ޤާހިރާ (ފެބްރުއަރީ 13) : ސޫރިޔާގައި މިހާރު އަހްލީ ހަނގުރާމައެއް ފެށިފައިވާތީ އެ ޤައުމުގައި ސުލްޙް ޤާއިމް ކުރުމަށް އދ. އާއި ޢަރަބި ލީގުގެ ގުޅިފައިވާ ބާރެއް ފޮނުވަން ޖެހޭ ކަމަށް ޚާރިޖީވަޒީރުން ވިދާޅުވެއްޖެވެ.

ޤާހިރާގައި ރޭ ނިމުނު ޢަރަބި ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުން ނެރުނު ބަޔާނުގައި އދ. އަށް ގޮވާލާފައި ވަނީ ޢަރަބި ޤައުމުތަކުގެ ބައިވެރިވުމާ އެކު އދ.ގެ ބެލުމުގެ ދަށުން ސޫރިޔާއަށް ސުލްޙައިގެ ބާރެއް ފޮނުވައި އެޤައުމުގައި ހިނގަމުންދާ ލޭއޮހޮރުވުންތައް ހުއްޓުވުމަށް އަވަހަށް މަސައްކަތް ފެށުމަށެވެ.

ޢަރަބި ޚާރިޖީ ވަޒީރުންގެ ބަޔާނުގައި ސޫރިޔާ އާ ދެކޮޅަށް ޑިޕްލޮމެޓިކް ބައެއް ފިޔަވަޅުތައް އެޅުމަށް ޢަރަބި ޤައުމުތަކަށް ވެސް ގޮވާލި އެވެ. މިގެތެރޭގައި ސޫރިޔާގެ މިހާރުގެ ސަރުކާއެކު ޑިޕްލޮމެޓިކް މުޢާމަލާތްތައް ނުކުރުމާއި ސޫރިޔާގެ އިދިކޮޅު ފަރާތްތަކާ ގުޅުންތައް އުފައްދައި އިދިކޮޅު ފަރާތްތަކަށް މަޢްނަވީ ގޮތުން ހިއްވަރުދިނުމަށް ޢަރަބި ޤައުމުތަކަށް އިލްތިމާސް ކުރުން ވެސް ހިމެނެ އެވެ. ސޫރިޔާގައި ބައިތިއްބާ ޢަރަބި އޮބްޒާވަރުން އެޤައުމުން ބޭލުމަށް ވެސް ޢަރަބި ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުން ނިންމާފައިވެ އެވެ.

ސޫރިޔާ ސަރުކާރުން ވަނީ ޢަރަބި ޚާރިޖީ ވަޒީރުންގެ މިބަޔާން ވަރަށް ބޮޑަށް ކުށްވެރިކޮށް މިއީ ޢަރަބި ލީގުގެ ޗާޓަރާ ޚިލާފް ނިންމުމެއްކަމަށް ސިފަކޮށްފަ އެވެ. ސޫރިޔާގައި މިއަދު ހިނގި ކުރިމަތިލުންތަކުގައި ވެސް 65 މީހުން މަރުވެފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ. އަދި ސޫރިޔާގެ ވަރަށް ގިނަ ސަރަޙައްދުތަކުން ސަރުކާރު ސިފައިން ބޭރުކޮށް އެތަންތަން އިދިކޮޅު ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ސީރިޔަން ފްރީ އާމީގެ ކޮންޓްރޯލްގެ ދަށަށް ހިނގައްޖެ ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ. (އަލްޖަޒީރާ)