ކޮވިޑް19 އަށް ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު އައިޖީއެމްއެޗްގެ އީއާރް އަށް ގެންދިޔަ 58 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެފައިވާ ކަމަށެވެ. އަދި އޭނާ ކޮވިޑަށް ޕޮޒިޓިވް ކަމަށާއި، އެއީ ކޮވިޑްގެ މަރެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ.

މިއީ ކޮވިޑް ޖެހިގެން މިއަދު މަރުވި ތިން ވަނަ މީހާ އެވެ. މިއާއެކު ރާއްޖެއިން ކޮވިޑުގައި މަރުވި މީހުންގެ ޖުމްލަ ވަނީ 161 އަށް އަރައިފަ އެވެ.

މި މެއި މަހަކީ މި ބަލީގައި އެންމެ ގިނަ ބަޔަކު ރާއްޖެއިން މަރުވި މަހެވެ.

އިއްޔެ އާ ހަމައަށް ރާއްޖެއިން މިހާތަނަށް 63،600 އަށްވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން ބަލިން ފަސޭހަވެފައި ވަނީ 39،314 މީހުންނެވެ. ބަލި ޖެހިފައި އަދިވެސް 24،205 މީހުން އެބަ ތިބި އެވެ. އޭގެ ތެރެއިން 218 މީހަކަށް ފަރުވާ ދެމުން އަންނަނީ، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.