ލަންޑަން (މޭ 31) : ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި އެންމެ ބޮޑަށް ނާކާމިޔާބުވެފައިވަނީ ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތައް ކަމަށް ތަފާސް ހިސާބުތަކާ ހަވާލާދީ ރިޕޯޓްތައް ބުނެފިއެވެ.

މިކަމާބެހޭގޮތުން ރޮއިޓާސްގައި ޝާއިޢުކޮށްފައިވާ ރިޕޯޓެއް ބުނާގޮތުން މުޅި ދުނިޔެއަށް ބަލާއިރުވެސް ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 18 އިންސައްތަ މީހުން ހިމެނެނީ ދެކުނު އޭޝިޔާ ސަރަހައްދުގެ ޤައުމުތަކުގައެވެ. އަދި ކޮވިޑްގައި މަރުވި މީހުންގެ ތެރެއިންވެސް 10 އިންސައްތަ މީހުން ހިމެނެނީ ދެކުނު އޭޝިޔާގެ ޤައުމުތަކުގައެވެ.

ކޮވިޑް ދުނިޔެއަށް ފެތުރުނުތާ ކުރީކޮޅު 2020 ވަނަ އަހަރުގެ ރިޕޯޓްތައް ބުނާގޮތުން އެބަލި ކޮންޓްރޯލް ކުރުމަށް އެންމެ ބޮޑަށް ނުކުޅެދުނު އަދި އެބަލީގައި އެންމެ ގިނަ ބަޔަކު މަރުވި ގައުމުތަކުގެ ކުރީ ސަފުގައި އުޅުނީ އެމެރިކާއާއި ބްރަޒީލް އާއި ޔޫރަޕްގެ ގައުމުތަކެވެ. ޚާއްސަކޮށް އިޓަލީ އާއި ސްޕޭން އާއި އިނގިރޭސިވިލާތް ފަދަ ގައުމުތަކެވެ. ނަމަވެސް 2021 ވަނަ އަހަރު މިހާލަތުވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ.

2021 ވަނައަހަރުގެ ތަފާސްހިސާބުތައް ދައްކާގޮތުން ކޮވިޑް ކޮންޓްރޯލް ކުރުމުގައި އެންމެ ނުކުޅެދިފައިވާ ގައުމުތައް ހިމެނެނީ ދެކުނު އޭޝިއާ ސަރަހައްދުގައެވެ. އަދި އެބަލީގައި މަރުވާމީހުންވެސް އެންމެ ގިނައީ ނިސްބަތުން ދެކުނު އޭޝިއާގެ ގައުމުތަކުގައެވެ. ދެކުނު އޭޝިޔާގެ ގައުމުތައް ކަމަށްވާ އިންޑިއާ، ބަންގްލަދޭޝް، ޕާކިސްތާން، ނޭޕާލް ފަދަ ގައުމުތަކުގައި ކޮވިޑް ޖެހުނު މީހުންނާއި މަރުވި މީހުންގެ އަސްލު ޢަދަދުތައް ރިޕޯޓްކޮށްފައިވާ އަދަދުތަކަށްވުރެ އެތައް ގުނައެއް އިތުރުވާނެކަމަށް ތަޖްރިބާކާރުން އަންދާޒާ ކުރައްވައެވެ.

ކޮވިޑްގައި މަރުވި މީހުން އިންޑިއާގައި އަންދަނީ

އިންޑިއާގެ އާބާދީ ބޮޑުވެފައި އިންޑިއާގައި ފަގީރު ކަމާއި ހޭލުންތެރިކަންނެތް ހާލަތަށްބަލާއިރު އެެހެން ގައުމުތަކަށް ވުރެވެސް ރިޕޯޓް ކޮށްފައިވާ އަދަދުތަކަށްވުރެ ރިޕޯޓް ނުކުރާ އަދަދުތައް އިންޑިއާގައި ޑަބަލް ގިނަވާނެކަމަށް ތަޖްރިބާކާރުން ދެކެއެވެ.

2021 ވަނަ އަހަރަށް ބަލާއިރު މުޅި ދުނިޔޭގައިވެސް ކޮވިޑް އެންމެ ބާރަށް ފެތުރެމުންދާ ގައުމަކީ އިންޑިއާއެވެ. އެއަށްފަހު ނޭޕާލްއެވެ. އިންޑިއަން ވޭރިއަންޓްގެ ނަމުގައި އުފެދުނު ކޮވިޑް ވޭރިއަންޓްއާއެކު ދެކުނު އޭޝިއާ ގައި އެންމެ ބާރަށް ކޮވިޑް ފެތުރެމުންދަނީ އަދި އެބަލީގައި އެންމެ ގިނަ ބަޔަކު މަރުވަމުންދަނީވެސް އިންޑިޔާގައެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު އިންޑިޔާއަކީ އެމެރިކާއަށްފަހު ދެވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ކޮވިޑަށް މީހުން ޕޮޒިޓިވްވި ޤައުމެވެ.

ކޮވިޑްގެ ކަންތައް މެނޭޖް ކުރުމުގައި 2021 ގައި އެމެރިކާ ކޮންމެވެސް ވަރަކަށް ކާމިޔާބު ހޯދިއިރު އިންޑިއާގެ ހާލަތު ދިޔައީ ގޯހުން ގޯހަށެވެ. އިންޑިއިން ފެނުނު ކޮވިޑްގެ އައުވޭރިއަންޓާއެކު ދެކުނު އޭޝިއާގެ ގައުމުތަކާއި މެލޭޝިއާއާއި ވިއެޓްމާންފަދަ ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކަށްވެސްވަނީ ކޮވިޑްގެ އެނުރައްކާތެރި ރާޅު އަރާފައެވެ.

އިންޑިޔާއަކީ އެންމެ ފުޅާ ދާއިރާއެއްގައި އަންޑާ ލައިސަންސް ގެ ދަށުން ކޮވިޑް ވެކްސިން (އެސްޓްރާ ޒެނެކާ) އުފައްދަމުން ގެންދިޔަ ގައުމެވެ. ނަމަވެސް މީގެ ދޮޅު މަސްކުރިން އިންޑިއާއިން ފެނުނު އައުވޭރިއަންޓާއެކު ޚުދު އިންޑިއާއަށް ބޭނުންވާ މިންވަރަށްވެސް ވެކްސިން އުފެއްދުމުގައި އެގައުމު ވަނީ ނާކާމިޔާބުވެފައެވެ. މިއާއެކު އިންޑިޔާއިންވަނީ އެހެން ޤައުމުތަކަށް ވެކްސިން އެކްސްޕޯޓް ކުރުންވެސް ހުއްޓާލާފައެވެ.

ކޮވިޑްގެ މިއައު ރާޅާއެކު އިންޑިއާގެ އިގްތިސާދު ހީނަރުވެ އިންޑިއާގެ ސިއްހަތާބެހޭ ނިޒާމުވެސް އިނދަ ޖެހުމުން ބޮޑުވަޒީރު ނަރެންދުރަ މޯދީއަށްވަނީ އެގައުމުގެ އެތެރެއިން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. އަދި ގައުމު ނުހިންގޭ ކަމުގެ ތުހުމަތުވެސް މޯދީގެ މައްޗަށްވަނީ ކުރެވިފައެވެ. އިންޑިއާއަށް ކުރިމަތިވެފައިވާ ކޮވިޑްގެ އާދަޔާ ޚިލާފު ދަތިހާލަތުން އަރައިގަތުމަށްޓަކައި އެގައުމު މިހާރު ވަނީ ރަޝިޔާއިން އީޖާދުކުރި "ސްޕަޓްނިކް V" ވެކްސިން އަންޑާ ލައިސަންސް ގެ ދަށުން އުފައްދަން ފަށާފައެވެ.

2020 ގައި ނެގި ކޮވިޑް ރާޅުގައި އެމެރިކާ ވަރަށް ބޮޑަށް އިނދަޖެހިފައިވާތީ އަދިވެސް މުޅި ދުނިޔެއަށް ބަލާއިރު ކޮވިޑް ޖެހުނު މީހުންނާއި އެބަލީގައި މަރުވި މީހުންގެ އަދަދު (ރިޕޯޓް ކޮށްފައިވާ) އެންމެ ގިނައީ އެމެރިކާ ގައެވެ.ދެވަނައަށް މިދެއަދަދުވެސް އެންމެގިނައީ އިންޑިއާގައެވެ. އެމެރިކާގައި 34 މިލިޔަން މީހުންނަށް ކޮވިޑް ޖެހިފައިވާއިރު 6 ލައްކަ މީހުން އެބަލީގައިވަނީ މަރުވެފައެވެ. އިންޑިއާގައި 28 މިލިޔަން މީހުންނަށް ކޮވިޑް ޖެހިފައިވާއިރު އެބަލީގައި މަރުވެފައިވަނީ 3 ލައްކަ 30 ހާސް މީހުންނެވެ.

ނަމަވެސް ކޮވިޑް ފެތުރޭވަރު ކޮންޓްރޯލް ކުރުމުގައި އެމެރިކާ މިހާރު ކާމިޔާބު ހޯދާފައިވާއިރު އިންޑިއާވަނީ މިކަމުގައި ނާކާމިޔާބުވެފައެވެ.