30 May 2021, 17:44
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީއާ ގުޅޭގޮތުން "މިހާރު" ނޫހުގައި ލިޔެފައިވާ ރިޕޯޓަށް މައުލޫމާތު ދިން މަސްދަރު ހޯދަން މަސައްކަތްނުކުރާނެ ކަމުގެ ޔަގީންކަން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ދީފި އެވެ.
އެ ޔަގީންކަން ދީފައި ވަނީ، ކޮމިޓީން ބަލާ މައްސަލައާ ގުޅޭގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލަށް މައުލޫމާތު ދެއްވަމުން، ކޮމިޓީގެ މުގައްރިރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އެވެ.
މީޑިއާ ކައުންސިލުން ބުނީ އަސްލަމް އާއެކު ފޯނުން ގުޅައި ކުރިއަށް ދިޔަ މަޝްވަރާގައި، ކޮމިޓީ އިން މައްސަލަ ތަހުގީގު ކުރުމުގެ ތެރެއިން ނޫސްވެރިޔާގެ ކިބައިން ނުވަތަ ނޫހުގެ ކިބައިން މަސްދަރު ހޯދުމަށް މަސައްކަތް ނުކުރާނެ ކަމުގެ ޔަގީންކަން ދެއްވި ކަމަށެވެ.
"މިހާރު" ނޫހުގައި "ކެނެރީގޭގައި ސެކިއުރިޓީ ނުދެވޭނެ ކަމާއި ނުރައްކާ އޮތް ކަން ނަޝީދަށް އެމްއެންޑީއެފް އިން އެންގި!" މި ސުރުހީގެ ދަށުން ލިޔެފައިވާ ރިޕޯޓުގައި މައުލޫމާތު ހިމަނާފައި ވަނީ ނަން ހާމަކުރަން ނޭދޭ މަސްދަރަކާ ހަވާލާދީ އެވެ.
ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދަކުރުމުގައި ލިބޭ އެއްވެސް މައުލޫމާތެއް، ސިފައިންގެ ގާނޫނުގައި ބަޔާންކޮށްފައިވާ ފަރާތްތައް ފިޔަވައި އެނޫން އެއްވެސް ފަރާތަކާ ހިއްސާކުރުމަކީ މަނާކަމެއް ކަމަށާއި، އަދި އެ މައްސަލައަކީ ގައުމީ ސަލާމަތާ ގުޅުންހުރި މައްސަލައެއް ކަމަށް ބުނެ 241 ކޮމިޓީ އިން ވަނީ މައްސަލަ ބަލަން ނިންމައިފަ އެވެ.
މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވެސް ވަނީ ކޮމިޓީ އިން މައްސަލަ ބަލާ ބެލުމުގައި، "މިހާރު" ނޫހާއި އެ ނޫހުގައި އެ ރިޕޯޓު ލިޔުނު ނޫސްވެރިޔާގެ މައްސަލަ ނުވަތަ އެ މައުލޫމާތު ދިން މަސްދަރު ހޯދަން މަސައްކަތް ކޮށްފާނެތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެމްޖޭއޭ އިން ބުނީ ނޫސްވެރިޔަކު ބޭނުންކުރި މަސްދަރެއްގެ މައްސަލަ ބެލުމަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހަމަތަކުގެ ތެރެއިން ރާއްޖޭގައި ކަނޑައެޅިފައިވާ އުސޫލުތަކަށް ބަލާއިރު ކުރެވޭނެ ކަމެއް ކަމަށް ނުދެކޭ ކަމަށެވެ.