30 May 2021, 12:25
ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަކީ، މިއަހަރު އަލަށް ތައާރަފު ކޮށްފައިވާ އިނާމެކެވެ. ރައީސް އޮފީހުން ބުނީ މިއީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގާބިލުކަމާއި އިހްލާސްތެރިކަމާއެކު ކޮށްފައިވާ ހިދުމަތްތަކަށާއި، އެ މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްދީފައިވާ ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެގޮތުން ގައުމީ ފެންވަރުގައި ދިވެހި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އެންމެ ޝަރަފުވެރިއިނާމު ކަމަށެވެ.
އެ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު ގައުމީ އިނާމާބެހޭ ކޮމިޓީއިން މިއަދު ހުޅުވާލާފައި ވާއިރު، އިނާމު ދިނުމުގެ އުސޫލު ދިވެހި ސަރުކާރުގެ ގެޒެޓުގައި ވަނީ ޝާއިއުކޮށްފަ އެވެ.
ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމުގެ ގޮތުގައި ރައީސް ދެއްވާނީ އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ފިލައެކެވެ. މި އިނާމު ދެއްވާނީ ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރުގެ ކުންފުންޏެއްގައި ނުވަތަ ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮތް ކުންފުންޏެއްގައި ހިދުމަތްކުރި ނުވަތަ ހިދުމަތްކުރާ މުވައްޒަފެއްގެ ނަން، އެ މުއައްސަސާއަކުން ނުވަތަ އެ ކުންފުންޏަކުން ނުވަތަ އެހެން ފަރާތަކުން ނުވަތަ އެ މުވައްޒަފު އަމިއްލައަށް އިނާމަށް ނަން ހުށަހެޅުމުންނެވެ.
މުއައްސަސާއަކުން ނުވަތަ ކުންފުންޏަކުން މި އިނާމަށް މީހެއްގެ ނަން ހުށަހަޅާނަމަ އެ މީހަކީ އެ މުއައްސަސާއެއްގައި ނުވަތަ އެ ކުންފުންޏެއްގައި ހިދުމަތްކުރި، ނުވަތަ ހިދުމަތްކުރަމުންގެންދާ މީހަކަށް ވާންޖެހޭނެ އެވެ.
އިނާމަށް ނަން ހުށަހަޅާ ފޯމު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ އެވެ. "ފޯމު ހުށަހެޅުން" ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅޭނީ، މިއަދުން ފެށިގެން އަންނަ އޯގަސްޓު މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށެވެ.
ރައީސް އޮފީހުން ފޯމު ބަލައިގަންނާނީ، ޖުލައި އެއްވަނަ ދުވަހުން ފެށިގެން އޯގަސްޓު 12 ގެ ނިޔަލަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ފެށިގެން މެންދުރުފަހު 2:00 ގެ ނިޔަލަށެވެ.
އިނާމު ދިނުމުގައި އިނާމާބެހޭ ކޮމިޓީން ބަލާނީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި، ގާބިލުކަމާއި، ފަރުވާތެރިކަމާއި، އިހްލާސްތެރިކަމާއެކު ކޮށްފައިވާ މަސައްކަތްތަކާއި، އެމީހަކަށް ލިބިފައިވާ ގާބިލުކަމެއް ބޭނުންކޮށްގެން މުޅި މުއައްސަސާގެ ކުރިއެރުމަށް ކޮށްފައިވާ ފާހަގަކުރެވޭ ހާއްސަ މަސައްކަތް ތަކަށެވެ.
ހަމައެއާއެކު، އެ މުއައްސަސާއިން ހިންގައިފައިވާ އެކިއެކި ކަންކަމުގައި އަމަލީގޮތުން ބައިވެރިވެ ހިދުމަތް ކޮށްފައިވާ މިންވަރާއި، ވަޒީފާގެ ދާއިރާއިން ހާސިލުކޮށްފައިވާ ކާމިޔާބީއަށްވެސް ބަލާނެ އެވެ. އެމީހެއްގެ މައްޗަށް މަދަނީ އަދި ޖިނާއީ ކުށެއްގެ ތުހުމަތެއް ކުރެވިފައިވާކަން ނުވަތަ ނޫންކަންވެސް ކޮމިޓީން ޔަގީން ކުރާނެ އެވެ.
އިނާމު ދިނުމުގައި ކޮމިޓީން ބަލާނެ އަސާސީ ޝަރުތުތަކުގެ ތެރޭގައި، އިނާމަށް ހުށަހެޅިފައިވާ މީހަކީ، އެމީހެއްގެ މައްޗަށް ޖިނާއީ މައްސަލައެއް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުމާއި، އިނާމަށް ހުށަހެޅިފައިވާ މީހާގެ މައްޗަށް ޝަރުއީގޮތުން ކޮށްފައިވާ ހުކުމަކާ ގުޅިގެން ސާބިތު ދަރަންޏަކަށް ފައިސާ ދައްކަންޖެހިގެން އެ ފައިސާ ގަވާއިދުން ދައްކަމުން ގެންދާ މީހަކަށްވުން ހިމެނެ އެވެ.
އިނާމަށް ހުށަހަޅާ މީހަކީ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ނުވަތަ ދައުލަތުގެ އެހެން އެއްވެސް އިދާރާއަކަށް ދައްކަންޖެހޭ ފައިސާއެއް އޮތްނަމަ އެ ފައިސާއެއް ގަވާއިދުން ދައްކަމުންގެންދާ މީހެއްކަމުގައިވާންޖެހޭނެ އެވެ. އަދި އިނާމަށް ހުށަހެޅިފައިވާ މީހާގެ މައްޗަށް ކޮރަޕްޝަންގެ އެއްވެސް މައްސަލައެއް ހުށަހެޅިގެން އެ މައްސަލައެއް ބަލަމުންދާ ނުވަތަ ކޮރަޕްޝަންގެ އެއްވެސް ދައުވާއެއް އުފުލިފައިވާ މީހެއްކަމުގައި ވެގެން ނުވާނެ އެވެ.
އޭގެއިތުރުން، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި "ޖިނާއީ ބޮޑު ކުށެއް" ގެ ގޮތުގައި ބަޔާންކޮށްފައިވާ އެއްވެސް ކުށެއްގެ ތުހުމަތެއް ކުރެވިގެން އެމީހާގެ މައްޗަށް ތަހުގީގެއް ހިންގަމުންދާ މީހެއްކަމުގައި ނުވުމާއި، އަދާކުރި ނުވަތަ އަދާކުރާ ވަޒީފާގެ ސުލޫކީ މިންގަނޑު (ކޯޑް އޮފް ކޮންޑަކްޓް) އާ ހިލާފުވެފައިވާ މީހެއްކަމުގައި ނުވުން ވެސް ހިމެނެ އެވެ.
ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ދިނުމަށް ހަމަޖެހިފައި ވަނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައެވެ.