14 Feb 2012, 00:17
ޗާންދަނީ މަގު ދިރާގު ކައިރިން ދުއްވާފަދިޔަ ކާރަކާއި ސައިކަލެއް ޖެހި މިރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.
މަންޒަރުދުށް މީހަކު ބުނީ މިރޭ 11:30 އެހާކަންހާއިރު ޗާންދަނީ މަގު ދިރާގު ކައިރިން ސައިކަލެއް ދުއްވާފައި ދަނިކޮށް އެ ވަގުތު އެ ސަރަހައްދުން ދިޔަ ޕްރައިވެޓް ކާރު، ސައިކަލުގައި ޖެހުމާއިއެކު ސައިކަލު ދުއްވަން އިން މީހާ ވިއްސައިގެން ގޮސް ކާރުގެ ދަށުވި ކަމަށެވެ.
އޭނާ އަދި ބުނީ ސައިކަލު ދުއްވަން އިންމީހާ އެވަގުތު އައިޖީއެމްޗަށް ގެންގޮސްފައިވާ ކަމަށެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބު މިރޭ ވިދާޅުވީ އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން މީހާ މިހާރު ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދެމުން އަންނަ ކަމަށާއި، އެމީހާއަށް މާބޮޑެތި ޒަޚަމްތަކެއް ލިބިފައި ނުވާ ކަމަށެވެ. އެ މީހާއަށް ލިބުނީ ކިހާވަރެއްގެ ޒަޚަމްތަކެއްކަމެއް ވެސް އޭނާ ވިދާޅެއް ނުވެއެވެ.
އެކްސިޑެންޓް ހިނގުމާއި އެކު ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް ކާރު ދުއްވަންއިން މީހާ ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައެވެ.
މި އެކްސިޑެންޓްގައި ސައިކަލަށް ގެއްލުމެއް ލިބިފައި ނުވިނަމަވެސް ކާރަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ.