31 May 2021, 18:31
ކޮވިޑް19 އާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ހިލާފުވި 913 މީހަކު ޖޫރިމަނާކޮށްފި އެވެ.
ކޮވިޑް19 ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މާސްކު ނާޅާ އުޅޭ މީހުންނާއި ކާފިއު ވަގުތު ބޭރަށް ނިކުމެ އުޅޭ މީހުން އަދި ހުއްދަ ނެތި އުޅަނދު ދުއްވާ މީހުން ޖޫރިމަނާކޮށް ފިޔަވަޅު އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ އިއްޔެގެ 18:00 އާ ހަމައަށް، ކާފިއު ވަގުތު ބޭރުގަައި އުޅުނު 631 މީހަކު ޖޫރިމަނާ ކުރި ކަމަށެވެ. އަދި މާސްކު ނާޅާ އުޅުނު 208 މީހަކު ވެސް ޖޫރިމަނާ ކުރި ކަމަށް މަބްރޫކު ވިދާޅުވި އެވެ.
މާލެ ސީޓީގައި ބަލި ފެތުރުން ހުޓުވުމަށް މާލޭ ސިޓީގެ ކާފިއުގެ ވަގުތު ހަވީރު 4:00އިން ރޭގަނޑު 8:00އަށް ކާފިއު ވަނީ އިތުރުކޮށްފަ އެވެ. އަދި އެނޫން ގަނޑިތަކުގައިވެސް ބޭރުގައި އުޅެވޭނީ ހާއްސަ ހުއްދައަކާ އެކުއެވެ. ކޮންމެ ގެއަކަށް ލިބެނީ ދެ ވަގުތަކަށް ދެ ހުއްދަ އެވެ.
މާސްކު ނާޅާ އުޅޭ މީހުންނާއި ކާފިއު އާ ހިލާފުވާ މީހުން ޖޫރިމަނާ ކުރަނީ 1،000 ރުފިޔާ އިންނެވެ.
ކެފޭ/ފިހާރަ/ސެލޫން ފަދަ ތަންތަން ހުޅުވައިގެން ހިދުމަތް ދިނުމާ ގުޅިގެން 74 މީހަކު ވެސް އިއްޔެ ވަނީ ޖޫރިމަނާކޮށްފަ އެވެ. އޭގެ ތެރޭގައި އެފަދަ ތަނަކުން ހިދުމަތް ހޯދި މީހުން ވެސް ހިމެނެ އެވެ.
ކެފޭ، ހޮޓާ، ރެސްޓޯރަންޓުތައް ފަދަ ތަންތަނުން ދެވޭނީ ހަމައެކަނި ޓެކްއަވޭ އަދި ޑެލިވަރީގެ ހިދުމަތެވެ. ފުލުހުންގެ ހުއްދައާ އެކު މެންދަމު 12 އާ ހަމައަށް ޑެލިވަރީ ހިދުމަތުގެ ފުރުސަތު ދޭނެ އެވެ. ނަމަވެސް ގައިޑްލައިންއާ ހިލާފުވާ ވިޔަފާރިތައް 24 ގަޑިއިރަށް ބަންދު ކުރާނެ އެވެ.
ކޮވިޑް19ގެ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ފުލުހުންނާއެކު ސިފައިން ވެސް މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ.
ވިޔަފާރިތަކުން ކޮވިޑް އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ތަންފީޒުކުރާ މިންވަރު ބެލުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އަންނަނީ މާސް އިންސްޕެކްޝަނެއް ކުރިއަށް ގެންދަމުންނެވެ.
މަބްރޫކް ވިދާޅުވީ އިއްޔެ ކުރިއަށް ގެންދިޔަ އިންސްޕެކްޝަންގައި 142 ތަނެއް އިންސްޕެކްޓް ކުރެވިފައިވާ ކަމަށާއި، އޭގެ ތެރެއިން 137 ތަނެއްގައި މައްސަލައެއް ނެތް ކަމަށެވެ. ނަމަވެސް ފަސް ތަނެއްރީއިވެލުއޭޓްކުރަން ނިންމާފައިވާ ކަމަށެވެ.