31 May 2021, 10:12
ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ޓައިގާ ޝްރޮފް ލީޑު ރޯލުން ފެނިގެންދާ "ހީރޯޕަންތީ 2"ގެ ރޯލަކަށް ނަވާޒުއްދީން ސިއްދީގީ ހަމަޖައްސައފި އެވެ.
ތަޖުރިބާކާރު އެކްޓަރު ނަވާޒުއްދީން މި ފިލްމުގައި ކުޅޭނީ ވިލަން އެއްގެ ރޯލު ކަމަށް ޚަބަރުތައް ބުނެ އެވެ. މި ފިލްމުކުޅުމަށް ނަވާޒުއްދީން މިހާރުވަނީ ސޮއިވެސްކޮށްފަ އެވެ. މި ފިލްމުގައި ޓައިގާ އާ ނަވާޒުއްދީންގެ ވަރުގަދަ ކުރިމަތިލުންތަކެއް ފެނިގެންދާއިރު ވިލަން އެއްގެ ރޯލަށް ނަވާޒުއްދީން ވަރަށް ބޮޑަށް ފިޓުވާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.
ޓައިގާ އާ ތާރާ ލީޑު ރޯލުން ފެނިގެންދާ މި ފިލްމު ރިލީޒްކުރާނީ އަންނަ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހު އެވެ. ހީރޯޕަންތީ 2 އަކީ ސާޖިދު ނަޑިއަދުވާލާގެ ޕްރޮޑިއުސްކުރާ ފިލްމެކެވެ. ދެހާސް ސާދަ ވަނަ އަހަރު "ހީރޯޕަންތީ" އިން ބޮލީވުޑަށް ތައާރަފްވި ޓައިގާ އަކީ މިވަގުތު ބޮލީވުޑްގައި ހުރި އެންމެ ކާމިޔާބު އެއް އެކްޓަރެވެ.
މި ފިލްމުގެ ފުރަތަމަ ޝެޑިއުލްގެ ޝޫޓީން ވަނީ ނިންމާލައިފަ އެވެ. ފިލްމުގެ ދެވަނަ ޝެޑިއުލްގެ ޝޫޓިން ނުފެށި ލަސްވަނީ ކޮވިޑް19 ގެ ހާލަތު އިންޑިއާގައި ވަރަށް ބޮޑަށް ގޯސްވެފައިވުމުގެ ސަބަބުންނެވެ.
ހީރޯޕަންތީ 2 ޑައިރެކްޓްކުރާނީ އަހްމަދު ހާން އެވެ. ފިލްމުގެ ދެވަނަ ބައިގެ މިއުޒިކް ހަދާނީ އޭ ރަހްމާންއެވެ. މި ފިލްމުގެ ފުރަތަމަ ބައިން ފެނިގެންދިޔައީ ކްރިތީ ސެނަން އެވެ.