29 May 2021, 21:16
ރާއްޖޭގައި ކޮވިޑް19 ގެ ރީއިންފެކްޝަން ރޭޓު ނުވަތަ ދެވަނަ ފަހަރަށް ބަލި ޖެހޭ މީހުންގެ އަދަދު ދަށަށް ދާން ފަށާފައިވާ ކަމަށް ހެލްތު އެމާޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.
މިއަދު އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހީމް އަފްޒަލް ވަނީ ރާއްޖޭގެ ކޮވިޑް ރީއިންފެކްޝަންގެ ޓްރެންޑުތައް ހިއްސާކުރައްވައިފަ އެވެ. ޑރ. އަފްޒަލް ވިދާޅުވީ، މިދިޔަ އަހަރާ އަޅާބަލާއިރު، މި އަހަރު ދެވަނަ ފަހަރަށް ބަލިޖެހޭ މީހުންގެ އަދަދު ދަށަށް ގޮސްފައިވާ ކަމަށެވެ.
ކޮވިޑް ޖެހޭ މީހުންނަށް ދެވަނަ ފަހަރަށް ބަލިޖެހުމުގެ ފުރުސަތު އޮންނަނީ ބަލިން ރަނގަޅުވާތާ ތިން މަސް ފަހުންނެވެ. ޑރ. އަފްޒަލް ވިދާޅުވީ ރާއްޖެއިން ކޮވިޑްގެ ރީއިންފެކްޝަނެއް އެންމެ ފުރަތަމަ ފެނުނީ ރާއްޖޭގައި ކޮވިޑް ފެތުރެން ފެށިތާ 17 ހަފްތާ ފަހުން ކަމަށެވެ.
މިދިޔަ އަހަރުގެ ތެރޭގައި ދެވަނަ ފަހަރަށް ބަލި ޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފަ އެވެ. އެގޮތުން، ހަފްތާއަކު 40 ރީއިންފެކްޝަން ވެސް އޭރު ފެނުނު ކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ.
"ރީއިންފެކްޝަންގެ ކޭސްތަކަކީ ހަގީގަތުގައި ކޮންމެ ގޮތެއް ވިޔަސް އެބަ އެނގޭ، ބަލި ޖެހުމުގެ ސަބަބުން ދިފާއީ ނިޒާމު ބައްޔަށް ހޭނެން ނަގާ ތިން މަސް ދުވަސް. އެހެންކަމަށް ވާތީ ތިން މަސް ފަހަށް ބަލި ޖެހުމަކީ އެހާ އާދަޔާ ހިލާފު ކަމެއް ނޫން" ޑރ. އަފްޒަލް ވިދާޅުވި އެވެ.
ނަމަވެސް މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ރީއިންފެކްޝަން ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް ޑޮކްޓަރު މިއަދު ވިދާޅުވި އެވެ. އެގޮތުން މިހާރު އެންމެ ގިނަވެގެން ވެސް ހަފްތާއަކު ފެންނަނީ ފަސް ރީއިންފެކްޝަން ކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ.
ދެވަނަ ފަހަރަށް ބަލި ޖެހުމަށް ނަގާ މުއްދަތަށް ބަލާއިރު، ތިން މަސް ފަހުން ބަލިޖެހިފައި ވަނީ 12 މީހަކަށެވެ. ހަތަރު މަސް ފަހުން 17 މީހަކަށް އަލުން ބަލި ޖެހުނު އިރު، ފަސް މަސް ފަހުން 10 މީހަކަށް ދެވަނަ ފަހަރަށް ބަލި ޖެހިފައިވެ އެވެ.
ހަ މަސް ފަހުން 25 މީހަކަށް ބަލި ޖެހުނު އިރު، ހަތް މަސް ފަހުން 18 މީހަކަށް، އަށް މަސް ފަހުން 35 މީހަކަށް، ނުވަ މަސް ފަހުން 56 މީހަކަށް އަދި 10 މަސް ފަހުން 29 މީހަކަށް ވަނީ އަލުން ބަލި ޖެހިފަ އެވެ.
ޑރ. އަފްޒަލް ވިދާޅުވީ، ބައެއް މީހުންނަށް ދެފަހަރަށް ވުރެ ގިނައިން ވެސް ބަލި ޖެހިފައި އެބަހުރިކަމަށާއި ނަމަވެސް އެއީ ވަރަށް މަދު އަދަދެއް ކަމަށެވެ.
ނަމަވެސް ގިނަ ބަޔަކަށް ވެކްސިން ފުރިހަމަ ކުރެވުމާއެކު، ރީއިންފެކްޓުވާ މުއްދަތަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި، ވެކްސިނުން ރައްކާތެރިކަން ލިބެން ފެށުމުން، ރީއިންފެކްތުވުން މަދުވާނެ ކަމަށް ވެސް ޑރ. އަފްޒަލް ވިދާޅުވި އެވެ.
ރާއްޖޭގައި އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނީ 18-45 އަހަރާ ދެމެދުގެ މީހުން ކަމަށް ވާއިރު، ރީއިންފެކްޝަން ވެސް އެންމެ މަތީ އެ އުމުރުފުރައިގަ އެވެ. އެ އުމުރުފުރާގެ 148 މީހަކަށް ދެވަނަ ފަހަރަށް ބަލިޖެހިފައިވެ އެވެ.