30 May 2021, 17:47
ލަންޑަން (މެއި 30): އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން އޭނާގެ ލޯބިވެރިޔާ ކެރީ ސިމަންޑްސްއާ ކައިވެނިބައްލަވައިގެންފި އެވެ.
އިނގިރޭސި ބޮޑުވަޒީރުގެ އޮފީހުގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި އިއްޔެ އެ ދެ ބޭފުޅުން ކައިވެނިބައްލަވައިގެންނެވި އިރު ބޭއްވީ ކުޑަ ހަފްލާއެކެވެ. އަދި އެ ހަފްލާގައި ބައިވެރިވީ ދެ ފަރާތުގެ އާއިލާގެ މެމްބަރުންނާއި ގާތް އެކުވެރިން އެކަނި ކަމަށް އެގައުމުގެ ނޫސްތަކުން ރިޕޯޓު ކުރި އެވެ.
ޖޯންސަން އަކީ ފާއިތުވި 200 ވަރަކަށް އަަހަރު ތެރޭ އިނގިރޭސި ބޮޑުވަޒީރުގެ މަގާމުގައި ހުންނަވަނިކޮށް ކައިވެނިބައްލަވައިގަތް ފުރަތަމަ ބޭފުޅާ އެވެ.
ޖޯންސަން އާއި ސިމަންޑްސް އެންގޭޖުވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގަ އެވެ. އޭގެ ފަހުން މިދިޔަ އަހަރުގެ އޭޕްރިލް މަހު އެ ދެ ބޭފުޅުންނަށް ވަނީ ފިރިހެން ކުއްޖަކު ލިބިފަ އެވެ.
ދެހާސްނަވާރަ ވަނަ އަހަރު އިނގިރޭސި ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވި 56 އަހަރުގެ ޖޯންސަން މީގެ ކުރިން ދެ ކައިވެންޏެއް ކުރައްވާފައިވެ އެވެ. އަދި ހަތަރު ކުދިން ލިބިފައިވެ އެވެ.
ސިމަންޑްސް ވަނީ މީގެ ކުރިން އިނގިރޭސި ކޮންޒަވޭޓިވް ޕާޓީގެ ޕްރެސް އޮފީހުގައި މަސައްކަތް ކުރައްވާފަ އެވެ. އަދި 2012 ވަނަ އަހަރު ޖޯންސަން ލަންޑަނުގެ މޭޔަރު ކަމުގެ ދެވަނަ ދައުރަކަށް ހޮވުމަށް ކުރި ކެމްޕޭނުގައި އޭނާ މަސައްކަތް ކުރެއްވި އެވެ. އޭގެ ފަހުން 2016އިން 2018އަށް އޭނާ އެ ޕާޓީގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންސްގެ މަގާމުގައި ހުންނެވި އެވެ. އަދި އުމުރުން 29 އަހަރުގައި ސިމަންޑްސް އެ މަގާމާ ހަވާލުވެވަޑައިގަތް އިރު އޭނާއަކީ އެ މަގާމު ހޯއްދެވި އެންމެ ޒުވާން ބޭފުޅާ އެވެ.