13 Feb 2012, 21:17
ހަމަނުޖެހުންތައް ހިންގައި ޑިމޮކްރަޓިކް ގޮތުން ހޯދާފައިވާ ކުރިއެރުންތައް ނެތި ދިއުމަކީ ދިވެހިރާއްޖެ އަށް އަގުއަދާކުރެވޭނެ ކަމެއް ނޫން ކަމަށް އދ. އިން ބުނެފި އެވެ.
މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އދ.ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް ފޯ ޕޮލިޓިކަލް އެފެއާޒް އޮސްކާ ފެނާންޑޭޒް ޓެރެންކޯ، ރާއްޖޭގައި ހުންނަ އދ.ގެ މަރުކަޒުގައި ދެއްވި ޕްރެސްކޮންފަރެންސެއްގައި ވިދާޅުވީ ހަމަނުޖެހުމަކީ ދިވެހިރާއްޖެ އަށް އެފޯޑް ކުރެވޭނެ ކަމެއް ނޫން ކަމަށާއި މިހާރު ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރުމަށް ސުލްހަވެރި ކަމާ އެކު މަސައްކަތް ކުރުމަށް އެކަށީގެންވާ ޖާގަ ލިބެން ޖެހޭނެ ކަމަށެވެ.
"ފަސާދަ އާއި ހަމަނުޖެހުންތައް ނުހިނގާނެކަން ކަށަވަރު ކުރުމަށް ހުރިހާ ޕާޓީތަކަށް ވެސް ގޮވާލަން. ދެ ހާސް އަށް ވަނަ އަހަރުން ފެށިގެން ޑިމޮކްރަސީގެ ގޮތުން ރާއްޖެ ހޯދާފައިވާ ކުރިއެރުންތަކާއި އިގުތިސާދީ ގޮތުން ރާއްޖޭގެ މުސްތަގުބަލް ގެއްލިގެންދާ ފަދަ ހަމަނުހެމަކީ ދިވެހިރާއްޖެ އަށް އެފޯޑް ކުރެވޭނެ ކަމެއް ނޫން،" ފެނާންޑޭޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖެ އަށް ކުރިމަތިވެފައި މިވާ ފަދަ މައްސަލަތަކަށް ގައުމުން ބޭރުން ހައްލެއް ނުހޯދޭނެ ކަމަށާއި މި މައްސަލަތައް ހައްލު ކުރެވޭނީ ރާއްޖޭގެ އެތެރެއިން ކަމަށެވެ. އަދި ކަމާ ބެހޭ ހުރިހާ ފަރާތްތަކުން ވާހަކަ ދައްކައިގެން ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.
ރާއްޖޭގައި ކުރެއްވި މަސައްކަތްތައް ނިންމަވާލެއްވުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ފެނާންޑޭޒް ވިދާޅުވީ ފާއިތުވި ދުވަސްތަކުގައި ހިނގި ކަންތައްތަކާއި އެކަން އެހެން ހިނގަން މެދުވެރިވި ހާދިސާތައް ތަހުގީގު ކުރަން ޖެހޭ ކަމަށާއި އެކަން ކުރަން ޖެހޭނީ ރާއްޖޭގައި އެކަމަށް އޮތް ނިޒާމުތަކެއްގެ ތެރެއިން ކަމަށެވެ. އަދި ވިދާޅުވީ ކުރިއަށް ދާނެ މަގު ހޯދޭނީ ހަމައެކަނި ދިވެހިންނަށް ކަމަށާއި މިތަނުން ފެނުނު ފަދަ ކަންތައްތަކަށް ބޭރުން ހޯދައި ދެވޭނެ ހައްލެއް ނޯންނާނެ ކަމަށެވެ.
"އިތުބާރު ކުރެވޭ، މިނިވަން ގައުމީ ނިޒާމެއްގެ ތެރެއިން ފާއިތުވި ހަފުތާތަކުގައި ރާއްޖޭގައި ހިނގި ކަންތައްތަކާއި އެކަންތައްތަކަށް މަގު ފަހިވި ކަންތައްތައް ތަހުގީގު ކުރަން ޖެހޭނެ. އަޅުގަނޑު ދަންނަވަމުން އައި ފަދައިން ކުރިއަށް ދެވޭނެ މަގެއް ހޯދޭނީ ހަމައެކަނި ދިވެހިންނަށް. މިތަނުން މިފެނުނު ފަދަ އެތެރޭގެ ކަންތައްތަކަށް ބޭރުން ހޯދޭނެ ހައްލުތަކެއް ނޯންނާނެ. ހައްލު ހޯދުމަށް ރާއްޖެ އިން މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް އެހީތެރިވުމަށް އދ. އަބަދު ވެސް އޮންނާނީ ތައްޔާރަށް،" ފެނާންޑޭޒް ވިދާޅުވި އެވެ.
އދ.ގެ މިޝަން އިން ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަނިކޮށް، ސަލާމަތީ ބާރުތަކުން އެކަށީގެން ނުވާ ބާރުގެ ބޭނުން ކުރިކަން ސަމާލުކަމަށް އައި ކަމަށާއި އިންސާނީ ހައްގުތައް ނަގާލި ކަމުގެ ތުހުމަތުތައް ކުރެވެމުންދާ ކަން ވެސް ސަމާލުކަމަށް އައި ކަމަށް ވެސް ފެނާންޑޭޒް ވިދާޅުވި އެވެ.
އަދި ވިދާޅުވީ ހިޔާލުތަފާތުވުންތައް ފާޅުކުރުމަށް ސަރުކާރުން ޖާގަ ދިނުމަކީ މުހިއްމު ކަމެއް ކަމަށާއި ސަލާމަތީ ބާރުތަކުން ވެސް އެކަށީގެންނުވާ ބާރުގެ ބޭނުން ކުރުމުން ދުރުހެލިވެ ތިބުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އަދި ތަފާތުތަކުގެ މައްސަލަ ހައްލުކުރަން ވާނީ ސުލްހަވެރިކަމާ އެކުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިއީ ވަރަށް ވަރުގަދަ މެސެޖެއް، ހުރިހާ ޕާޓީތަކަކުން ވެސް، ހުރިހާ ޕާޓީތަކަކުން ވެސް ތަފާތުތައް ހައްލުކުރަން ވާނީ ސުލްހަވެރިކަމާ އެކު، " ފެނާންޑޭޒް ވިދާޅުވި އެވެ.