29 May 2021, 19:04
ކޮވިޑް19 އާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ހިލާފުވި 742 މީހަކު ޖޫރިމަނާކޮށްފި އެވެ.
ކޮވިޑް19 ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މާސްކު ނާޅާ އުޅޭ މީހުންނާއި ކާފިއު ވަގުތު ބޭރަށް ނިކުމެ އުޅޭ މީހުން އަދި ހުއްދަ ނެތި އުޅަނދު ދުއްވާ މީހުން ޖޫރިމަނާކޮށް ފިޔަވަޅު އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނި ވެސް، ކާފިއު ވަގުތު ބޭރުގަައި އުޅުނު 507 މީހަކު ޖޫރިމަނާ ކުރި ކަމަށެވެ. އަދި މާސްކު ނާޅާ އުޅުނު 175 މީހަކު ވެސް ޖޫރިމަނާ ކުރި ކަމަށް މަބްރޫކު ވިދާޅުވި އެވެ.
މާލެ ސީޓީގައި ބަލި ފެތުރުން ހުޓުވުމަށް މާލޭ ސިޓީގެ ކާފިއުގެ ވަގުތު ހަވީރު 4:00އިން ރޭގަނޑު 8:00އަށް ކާފިއު ވަނީ އިތުރުކޮށްފައެވެ. އަދި އެނޫން ގަނޑިތަކުގައިވެސް ބޭރުގައި އުޅެވޭނީ ހާއްސަ ހުއްދައަކާ އެކުއެވެ. ކޮންމެ ގެއަކަށް ލިބެނީ ދެ ވަގުތަކަށް ދެ ހުއްދަ އެވެ.
މާސްކު ނާޅާ އުޅޭ މީހުންނާއި ކާފިއު އާ ހިލާފުވާ މީހުން ޖޫރިމަނާ ކުރަނީ 1،000 ރުފިޔާ އިންނެވެ.
ކެފޭ/ފިހާރަ/ސެލޫން ފަދަ ތަންތަން ހުޅުވައިގެން ހިދުމަތް ދިނުމާ ގުޅިގެން 60 މީހަކު ޖޫރިމަނާ ކުރި ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ.
ކެފޭ، ހޮޓާ، ރެސްޓޯރަންޓުތައް ފަދަ ތަންތަނުން ދެވޭނީ ހަމައެކަނި ޓެކްއަވޭ އަދި ޑެލިވަރީގެ ހިދުމަތެވެ. ފުލުހުންގެ ހުއްދައާ އެކު މެންދަމު 12 އާ ހަމައަށް ޑެލިވަރީ ހިދުމަތުގެ ފުރުސަތު ދޭނެ އެވެ. ނަމަވެސް ގައިޑްލައިންއާ ހިލާފުވާ ވިޔަފާރިތައް 24 ގަޑިއިރަށް ބަންދު ކުރާނެ އެވެ.
ކޮވިޑް19ގެ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ފުލުހުންނާއެކު ސިފައިން ވެސް މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ.