31 May 2021, 17:49
ޓެލްއަވީވު (މޭ 31): އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ސިޔާސީގޮތުން ދުޝްމަން ދެޕާޓީ ގުޅިގެން އޭނާގެ ވެރިކަން ވެރިކަން ނިމުމަކަށް ގެނައުމަށްކުރާ މަސައްކަތް ކާމިޔާބުވުމާ ދާދިގާތް ވެއްޖެއެވެ.
ޔަތަންޔާހޫ އަށް މަގާމު ގެއްލޭގޮތްވީ އޭނާއާ ދުޝްމަން ޕާޓީއެއްކަމަށްވާ "ޔަޝް އަތީދު" ކޯލިޝަން ޕާޓީ އާއި އެހެން ކުޑަ ޕާޓީއެއްކަމަށްވާ "ޔަމީނާ ޕާޓީ" ގުޅިގެން ސަރުކާރެއް އެކުލަވާލުމަށް އުސޫލެއްގެ ގޮތުން އެއްބަސްވުމުންނެވެ. މިކަމުގެ ފައިނަލް އެއްބަސްވުން މަދަމާގެ ވަގުތެއްގައި ކުރެވޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މި އެއްބަސްވުން ވުޖޫދަށް އަންނާނެކަން ގާތްގަނޑަކަށް މިހާރު ޔަގީންވެފައިވާއިރު މިކަމުގެ ސަބަބުން ނަތަންޔާހޫ އަށް ބޮޑުވަޒީރުކަން ގެއްލުމުގެ އިތުރުން އޭނާގެ ސިޔާސީ ހަޔާތްވެސް ނިމިގެން ދާނެކަމަށް ވަނީ ބެލެވިފައެވެ. ނަތަންޔަހޫ ގެ ސިޔާސީ ހަޔާތް ނިމިގެންދާނެ ކަމަށް ބެލެވެނީ އޭނާގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ދައުވާތައް ސާބިތުވުމުގެ ފުރުސަތު ބޮޑުކަމުންނެވެ.

ނަފްތާލީ ބެނެޓް
މިދައުވާތަކުގެ ޝަރީއަތް އިސްރާއީލުގެ ކޯޓުތަކުގައި މިހާރުވެސް ކުރިޔަށް ދާއިރު ދައުވާތައް ސާބިތުވުމުގެ ފުރުސަތު ބޮޑުވަނީ ބޮޑުވަޒީރުކަން ގެއްލުމުން ސިޔާސީގޮތުން އޭނާގެ ބާރާއި ނުފޫޒު ކުޑަވެގެންދާނެތީއެވެ. ނަތަންޔަހޫ ބޮޑުވަޒީރުކަމުން ދުރުނުވެ ކާމިޔާބު ނުވާއިރުވެސް އެއްއިންތިޚާބުން އަނެއް އިންތިޚާބަށް ދަނީ ދައުވާތަކާ ކުރިމަތިލުމަށްޓަކައި ސިޔާސީގޮތުން އޭނާގެ ބާރާއި ނުފޫޒު ހިފެހެއްޓުމުގެ ބޭނުމުގައި ކަމަށް އިސްރާއީލުގެ މީޑީއާ ރިޕޯޓްތައް ބުނެއެވެ.
މިހާތަނަށް ނަތަންޔާހޫ 4 ދައުރެއްގައި ބޮޑުވަޒީރުކަން ކުރައްވާފައިވާއިރު ޖެހިޖެހިގެން 3 ދައުރު ބޮޑުވަޒީރުކަން ކުރައްވާފައިވެއެވެ. އަދި ވަގުތީ ބޮޑުވަޒީރު ކަމުގައިވެސް 3 އަަހަރު ހޭދަ ކުރައްވާފައިވެއެވެ. މިއާއެކު އިސްރާއީލުގެ ބޮޑުވަޒީރުކަމުގައި މެދުކެނޑިގެންނާ އަދި މެދުނުކެނޑި 23 ވަރަކަށް އަހަރު އޭނާވަނީ ހޭދަކުރައްވާފައެވެ.
ފާއިތުވި 2 އަހަރު ދުވަހުގެ ތެރޭގައި އިސްރާއީލުގައި ވަނީ ހަތަރު ފަހަރަށް އާންމު އިންތިޚާބު (ޕާލަމެންޓްރީ އިންތިޚާބު) ބާއްވާފައެވެ. މިހާގިނަފަހަރު އިންތިޚާބު ބާއްވަންޖެހުނީ މިދެއަހަރު ތެރޭގައި ބޭއްވި އެއްވެސް އިންތިޚާބެއްގައި ނަތަންޔާހޫގެ ލިކޫޑް ޕާޓީއަށްވެސް އަދި އޭނާއާ ވާދަވެރި އިދިކޮޅު ޕާޓީތަކަށްވެސް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ މިންވަރަށް އިސްރާއީލުގެ ޕާލަމެންޓް ކަމަށްވާ "ކެނީސެޓް" ގެ ގޮނޑިތައް ކާމިޔާބު ނުކުރެވުމުންނެވެ.

ޔައިރު ލަބީދު
އެންމެފަހުން މިދިޔަ މާޗް މަހު ބޭއްވި އިންތިޚާބުގައިވެސް ނަތަންޔާހޫގެ ލިކޫޑް ޕާޓީ އަށްވެސް އަދި އިދިކޮޅު ޕާޓީތަކަށްވެސް ސަރުކާރެއް އެކުލަވާލެވޭ ވަރާ ގާތަށްވެސް "ކެނީސެޓް" ގެ ގޮނޑިތައް ކާމިޔާބެއް ނުކުރެވުނެވެ. ނަމަވެސް ޕާޓީތަކާއެކު ކޯލިޝަން ހަދައިގެން ސަރުކާރެއް އެކުލަވާލުމުގެ ފުރުސަތު އިސްރާއީލުގެ ރައީސް ރުއެވެން ރިވުލިން ފުރަތަމަ ދެއްވީ ނަތަންޔާހޫ އަށެވެ. ކޯލިޝަން ސަރުކާރު އެކުލަވާލުމުގެ މަސައްކަތް ނިންމުމަށް ރައީސް ރިވުލިން ނަތަންޔާހޫއަށް ދެއްވީ 28 ދުވަހުގެ މުއްދަތެކެވެ.
އެ މުއްދަތުގައި ކޯލިޝަން ސަރުކާރެއް އެކުލަވާލުމުގައި ނަތަންޔާހޫ ނާކާމިޔާބު ވުމުން ރިވުލިންވަނީ ނަތަންޔާހޫއާ ސިޔާސީ ގޮތުން ދުޝްމަން ޕާޓީއެއްކަމަށްވާ "ޔަޝް އަތީދު" ޕާޓީގެ ލީޑަރު ޔައިލް ލަބީދު އާ ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ޖޫން 2 ގެ ކުރިން ނިންމާގޮތަށް ޙަވާލުކުރައްވައިފައެވެ. ލަބީދު ވަނީ އިސްރާއީލުގެ ދިފާއީ ވަޒީރުކަން ކުރިން ކުރައްވާފައިވާ ބޭފުޅެއް ކަމަށްވާ ނަފުތާލީ ބެނެޓުގެ ޕާޓީ ކަމަށްވާ "ޔަމީނާ ޕާޓީ" އާ މަޝްވަރާކޮށް ސަރުކާރެއް އެކުލަވާލުމާ ދާދިގާތަށް ގޮސްފައެވެ.
މިދެ ޕާޓީ ގުޅުމުން ސަރުކާރެއް އެކުލަވާލެވޭ މިންވަރަށް އިސްރާއީލުގެ ޕާލަމެންޓުން ގޮނޑި ކަށަވަރު ކުރެވެއެވެ. ޔައިލް ލަބީދު "ޔަޝް އަތީދު" ޕާޓީ އަކީ ކުދި ޕާޓީތަކެއްވެސް ހިމެނޭ ކޯލިޝަން ޕާޓީއެކެވެ. "ޔަޝް އަތީދު" ޕާޓީ ގެ ކޯލިޝަންގައި "ޔަމީނާ ޕާޓީ" ބައިވެރިވުމަށް ނިންމުމާއއެކު "ޔަޝް އަތީދު" ޕާޓީ ގެ ކޯލިޝަނަށްވަނީ ޕާލަމެންޓްގެ އިތުރު 6 ގޮނޑި ލިބިފައެވެ. އިސްރާއީލުގެ ޕާލަމެންޓްގައި 120 ގޮނޑި ހިމެނޭއިރު ސަރުކާރެއް އެކުލަވާލެވޭނީ މަދުވެގެން 61 ގޮނޑި ކަށަވަރު ވުމުންނެވެ. މިދެޕާޓީ ގުޅުމުން މިއަދަދުވަނީ ފުރިހަމަވެފައެވެ.
"ޔަޝް އަތީދު" ޕާޓީއާއި "ޔަމީނާ ޕާޓީ" ގުޅިގެން ސަރުކާރެއް އެކުލަވާލުމަށް ކުރަމުންދާ މަޝްވަރާތަކުގައި ބޮޑުވަޒީރު ކަމުގެ މަޤާމު އެންމެ ފުރަތަމަ ދިނުމަށް އެއްބަސްވެފައިވަނީ "ޔަމީނާ ޕާޓީ" ގެ ލީޑަރު ނަފްތާލީ ބެނެޓް އަށެވެ. އެއީ ދެއަހަރު ދުވަހުގެ މުއްދަތަށެވެ. ބާކީ އަހަރުތަކުގައި ބޮޑުވަޒީރުކަން ދިނުމަށް އެއްބަސްވެފައިވަނީ "ޔަޝް އަތީދު" ޕާޓީގެ ލީޑަރު ޔައިރު ލަބީދު އަށެވެ. މިކަމުގެ އެންމެ ފަހުގެ ނިންމުން މިދެ ލީޑަރުން މިއަދު ނުވަތަ މާދަމާ ނިންމާނެއެވެ.
މިދެ ޕާޓީގެ ލީޑަރުންނަކީވެސް ފަލަސްތީނުގެ ބިމާއި ހައްގުތަކުގެ މައްސަލާގައި ނަތަންޔާހޫ ފަދަ ހަރުކަށި އިސްތިއުމާރީ ވިސްނުން ގެންގުޅޭ ހަރުކަށި ކަނާތުފިޔައިގެ ދެބޭފުޅުންނެވެ. އެހެންކަމުން އިސްރާއީލުގެ މަސްރަހަށް އަންނަ ސިޔާސީ ބަދަލުތަކުގެ ހެޔޮ އެއްވެސް އަސަރެއް ފަލަސްތީނުގެ ރައްޔިތުންނަކަށް ނުކުރާނެއެވެ. (ނޫސްއެޖެންސީތައް)