29 May 2021, 23:52
ކޮވިޑް19ގެ ހާލަތު ނިމި، އާންމު ހާލަތަކަށް ދަންދެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް ފަސްކޮށްދޭން އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން އެދިވަޑައިގެންފި އެވެ.
ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން އެގޮތަށް އެދިވަޑައިގެންނެވީ އެމަނިކުފާނު މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާއެއްގެ އަޑުއެހުން މާދަމާ އަށް ތާވަލުކޮށްފައިވަނިކޮށެވެ.
ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ވިދާޅުވީ މިއީ ދުރާލާ ތާވަލުކޮށް، އެމަނިކުފާނު ކޯޓަށް ހާޒިރުކޮށްގެން ކުރިއަށްގެންދާ އަޑުއެހުންތަކެއް ނަމަވެސް، މި ދުވަސްވަރަކީ ކޮވިޑް19ގެ ހާލަތު ވަރަށް ނުރައްކާތެރި ދުވަސްވަރެއް ކަމަށެވެ.
އެގޮތުން މި ބަލީގެ ނުރައްކާތެރިކަމުގެ ސަބަބުން މި ބަލިން ރައްކާތެރިވުމަށްޓަކައި މި ދުވަސްވަރު ގެއިން ބޭރަށް ނުކުތުންވެސް މަނާކޮށްފައިވާ ކަމަށް ވަކީލުންގެ ޓީމުން ނެރުނު ބަޔާނުގައިވެ އެވެ.
އެހެންކަމުން މިފަދަ ނުރައްކާތެރި ދަނޑިވަޅެއްގައި އެމަނިކުފާނު ސިއްހީ ނުރައްކަލަށް ހުށަހެޅޭ ގޮތަށް ކޯޓަށް ހާޒިރު ކުރުމަކީ ގާނޫނުއަސާސީގެ 21ވަނަ މާއްދާގެ ދަށުން ކަށަވަރުކޮށްދޭ ދިރިހުރުމުގެ ހައްގާއި އަމިއްލަ މިނިވަންކަމާއި ނަފްސު ރައްކާތެރިކުރުމުގެ ހައްގަށް ހުރަސް އެޅޭ ކަމެއް ކަމަށް ވަކީލުން ވިދާޅުވެ އެވެ.
މި ހާލަތަށް ރިއާޔަތްކޮށް ވަކީލުންގެ ޓީމުން ވިދާޅުވީ މާދަމާގެ އަޑުއެހުން ފަސްކޮށްދިނުމަށާއި ކޮވިޑް19ގެ ބަލިމަޑުކަން ހަމައަކަށް އެޅި، އާންމު ހާލަތަކަށް ދަންދެން މައްސަލައިގެ އަޑުއެހުންތައް ފަސްކޮށްދިނުމަށް ކްރިމިނަލް ކޯޓުން އެދިވަޑައިގެންފައިވާ ކަމަށެވެ.