31 May 2021, 23:14
އައްޑޫ ސިޓީގައި އަޅަން އިންޑިއާ އިން ނިންމާފައިވާ ކޮންސިއުލޭޓަކީ އިގްތިސޯދީ ފައިދާއެއް ގެނުވާނެ ކަމެއް ނޫން ކަމަށާއި، އެއީ އައްޑޫގައި އިންޑިއާ އިން އަޅާ މިލިޓަރީ ބޭސް އަށް ދޭ "ޑިޕްލޮމެޓިކް ކަވަރެއް" ކަމަށް ދިވެހި ނެޝަނަލް އެކްޝަން (ޑީއެންއޭ) އިން ބުނެފި އެވެ.
ޑީއެންއޭގައި އިސްކޮށް މަސައްކަތް ކުރައްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ އިންޑިއާ އިން މަސައްކަތް ކުރަނީ އައްޑޫގައި މިލިޓަރީ މަރުކަޒެއް ގާއިމުކުރުމަށް ކަމަށެވެ.
އެ މަސައްކަތް ސިފަވަނީ ކަސްޓަމްސް އަށް އޮޅުވާލުމަށް، ސައިކަލެއް ރޫޅާލައިގެން ފަހަރަކު ބައެއް އެތެރެކުރާ ގޮތަށް، ދިވެހިންނަށް އޮޅުވާލުމަށް އެކި ފަހަރު އެކި ބައި ގެނެސްގެން، އައްޑޫ އަތޮޅުގައި މިލިޓަރީ މަރުކަޒެއް ރާވާ ގޮތަށް ކަމަށެވެ .
"ފުރަތަމަ އައްޑޫއަށް ގެނައީ ހެލިކޮޕްޓަރަކާ ސިފައިން، ދެން ގެނައީ ރާޑާ ސްޓޭޝަން. ދެން މި ހެދީ މިލިޓަރީ ބޭސް އަކަށް ބޭނުންކުރެވޭ ވަރުގެ، ވަރުގަދަ އިމާރާތެއް. ދެން ޑިޕްލޮމެޓިކް ކަވަރު ދިނުމަށް މި ގެންނަނީ ކޮންސިއުލޭތް އޮފީހެއް،" އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ސަރުކާރަށް ނިސްބަތްވާ ސިޔާސީ ފަރާތްތަކަށް ހީވަނީ، ކޮންސިއުލޭޓު އޮފީހަކީ "ޝޮޕިން މޯލް އެއް" ފަދަ ވިޔަފާރިއެއް ކަމަށެވެ. އައްޑޫ ސިޓީގެ ގަމާއި، ޝަންގްރިއްލާ އަދި ކެނެރީފް ބަންދުވެ، އައްޑޫ ރައްޔިތުން ވަޒީފާ ގެއްލިފައިވާ ކަމަށާއި، މިފަދަ ދަނޑިވަޅެއްގައި، ސަރުކާރުން ވައުދުވި 8000 އެނދު ތަރައްގީނުކޮށް، އިންޑިއާގެ މިލިޓަރީ ބޭސް އެއް ގާއިމުކުރުން ވެގެންދާނީ، އިންވެސްޓަރުން އައްޑޫ އަތޮޅަށް އައުމަށް ޖެހިލުންވާނެ ކަމަކަށް ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
"ޓޫރިޒަމް އާ އެނޫން ވެސް ވިޔަފާރިތަކަށް ލިބޭ ހީނަރު ކަމަކަށް. އަދި އިންޑިއާއަކީ މުއްސަނދި ގައުމަކަށް ނުވާތީ، މި ބޭސްގެ ސަބަބުން އައްޑޫގެ އިގްތިސޯަދަށް ކުރާނެ ފައިދާއެއް ނޯންނާނެ. އިނގެރޭސިން ތިބިއިރު ކުރި ކަހަލަ އެއްވެސް އިގްތިސޯދީ ފައިދާއެއް ނުކުރާނެ،" އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ މީ އައްޑޫގެ އިގްތިސޯދަށް ލިބޭނެ ގެއްލުމެއްގެ އިތުރުން، މުޅި ގައުމުގެ މިނިވަންކަމަށް އަންނަ ގޮންޖެހުމެއް ކަމަށެވެ.
"މީ ދުރު ރާސްތާގެ ޕްލޭނެއްގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުގަ، އެކި ނަން ނަމުގައި އިންޑިއާގެ މިލިޓަރީ ބޭސްތައް ގާއިމުކުރުމަށް ހިންގާ ފުޅާ ޕްރޮގްރާމެއް. އުތުރު ތިލަފަޅުގައި އިންޑިއާ އިން ހަދާ އިމާރާތްތަކާ، ހދ. ހަނިމާދޫގަ ތިބި އިންޑިއާ ސިފައިންނާ އެމީހުންގެ ޑޯނިއާ މަތިންދާބޯޓާ، ލ. ގަމުގައި ތިބި އިންޑިއާގެ ސިފައިންނާ އެމީހުންގެ ހެލިކޮޕްޓަރާ، އައްޑޫގައި ގާއިމުކުރާ އެމީހުންގެ ވަސީލަތްތަކަށް ބަލައިލުމުން، މި ހިނގަނީ ކޮން ކަމެއް ކަން ވަރަށް ސާފު. މީ ދިވެހި ދައުލަތުގެ ވެރިންގެ ތިލަ ވިސްނުމުގެ ސަބަބުން ދިމާވަމުންދާ ކަމެއް، މީގެ ނޭދެވޭ އަސަރު ދިވެހިންގެ މިނިވަންކަމަށް ކުރާނެ،" އުމަރު ވިދާޅުވި އެވެ.
އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް އައްޑޫގައި ގާއިމު ކުރަން އިންޑިއާއިން ނިންމާފައި ވަނީ، އިންޑިއާގެ އަތް ރާއްޖޭގެ މައްޗަށް ގަދަ ކުރަން މަަސައްކަތް ކުރާ ކަމުގެ އަޑު ގަދަވެފައި ވަނިކޮށެވެ. އަދި އެކަމާ ދެކޮޅަށް އެންމެ ބާރަށް އަޑުއުފުލާ އެއް ބޭފުޅަކީ އުމަރު ނަސީރެވެ.
އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓް ޖެނެރަލް އެއް ގާއިމުކުރަން، އިންޑިއާގެ ކެބިނެޓުން ވަނީ ފާސްކޮށްފަ އެވެ. އެހެން ނަމަވެސް އެ ނިިންމުމަށް އަމަލީ ސިފަ އަންނާނީ ދިވެހި ސަރުކާރުން އެއްބަސްވުމުންނެވެ.