ކޮލޮމްބޯ (މެއި 29): ސްރީލަންކާ ކައިރީގައި އަނދަމުންދާ ކޮންޓެއިނަރު ބޯޓެއްގެ ސަބަބުން އެގައުމުގެ ގޮނޑުދޮށަށް ޕްލާސްޓިކް ކުނި ލައްގާ، ތިމާވެއްޓަށް ގެއްލުންވަމުންދާ ކަމަށް އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

ލަންކާގެ ކަނޑުގެ ސަރަހައްދުގައި އޮއްވާ މިމަހުގެ 20ގައި ރޯވި އެކްސް-ޕްރެސް ޕާލް ދަތުރު ކުރަމުން ދިޔައީ ކެމިކަލްތަކާއި ކޮސްމެޓިކް ސާމާނު ބަރުކޮށްގެންނެވެ. އެ ބޯޓުން ގޮނޑުދޮށަށް މިހާރު ކުދި ޕްލާސްޓިކް އެތިކޮޅުތައް ލައްގަމުންދާ ކަމަށާއި އޭގެ ސަބަބުން އެގައުމަށް އެތައް އަހަރުތަކަށް ދެމިގެންދާ ފަދަ ގެއްލުން ލިބިދާނެ ކަމަށް ލަންކާ މެރިން ޕްރޮޓެކްޝަން އޮތޯރިޓީން ބުންޏެވެ.

"މިއީ މިގައުމުގެ ތާރީހުގައިވެސް ގޮނޑުދޮށް އެންމެ ބޮޑަށް ތަޣައްޔަރުވުމުގެ ހާދިސާ،" މެރިން ޕްރޮޓެކްޝަން އޮތޯރިޓީގެ ޗެއާމަން ދަރުޝަނީ ލަހަންދަޕޫރަ ވިދާޅުވި އެވެ.

އެކްސް-ޕްރެސް ޕާލްގައި ރޯވި އަލިފާންގަނޑު މިހާރު ވަނީ ގާތްގަނޑަކަށް އެއްކޮށް ކޮންޓްރޯލްކޮށްފަ -- ފޮޓޯ: އޭޕީ

މީގެ އިތުރުން ބޯޓުން ބޭރުވާ ކުނީގެ ސަބަބުން ކަނޑުގެ ދިރުންތަކަށް ލިބޭނެ ގެއްލުން ދިރާސާ ކުރުމަށް ސާމްޕަލްތައް ނަގާފައިވާ ކަމަށާއި ވައި ތަޣައްޔަރުވާ މިންވަރުވެސް ބަލަމުންދާ ކަމަށް ލަހަންދަޕޫރަ ވިދާޅުވި އެވެ.

އެކްސް-ޕްރެސް ޕާލް އޮޕަރޭޓު ކުރާ ކުންފުނި އެކްސް-ޕްރެސް ފީޑާސްއިން ބުނި ގޮތުގައި އެ ބޯޓުގައި ރޯވެފައިވާ އަލިފާންގަނޑު މިހާރު ވަނީ ގާތްގަނޑަކަށް އެއްކޮށް ނިއްވާލާފަ އެވެ. އަދި އެ ބޯޓުން ކަނޑަށް ތެޔޮ ލީކުވެފައި ނުވާ ކަމަށް ލަންކާގެ ކަނޑުގެ ސިފައިންނާ ހަވާލާދީ އެ ކުންފުނިން ބުންޏެވެ. އަދި ބޯޓުގައި ހުރި ކެމިކަލްތަކާއި މުދާ މިހާރު އެއްކޮށް އަނދާފައިވާ ކަމަށްވެސް އޮފިޝަލުން ވިދާޅުވި އެވެ.

ލަންކާގެ ޑެއިލީމިރާއިން ރިޕޯޓުކުރި ގޮތުގައި ބޯޓުން ބޭރުވި ކުނި މިހާރު ވަނީ ނެގަމްބޯއާއި މޮރަޓުވާ ދޭތެރޭގެ ސަރަހައްދަކަށް ފެތުރިފަ އެވެ. އަދި އެތައް ހާސް އަސްކަރީ އަދި ސަލާމަތީ އޮފިޝަލުން ދަނީ ގޮނޑުދޮށުން ކުނި ސާފު ކުރުމުގައި ހަރަކާތްތެރިވަމުންނެވެ.

އެ ބޯޓުގައި ރޯވުމުގެ ސަބަބުން، ބޯޓާ ކައިރީ 80 ކިލޯމީޓަރުގެ ސަރަހައްދެއްގައި މަސްވެރިކަން ކުރުން ވަނީ މަނާކޮށްފަ އެވެ. އަދި އޭގެ ސަބަބުން ގެއްލުން ލިބޭ މަސްވެރިންނަށް އެހީ ފޯރުކޮށްދޭނެ ކަމަށް ސަރުކާރުން ބުންޏެވެ.

އެ ބޯޓުގެ އަލިފާންގަނޑު ނިއްވުމުގައި ލަންކާގެ ސަލާމަތީ ފައުޖުތަކުގެ އިތުރުން އިންޑިއާގެ ކޯސްޓުގާޑާއި ނެދަލޭންޑްސްގެ ކުންފުންޏެއްގެ ފަޔާފައިޓިން ޓަގަކުން ދަނީ ހަރަކާތްތެރިވަމުންނެވެ.

ލަންކާއިން ވަނީ ބޯޓުގެ ސަބަބުން ލިބޭ ގެއްލުމަށް ބޯޓުގެ ވެރިން 17 މިލިއަން ޑޮލަރު ދޭން ޖެހޭނެ ކަމަށް ބުނެފަ އެވެ.