މާލޭ ސީޓީ ހިމެނޭ ގޮތަށް މޮނީޓަރިންގައި ހުރި ރަށްތަކުގެ ދަރިވަރުންނަށް ދިރާސީ އަހަރުގެ ފަހު އިމްތިހާން ނޯންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

މާލެ ސީޓީ އަދި މޮނީޓަރިންގައި އޮތް 72 ރަށުގެ ދަރިވަރުންނަށް ކްލާސްތައް ބާއްވަމުން އަންނަނީ އޮންލައިންކޮށެވެ. އެ ނޫން ރަށްތަކުގައި ކްލާސްތައް ބާއްވަނީ ދަރިވަރުން ސްކޫލަށް ހާޒިރުވެގެންނެވެ.

އެޗްއީއޯސީގައި އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ، ކުރިންވެސް ތާވަލްކުރެވިފައިވާ ގޮތަށް މި ދިރާސީ އަހަރު ނިމެނީ އަންނަ މަހު 24ގައި ކަމަށެވެ. އަދި މި ޓާމް ނިމޭއިރު، ދިރާސީ އަހަރުގެ ފަހު އިމްތިހާން ގްރޭޑް ހަތަކުން ފެށިގެން މަތީ ދަރިވަރުންނަށް ދިނުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ސްކޫލަށް ހާޒިވެވޭ ސްކޫލްތަކުގައި ދޭނީ ޓެސްޓު ޕޭޕަރު ކަމަށެވެ. އަދި އެ ނޫން ރަށްތަކުގައި ދޭނީ ޓީޗާ ބޭސްޑް އެސެސްމަންޓެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު އިމްތިޒާމް ރޭވިފައި އޮތް ގޮތުން ސްކޫލަށް ހާޒިރުވެވޭ ސްކޫލްތަކުގައި މިދެނީ ޕްޕާ ބޭސްޑް އެގްޒާމެއް. ސްކޫލަށް ނާދެވޭ، މޮނީޓަރިންގައި ހުރި ރަށްތަކަށް، އަދި މާލޭގައި ގްރޭޑްސްތަކަށް މިދެނީ ޓީޗާ ބޭސްޑް އެސެސްމަންޓެއް. ކުދިން ސްކޫލަށް އަންނާކަށް ނުޖެހޭނެ. ޔުނިޓް ޓެސްޓެއް، އެސައިންމެންޓެއް ނުވަތަ އެހެނިހެން އެސެސްމަންޓް އެކްޓިވިޓީއެއް މެދުވެރިކޮށް ދަރިވަރުންގެ ފެންވަރު ބެލިގެންދާނީ،" މިނިސްޓަރު ވިދާޅުވި އެވެެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވާހަކަ ދައްކަވަނީ

އެގޮތަށް އެސައިމަންޓެއް ދިނުމުގެ ބޭނުމަކީ، ދަރިވަރުންގެ ފެންވަރު މިހާރު ހުރިވަރު ދެނެގަނެ، އަންނަ އަހަރު ދިރާސީ އަހަރަށް ދަރިވަރުން ތައްޔާރު ކުރުކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ދިރާސީ އަހަރަށް ގެނައި ބަދަލާއެކު، އާ ދިރާސީ އަހަރު ފެށޭނީ ކޮންމެ އަހަރެއްގެ އޮގަސްޓު މަހުއެވެ.