ފޮރިން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ކަމަށް ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.

ފޮރިން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ކަމަށް މިއަދު ހަމަޖައްސާފައި ވަނީ މ. އަލިހަނދުވަރުގޭ ހަސަން ޝިފާއު އެވެ. ޝިފާއު އެ މަގާމަށް އައްޔަން ކުރެއްވީ ކުރިން ޕާމަނަންޓް ސެކްރެޓަރީ އަކަށް ހުންނެވި މ. ފުންފިނި މުހައްމަދު ނަސީރު މިދިޔަ މަހުން ފެށިގެން ފޮރިން މިނިސްޓްރީގެ ފޮރިން ސެކްރެޓަރީގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރެއްވުމާ ގުޅިގެން ނެވެ.

ޝިފާއު މީގެ ކުރިން ހުންނެވީ ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް ކަމުގެ މަގާމުގަ އެވެ.
ޝިފާއު ވަނީ އިންޑިއާގެ ސިއްކިމްމަނީޕާލް ޔުނިވަސީޓީން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާ އިން މާސްޓާސް ޑިގްރީ ހާސިލު ކުރައްވައިފަ އެވެ.

މިނިސްޓްރީ އޮފް ޕްލެނިން އެންޑް އެންވަޔަރަމަންޓުން ސަރުކާރަށް ޚިދުމަތް ކުރައްވަން ފެއްޓެވި ޝިފާއު ވަނީ ފޮރިން މިނިސްޓްރީގައި ފާހަގަ ކޮށްލެވޭ ޚިދުމަތްތަކެއް ކުރައްވާފައި ކަމަށް ސީއެސްސީން ބުންޏެވެ. އަދި ކޮމަންވެލްތު ޔޫތު ޕްރޮގްރާމްގެ ސަރަހައްދީ މައި އިދާރާގައި ވެސް މަސައްކަތް ކުރައްވާފަ އެވެ.

ޕާމަނަންޓް ސެކްރެޓަރީއަކީ އެ ފަރާތެއް އައްޔަން ކުރާ ދާއިރާއެއްގައި މަސައްކަތް ކުރާ ސިވިލްސާވިސްގެ އެންމެ އިސް މުވައްޒަފެވެ. އަދި ސީއެސްސީގެ ގާނޫނާއި ގަވާއިދު އެ ދާއިރާއެއްގެ މުވައްޒަފުން ތަންފީޒުކޮށް ދެމެހެއްޓުމުގެ ޒިންމާ އުފަލަން ޖެހޭނެ އެވެ.