ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ގޭގައި ތިބޭ ބަލި މީހުންނާއި ކޮންޓެކްޓުންނަށް ބޭނުންވާ ފަރުވާ ދިނުމަށް، ހެލްތު އެމާޖެންސީ އޮޕަރޭޝަން ސެންޓަރުގައި ވަގުތީ ގޮތުން މަސައްކަތް ކުރާނެ ނަރުހުންނާއި މެޑިކަލް އޮފިސަރުން ހޯދަން އިއުލާނުކޮށްފި އެވެ.

ހެލްތު މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ގޭގައި ތިބޭ ބަލިމީހުންނާއި ކޮންޓެކްޓްވެގެން ކަރަންޓީންކުރެވިފައިވާ މީހުންނަށް އޮންލައިން ކޮންސަލްޓޭޝަން ހަދައި، އެމީހުންނަށް ފަރުވާދިނުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް އަށް މެޑިކަލް އޮފިސަރުން ބޭނުންވާ ކަމަށެވެ.

އެފަރާތްތަކުން މަސައްކަތް ކުރަންޖެހޭނީ ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގަ އެވެ. މުސާރައިގެ ގޮތުގައި ގަޑިއަކު 88.50 ރުފިޔާ ލިބޭނެ ކަމަށް އިއުލާނުގައިވެ އެވެ.

އެ މަގާމަށް ކުރިމަތިލުމުގެ ޝަރުތުތަކަކީ، މެޑިކަލް ޑިގްރީއެއް ހާސިލްކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ގަބޫލްކުރާ ޓީޗިންގ ހޮސްޕިޓަލެއްގައި މަދުވެގެން އެއްއަހަރު ދުވަހުގެ އިންޓާންޝިޕް ފުރިހަމަކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގައި ރަޖިސްޓްރީކޮށް ޕްރެކްޓިސް ކުރުމުގެ ހުއްދަ ލިބިފައިވުމެވެ.

މަގާމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިއުންތަކާއެކު ތިނެއް ޖޫންގެ 14:00 ގެ ކުރިން[email protected]އަށް ފޯމު ހުށަހަޅަން ވަނީ އެދިފަ އެވެ.

މެޑިކަލް އޮފިސަރުންގެ އިތުރުން، ގޭގައި ތިބޭ ބަލިމީހުންނާއި ކޮންޓެކްޓުންނަށް ބޭނުންވާ ނާސިންގ ކެއާ ދިނުމަށް އެޗްއީއޯސީގައި ވަގުތީ ގޮތުން މަސައްކަތްކުރާނެ ރެޖިސްޓާޑް 10 ނަރުހުން ހޯދަން ވެސް ވަނީ އިއުލާނުކޮށްފަ އެވެ.

ނަރުހުންނަށް މަސައްކަތް ކުރާ ކޮންމެ ގަޑިއިރަކަށް ގަޑި އިރަކަށް 61.26 ރުފިޔާގެ މުސާރައެއް ދޭނެ ކަމާސް އިއުލާނުގައިވެ އެވެ. މަގާމަށް ކުރިމަތިލުމުގެ ޝަރުތަކީ ނާސިންގެ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމެވެ.

މަގާމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިއުންތަކާއެކު ހައެއް ޖޫންގެ 12:30 ގެ ކުރިން[email protected]އަށް ފޯމު ހުށަހަޅަން ވަނީ އެދިފަ އެވެ.

ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެ، ވޮލަންޓިއަރުން ހޯދަން ވެސް ވަނީ އިއުލާނުކޮށްފަ އެވެ. ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތްކުރަން ގިނަ ބަޔަކު ޝައުގުވެރިކަން ފާޅުކުރަމުން އަންނައިރު، މިހާތަނަށް 1،000 ފޯމު ލިބިފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.