މާލޭގެ މިސްކިތްތަކުން ފެން ކަނޑާލައި، ފާހާނާތައް ބޭނުންނުކުރެވޭ ގޮތަށް މިސްކިތްތައް އެއްކޮށް ބަންދުކުުމަކީ، ޕޮލިސީ ގްރޫޕުގެ ނިންމުމެއް ކަން ހާމަވެއްޖެ އެވެ.

މާލޭގެ މިސްކިތްތަކަށް ނަމާދަށް ނޭރޭ ގޮތަށް މިސްކިތްތައް ބަންދުކުރުމުން، އިސްލާމިކް މިނިސްޓްރީއަށާއި މާލެ ސިޓީ ކައުންސިލަށް ވެސް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ.

މިސްކިތައްތައް ބަންދުކުރަން ނިންމީ މި މަހުގެ 26 ވަނަ ދުވަހު ރައީސް އޮފީހުން ކޮވިޑް19 އާ ގުޅޭގޮތުން ޕޮލިސީ ގްރޫޕުގެ ބޭފުޅުންނާއެކު ބޭއްވި ބައްދަލުވުމުގަ އެެވެ.

އެ ބައްދަލުވުމުގައި ނިންމާފައި ވަނީ ކާފިއު ވަގުތުތަކުގައި މިސްކިތްތައް ބޭނުންކުރަމުންދާތީ، މިސްކިތްތަކުގެ ފެން ކަނޑަލުމާއި ފާހާނާތައް ބަންދުކުރުމަށާއި އަދި ނަމާދު ވަގުތުތަކުގައި މިސްކިތްތައް ހުންނަ ސަރަހައްދުތަކުގައި ހަރަކާތްތެރިވުމަށެވެ.

އެ ނިންމުމާއެކު، މި މަހުގެ 29 ވަނަ ދުވަހު އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް ސޮއިކުރައްވާ އިން މާލެ ސިޓީގެ މޭޔަރު، ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ މާލެ ސިޓީގައި ކޮވިޑް19 ފެތުރޭ މިންވަރު ވަރަށް ބޮޑުތަން އިތުރުވެފައި ވާތީ، އަޅަފައިވާ ފިޔަވަޅުތައް ތަންފީޒު ނުކުރެވޭ މައްސަލައިގައި ޕޮލިސީ ގްރޫޕުގައި މަޝްވަރާކުރެވުނު ކަމަށެވެ.

މިސްކިތްތައް ވަގުތީ ގޮތުން ބަންދުކުރަން ޕޮލިސީ ގްރޫޕުން ނިންމީ މިސްކިތްތަކާއި މިސްކިތްތަކުގެ ފާހާނާތަކާއި އިސްކުރުބަރިތައް ބަންދުނުކޮށް ހުންނާތީ އަދިވެސް ގިނަ ބަޔަކު އެތަންތަން ބޭނުންކުރާތީ ބަލި ފެތުރުން އިތުރުވުމުގެ ފުރުސަތު އޮތް ކަމަށް ފެންނާތީ ކަމަށް ސިޓީގައިވެ އެވެ.

އެހެންކަމުން، ޕޮލިސީ ގްރޫޕުގެ ނިންމުމާ އެއްގޮތަށް ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި މިސްކިތްތައް ބަންދުކޮށް ބޭނުން ނުކުރެވޭ ގޮތަށް މިސްކިތްތަކުގެ ފެން ކަނޑާލުމަށާއި، މިސްކިތްތަކުގެ ފާހާނާތައް ބަންދުކުރަން އެލްޖީއޭ އިން ވަނީ އަންގައިފަ އެވެ.

ކޮވިޑް19 އާ ގުޅިގެން މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި މިސްކިތްތަކުގައި ޖަމާއަތް ހެދުން ހުއްޓާލާފައި އޮތް އިރުވެސް، މިސްކިތް ނަޖިސްކުރުމާއި، މިސްކިތުން ފެންވަރައި، މިސްކިތުގައި ނިދާ ހަދާތީ، މިސްކިތްތަކުން ވަނީ ފެން ކަނޑާލައިފަ އެވެ. އަދި މިސްކިތްތައް އެއްކޮށް ބަންދުކުރި އެވެ.

ފަހުން މިސްކިތްތައް ހުޅުވާލައި، ގައިދުރުކޮށް ޖަމާއަތް ހެދުމުގެ ހުއްދަ ދިނެވެ. ނަމަވެސް މި އަހަރުގެ ކޮވިޑް ފެތުރުން އިންތިހާއަށް މައްޗަށް ދިއުމާ ގުޅުގެން، މެއި މަހުގެ 12 ވަނަ ދުވަހުން ފެށިގެން މިސްކިތްތަކުގައި ޖަމާއަތް ހެދުން އަނެއްކާވެސް އޮތީ މަނާކޮށްފަ އެވެ. އަދި މި މަހުގެ 27 އިން ފެށިގެން މިސްކިތްތައް ވަނީ ބަންދުކޮށްފަ އެވެ.

މިސްކިތްތައް އެއްކޮށް ބަންދުކުރުމާ ގުޅިގެން އިލްމުވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި މިސްކިތތައްް ހުޅުވަން ގޮވާލާ އަޑުވެސް ވަނީ ގަދަވެފަ އެވެެ.