަޒީރުންނާއި ބޮޑުވަޒީރުން ބައިނަލްއަގްވާމީ ޖިނާއީ ކޯޓަށް ގޮވާލައްވައިފި އެވެ.
މިއީ މީގެކުރިން ޔޫރަޕްގެ މިފެންވަރުގެ ބޭފުޅުން އިސްރާއީލާ ދެކޮޅަށް ނުބުނާވަރުގެ ބަހެއް
ބައިނަލްއަގްވާމީ ޖިނާއީ ކޯޓަށް ފޮނުއްވި ސިޓީއެއްގައި ޔޫރަޕްގެ ކުރީގެ ވަޒީރުންނާއި ބޮޑުވަޒީރުން ގޮވާލައްވާފައި ވަނީ އިސްރާއީލުގެ ބިރުދެއްކުންތަކުގެ ކުރިމަތީގައި ކުޑަަކަކޫ ނުޖެހުމަށާއި އިސްރާއީލުން ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ހިންގާ ގަތްލުއާންމުތަކާއި ވަކިވަކިފަރުދުން މެރުމުގެ ޖަރީމާތަކާ އަދި ފަލަސްތީނު މީހުން އެމީހުންގެ އަވަށްތަކާއި ގެދޮރުން ނެރުމާއި ފަލަސްތީނުގެ މަދަނީ ތަންތަނަށް ބޮންއަޅައި 260 އަށްވުރެ ގިނަ އާންމުން ޝަހީދުކޮށް ދާދިފަހުން ވެސް ހިންގާފައިވާ އިރު މި ޖަރީމާތައް ތަހްގީގްނުކޮށް ދޫކޮށްލާ މައްސަލަ މިހާރު ނިމުމަކަށް ގެންނަންވެއްޖެ ކަމުގަ އެވެ.

ޣައްޒާގެ ހަނގުރާމައިގާ އެންމެފަހުން އިސްރާއީލު ޝަހީދުކޮށްލި ފަލަސްތީނުގެ ބައެއް ކުޑަކުދިން
މިއީ މީގެކުރިން ޔޫރަޕްގެމިފަދަ ބޭފުޅުން ގޮވާލައްވާފައިވާ ގޮވާލުމެއް ނޫނެވެ. އެެހެންކަމުން މިއީ އެބޭފުޅުން ބިރު ކަނޑާލައި އިސްރާއީލާ ދެކޮޅަށް ބަސްބުނަންފެށުމުގެ ކޮޅުމަތި ކަމަށް މުރާސިލުން ވަނީ ސިފަކޮށްފަ އެވެ. އިސްރާއީލާ ދެކޮޅަށް ބައިނަލްއަގްވާމީ ޖިނާއީ ކޯޓަށް ފޮނުއްވި ސިޓީގައި ޔޫރަޕްގެ ކުރީގެވަޒީރުންނާއި ބޮޑުވަޒީރުންގެ 50 ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ.
އިސްރާއީލާ ދެކޮޅަށް ބަސްބުނާ ފަރާތްތަކުގެ އަޑު ކަނޑުވާލަނީ "އެންޓި ސެމެޓިކް" ބޭނުންކޮށް މީހުން ބްލެކްމެއިލް ކޮށްގެން
އިސްރާއީލުން ހިންގާ ޖަރީމާތައް ބެލުމަކީ "އެންޓި ސެމެޓިކް" (ޔަހޫދީންނާ ޖައްސާލައި އެމީހުން ނިކަމެތިކޮށް އެމީހުންނާ ހަސަދަވެރިވުން) ކަމަށް އިސްރާއީލާއި އިސްރާއީލަށް ވާގިވެރިވާ ފަރާތްތައް ދެކޭ ދެކުމަކީ ވެސް ގަބޫލު ކުރެވޭނެކަމެއް ނޫންކަމަށް އެސިޓީގައި ޔޫރަޕްގެ ކުރީގެ ވަޒީރުންނާއި ބޮޑުވަޒީރުން ބަޔާން ކުރައްވާފައިވާ ކަމަށް ލަންޑަންގައި ނުކުންނަ "ދަ ގާޑިއަން" ނޫސް ބުނެ އެވެ.
އިސްރާއީލުން ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް ހިންގާ ކަމަށް ބެލެވޭ ހަނގުރާމައިގެ ޖަރީމާތައް ތަހްގީގް ކުރަން 2020 ވަނަ އަހަރު ބައިނަލްއަގްވާމީ ޖިނާއީ ކޯޓުން ނިންމުމުން އިސްރާއީލުންވަނީ އެއީ "އެންޓި ސެމެޓިކް" (ޔަހޫދީންނާ ޖައްސާލައި އެމީހުން ނިކަމެތިކޮށް އެމީހުންނާ ހަސަދަވެރިވެ އުޅޭ) ކޯޓެއްކަމަށް ސިފަކޮށް އެކޯޓުގެ މަސައްކަތަށް ހުރަސްއެޅުމަށާއި އެކޯޓުގެ ޕްރޮސެކިއުޓަރުންނާއި ފަނޑިޔާރުން ބްލެކްމެއިލް ކުރުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ފަށައިފަ އެވެ.
އެމެރިކާވަނީ އިސްރާއީލުގެ ޖަރީމާތައް ތަހްގީގްކުރާ ފަނޑިޔާރުންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައި
އިސްރާއީލުގެ މިމަސައްކަތަށް ހިއްވަރު ދިނުމުގެ ގޮތުން އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާ ވަނީ އިސްރާއީލުގެ ޖަރީމާތައް ތަހްގީގްކުރާ ޖިނާއީ ކޯޓުގެ ފަނޑިޔާރުންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި އެމީހުން އެމެރިކާ އަށް ވަނުން ވެސް މަނާކޮށްފަ އެވެ.

އިސްރާއީލުން ޣައްޒާގެ އާންމުންގެ ގެދޮރު ތަޅައި ސުންނާފަތިކޮށްލާފައި
ނަމަވެސް ޓްރަމްޕްގެ ވެރިކަން ނިމި ޖޯބައިޑެން ވެރިކަމާ ހަވާލުވެވަޑައިގަތުމުން އެމެރިކާ ވަނީ އިސްރާއީލުން ހިނގާ ހަނގުރާމައިގެ ޖަރީމާތަކުގެ ދިފާއުގައި ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގެ ފަނޑިޔާރުންނާ ދެކޮޅަށްއެޅި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައިފަ އެވެ. ނަމަވެސް ދާދިފަހުން އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ހިންގި ކަމަށް ބެލެވޭ ހަނގުރާމައިގެ ޖަރީމާތައް ބަލައި އެކަން ތަހްގީގް ކުރުމަށް އިންސާނީ ހައްގުތަކާބެހޭ އދ.ގެ ކައުންސިލުން ނިންމި ނިންމުމަށް ބައިޑެންގެ ސަރުކާރުންވަނީ ފާޑުކިޔައި އެއީ ބަލައިގަނެވޭނެ ނިންމުމެއް ނޫންކަމަށް ބުނެފަ އެވެ.
އިސްރާއީލުން ފަލަސްތީނުގައި ހިންގާ ގަތްލު އާންމުތަކާއި ހަނގުރާމައިގެ ޖަރީމާތައް ބަލައި ތަހްގީގްކޮށް އެޖަރީމާތަކުގެ ފަހަތުގައިވާ އިސްރާއީލުގެ ސިފައިންނާއި ވެރިން ބައިނަލްއަގްވާމީ އިންސާފުގެ ކުރިމައްޗަށް ހާޒިރުކުރުގެ ކަންތައް ކުރިޔަށް ގެންދިޔުމަށް ގޮވާލެއްވި ޔޫރަޕްގެ ކުރީގެ ވަޒީރުންނާއި ބޮޑުވަޒީރުންނަކީ އެބޭފުޅުން މަގާމުގައި ތިއްބެވި ދުވަސްވަރު އިސްރާއީލުން ހިންގި މިފަދަ ޖަރީމާތަކަށް ބީރު ކަންފަތެއް ދެއްވި ނުވަތަ އިސްރާއީލުގެ ހިމާޔަތުގައި ވަކާލާތު ކުރެއްވި ބޭފުޅުންނެވެ.
އިސްރާއީލާ ޖެހުނީމާ އެމެރިކާއާއި ޔޫރަޕްގެ ވެރިން ޖެހެން ޖެހެނީ ފަހަތަށް
މިއީ އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުގެ އިސްވެރިންގެ ގޮތުގައި ތިއްބަވާ ބޭފުޅުންނަށް އިސްރާއީލާ ޖެހުނީމާ ކުރިމަތިވާ ދަތިތަކާއި ބިރުދެއްކުންތަކާ އަދި ހުރަސްތައް ހުރިމިންވަރު ހާމަކޮށްދޭ ކަމެކެވެ.
އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ގަތްލުއާންމުތަކާއި ހަނގުރާމައިގެ ޖަރީމާތަށް ކުށްވެރިކޮށް އެކަމުގެ ހަގީގަތް ހަމަކުރާ ފަރާތްތަކުގެ އަޑު ކަނޑުވާލައި ބްލެކްމެއިލް ކުރުމަށް ޓަކައި އިސްރާއީލާއި އިސްރާއީލަށް ވާގިވެރިވާ ޔަހޫދީ ޒަޔަނިސްޓް ޖަމާއަތްތަކާ އަދި އެވެންޖެލިކަލްސް (އިންޖީލީ ފިކުރުގެ ނަސާރާ ޖަމާއަތްތައް) ބޭނުން ކުރަމުން ގެންދަނީ އެއި "އެންޓި ސެމެޓިކް" (ޔަހޫދީންނާ ޖައްސާލައި އެމީހުން ނިކަމެތިކޮށް އެމީހުންނާ ހަސަދަވެރިވެ އުޅޭ) ބައެއް ކަމުގެ ތުހުމަތެވެ.
އިސްރާއީލުގެ އަނިޔާވެރި އަމަލުތަކާ މުޅި ޔަހޫދީ ދަރިކޮޅާ ނުވަތަ ޔަހޫދީންގެ ދީނާ އެއީ މުޅިން ދެއެއްޗެކެވެ. ޔަހޫދީންގެ ތެރޭގައި ވެސް އިސްރާއީލާ އިދިކޮޅު އެތަށް ބަޔަކު އުޅެ އެވެ. ނަމަވެސް "އެންޓި ސެމިޓިކް"ގެ ނަމުގައި އިސްރާއީލު ޒަމާނުއްސުރެ ގެންގުޅޭ އިސްތިއުމާރީ މި އައިޑިއޮލޮޖީއަކީ އެމެރިކާއާއި ޔޫރަޕްގެ ގިނަ ބަޔަކު ޖެހެ އެވެ. އަދި އެެ އައިޑިއޮލޮޖީ ބޭނުންކޮށްގެން އިސްރާއީލުގެ ޖަރީމާތައް ހިމާޔަތް ކުރަން އެމެރިކާއާއި ޔޫރަޕްގެ ސަރުކާރުތަކާއި ހުޅަނގުގެ މިޑިއާތައް މަސައްކަތް ކުރަމުން ގެންދެ އެވެ.
"އެންޓި ސެމިޓިކް" އައިިޑިއޮލޮޖީ ނުވަތަ އެޓާމް އަކީ އިސްރާއީލުގެ ޖަރީމާތަކާބެހޭ އަޑުތައް ކަނޑުވާލުމަށް ހިންގާ ސިޔާސީ ކަންތައްގަނޑެއްކަން އެމެރިކާއާއި ޔޫރަޕްގެ އާންމުންނަށް ވެސް މިހާރުދަނީ އެނގި އިސްރާއީލުގެ ހަގީގަށް ބޭޒާރުވަމުންނެވެ.