13 Feb 2012, 22:28
އިސްލާމް އާބާދު (ފެބްރުއަރީ 13) : ޝަރުޢީ ދާއިރާގެ އަމުރަށް ނުކިޔަމަންތެރިވިކަމުގެ ތުހުމަތު ޕާކިސްތާނުގެ ސްޕްރީމް ކޯޓުން އެ ޤައުމުގެ ބޮޑުވަޒީރު ޔޫސުފް ރަޒާ ގީލާނީގެ މައްޗަށް ރަސްމީ ސިފައެއްގައި ކޮށްފި އެވެ.
ޕާކިސްތާނުގެ ސްޕްރީމް ކޯޓުން ގީލާނީގެ މައްޗަށް ކުރި މިތުހުމަތުތައް ސާބިތުވެއްޖެ ނަމަ ބޮޑުވަޒީރުކަމުގެ އޭނާ މަޤާމުން އޭނާ ޢަޒުލުކޮށް ހަ މަސްދުވަހުގެ މުއްދަތަށް އޭނާ ޖަލަށްލުމުގެ ޙުކުމެއް އަންނާނެ ކަމަށް އެޤައުމުގެ ޤާނޫނީ ވަކީލުން ބުނެ އެވެ. ކޯޓު އަމުރަށް ނުކިޔަމަންތެރިވިކަމުގެ ތުހުމަތު ގީލާނީގެ މައްޗަށް ކުރެވިފައި މިވަނީ ސްވިސްޒަލޭންޑްގެ ބޭންކެއްގައި ހުރި ކަމަށްބުނެވޭ ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރުދާރީގެ އެކައުންޓްތަކެއް ބަލައި ފާސްކުރުމަށް ސްޕްރީމް ކޯޓުން އެދުމުން ގީލާނީގެ ސަރުކާރުން އެކަން ތަންފީޒު ނުކުރުމާގުޅިގެންނެވެ.
ކޯޓުގެ ތުހުމަތުތަކާ ގުޅިގެން ދެއްވި ބަޔާނެއްގައި ގީލާނީ ވިދާޅުވީ ސުޕްރީމް ކޯޓުން އޭނާގެ މައްޗަށް ކޮށްފައި ވަނީ ރަނގަނޅު ތުހުމަތެއްނޫން ކަމަށާއި އޭނާއަކީ ކުށްވެރިއެއްނޫން ކަމުގަ އެވެ. އަދި ސުޕްރީމްކޯޓުގެ ތުހުމަތުތަކަކީ ސިޔާސީ ކުލަވަރުހުރި ތުހުމަތުތަކެއް ކަމަށް ވިދާޅުވެ އެތުހުމަތުތަކަށް ގީލާނީ ފާޑުވިދާޅުވި އެވެ.
މިމައްސަލާގައި ގީލާނީ މިއަދު ސުޕްރީމްކޯޓަށް ޙާޒިރު ކުރީ އާދަޔާ ޚިލާފު ސަލާމަތީ ފިޔަވަޅުތަކަކާއެކުގަ އެވެ. މީގެތޭރޭގައި ސުޕްރީމް ކޯޓާގުޅިފައިވާ މަގުތައް ބަންދުކުރުމާއި ސިފައިން ޢަސްކަރީ ހެލިކޮޕްޓަރުތަކުގައި އެސަރަޙައްދު ބަލަހައްޓަމުން ގެންދިޔުން ހިމެނެ އެވެ.
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރާ ބޭނަޒީރު ބުއްޓޫގެ ވެރިކަމުގެ ދުވަސްވަރު އޭނާގެ ފިރިކަލުން (ޕާކިސްތާނުގެ މިހާރުގެ ރައީސް) އާސިފް ޢަލީ ޒަރުދާރީ ރިޝްވަތުގެ ގޮތުގައި ކުންފުނިތަކަކުން ގެންނެވިކަމަށް ތުހުމަތުކުރެވިފައިވާ 12 މިލިޔަން ޑޮލަރު ޖަމާކޮށްފައި ވަނީ ސްވިޓްޒަލޭންޑްގެ ބޭންކެއްގައިވާ އޭނާގެ އެކައުންޓްތަކަކަށް ކަމަށާއި އެކަން ބަލައި ތަޙްޤީޤްކުރުމަށް 2009 ވަނަ އަހަރު ޕާކިސްތާނުގެ ބޮޑުވަޒީރު ގީލާނީއަށް ސްޕްރީމްކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
މިއަމުރާ އެއްގޮތަށް މިކަން ތަޙްޤީޤް ނުކުރެއްވީ ޕާކިސްތާނުގެ ރައީސަށް ވެވަޑައިގަތުމުން ޒަރުދާރީ އަށް ލިބިވަޑައިގެންފައިވާ ޚާއްސަ ޢިނާޔަތް ތަކަކާގުޅިގެން އެކަން ކުރެވެން ނެތިގެން ކަމަށް ގީލާނީ އޭނާގެ ދިފާޢުގައި ސުޕްރީމް ކޯޓުގައި ވިދާޅުވި އެވެ. ނަމަވެސް ކޯޓުން ވަނީ މިއީ ސުޕްރީމް ކޯޓަށް ނުކިޔަމަންތެރިވުން ކަމަށް ބަލައި އެކަމުގެ ތުހުމަތު ރަސްމީގޮތުން ގީލާނީގެ މައްޗަށް ކޮށްފަ އެވެ.
ޕާކިސްތާނުގެ ސިފައިންނާއި ސަރުކާރާ ދެމެދުވެސް ނުތަނަވަސްކަމެއް އުޅޭތީ ބޮޑުވަޒީރު ގީލާނީ ވަނީ މިމައްސަލާގައި ކަންބޮޑުވާކަން ހާމަކުރައްވާފަ އެވެ. (ނޫސްއެޖެންސީތައް)