29 May 2021, 17:03
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ތެރޭގައި ލިބިފައިވާ މައުލޫމާތާއި، ހާއްސަކޮށް އެމަނިކުފާނު ދިރިއުޅުއްވާ ގ. ކެނެރީގޭގެ ތަފްސީލީ މައުލޫމާތު ހާމަކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ބަލަން ނިންމައިފި އެވެ.
އެ ތަފްސީލުތައް ހާމަކޮށްފައި ވަނީ، އިއްޔެ "މިހާރު" ނޫހުގައި ޝާއިއުކުރި ރިޕޯޓެއްގަ އެވެ. އެމްއެންޑީއެފްގެ އޮފިސަރަކާ ހަވާލާދީ ލިޔެފައިވާ އެ ރިޕޯޓުގައި ބުނެފައި ވަނީ ކެނެރީގޭގައި ސެކިއުރިޓީ ނުދެވޭނެ ކަމަށާއި، ނުރައްކާ އޮތްކަން ނަޝީދަށް އެމްއެންޑީއެފުން އެންގި ކަމަށެވެ.
އެ މައްސަލައިގައި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެފަދަ މައުލޫމާތަކީ އާންމުކޮށް ރާއްޖޭގެ ސަލާމަތާއި އަމަންއާންމު ރައްކާތެރިކުރުމުގެ ގޮތުން މައުލޫމާތު އެއްކުރުމުގެ ބާރާއި އިހްތިޔާރު ލިބިފައިވާ ބައެއްގެ ތެރެއިން އެކަމަށް ހާއްސަކޮށްފައިވާ ބަޔަކު އެއްކުރާ މައުލޫމާތެއް ކަމަށް އެ ކޮމިޓީން ދެކޭ ކަމަށެވެ.
ކޮމިޓީގެ ބަޔާނުގައި ބުނެފައި ވަނީ، އެ މައުލޫމާތު އާންމު ވުމަކީ ރައީސް ނަޝީދުގެ ހިމާޔަތާއު ރައްކާތެރިކަމައި، ކެނެރީގޭގައި ދިރިއުޅުއްވާ އެމަނިކުފާނުގެ އާއިލާގެ ރައްކާތެރިކަން ގެއްލިގެންދާނެ ކަމެއް ކަމަށެވެ.
ހަމައެއާއެކު، ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދަކުރުމުގައި ލިބޭ އެއްވެސް މައުލޫމާތެއް، ސިފައިންގެ ގާނޫނުގައި ބަޔާންކޮށްފައިވާ ފަރާތްތައް ފިޔަވައި އެނޫން އެއްވެސް ފަރާތަކާ ހިއްސާކުރުމަކީ މަނާކަމެއްކަން ވެސް ކޮމިޓީން ފާހަގަކުރި އެވެ.
"މި މައްސަލައަކީ ގައުމީ ސަލާމަތާ ގުޅުންހުރި މައްސަލައަކަށް ވެފައި، ސަލާމަތީ ހިދުމަތްތައް ހިނގާ ނުހިނގާ ގޮތް ބަލަމުން ގެންދިއުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 241 ވަނަ މާއްދާގެ ދަށުން މިކޮމިޓީގެ ދުސްތޫރީ ޒިންމާއަކަށް ވީހިނދު، މި ކޮމިޓީއިން މި މައްސަލަ ބެލުމަށް ނިންމާފައިވާ ކަމުގައި ދަންނަވަމެވެ." ބަޔާނުގައިވެ އެވެ.
މި މަހުގެ ހަ ވަނަ ދުވަހު ރައީސް ނަޝީދު ދިރިއުޅުއްވާ ކެނެރީގެއިން އެމަނިކުފާނު ނުކުމެ ވަޑައިގެން ކާރުކޮޅަށް އަރާ ވަޑައިގަންނަވަނިކޮށ، އައިއީޑީއެއް ގޮއްވާލައި ދިން ހަމަލާގައި ލިބުނު ޒަހަމްތަކަށް މިހާރުވެސް އަންނަނީ ޖަރުމަނު ވިލާތުގައި ފާރުވާ ހޯއްދަވަމުންނެވެ.