29 May 2021, 13:02
މެއި ހަވަނަ ދުވަހު އައިއީޑީއެއް ގޮއްވާލައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގެ ޒިންމާ އެމަނިކުފާނުގެ އިސްތަށިފުޅުގައި އަޅުވައި، ޕްރޮޕަގެންޑާއެއް ފަތުރަން މަސައްކަތް ކުރާ ކަމަށް މޯލްޑިވިއަން ޑިމޮކްރެތިކް ޕާޓީ (އެމްޑީޕީ) އިން ބުނެފި އެވެ.
އެ ހަމަލާ ދީފައި ވަނީ ރައީސް ނަޝީދު ދިރިއުޅުއްވާ ކެނެރީގެއިން އެމަނިކުފާނު ނުކުމެ ވަޑައިގެން ކާރުކޮޅަށް އަރާ ވަޑައިގަންނަވަނިކޮށެވެ. ހަމަލާގައި ލިބުނު ޒަހަމްތަކަށް މިހާރުވެސް އަންނަނީ ޖަރުމަނު ވިލާތުގައި ފާރުވާ ހޯއްދަވަމުންނެވެ.
އެ ހަމަލާގެ ޒިންމާ ރައީސް ނަޝީދުގެ އިސްތަށިފުޅުގައި އަޅުވައި ޕްރޮޕަގެންޑާ ފަތުރަން އުޅޭކަމަށް އެމްޑީޕީ އިން ބުނީ އިއްޔެ "މިހާރު" ނޫހުގައި ޝާއިއުކުރި ރިޕޯޓަކާ ގުޅިގެންނެވެ.
އެމްއެންޑީއެފްގެ އޮފިސަރަކާ ހަވާލާދީ ލިޔެފައިވާ އެ ރިޕޯޓުގައި ބުނެފައި ވަނީ ކެނެރީގޭގައި ސެކިއުރިޓީ ނުދެވޭނެ ކަމަށާއި، ނުރައްކާ އޮތްކަން ނަޝީދަށް އެމްއެންޑީއެފުން އެންގި ކަމަށެވެ.
އެ ރިޕޯޓުގައިވާ ވާހަކަތައް ކުށްވެރިކޮށް އެމްޑީޕީ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހަމަލާގައި ލިބުނު ޒަހަމްތަކަށް އެމަނިކުފަނު އަދިވެސް ފަރުވާ ހޯއްދަވަމުން އަންނަ ދަނޑިވަޅެއްގައި، ރައީސް ނަޝީދުގެ ސެކިއުރިޓީއާ ބެހޭގޮތުން ފޮރުވިގެންހުރި ފަރާތަކާ ހަވާލާދީ އެ ނޫހުން އެ މަނިކުފާނަށް އިތުރަށް ފުރައްސާރައަކަށް ވާގޮތަށް ޕްރޮޕަގެންޑާ ފަތުރާފައިވާ ކަމަށެވެ. އަދި އެކަމާ މެދު ޕާޓީން އިންތިހާއަށް ކަންބޮޑުުވާ ކަމަށާއި އެކަން އެންމެ ހަރުއަޑުން ކުށްވެރިކުރާ ކަމަށެވެ.
"އެ ޓެރަރިޒަމުގެ ހަމަލާ ދިނުމުގައި ފަންޑުކުރި ފަރާތްތަކާއި ނުވަތަ އަޑީގައި ތިބި ފަރާތްތައް، ތަހުގީގުން އަދިވެސް ނުހޯދި ވާއިރު، އެ ހަމަލާ ރައްދުވުމުގައި އެމަނިކުފާނަށް އިލްޒާމުއެޅުވުމަށް މަސައްކަތްކޮށް ޕްރޮޕަގެންޑާ ފަތުރާފައިވެއެވެ. މިގޮތުން އެ ހަމަލާއަކީ އެމަނިކުފާނުގެ މައިންބަފައިންގެ ގެކޮޅުގައި ދިރިއުޅުއްވާތީއާއި އަދި އެމަނިކުފާނުގެ މިޒާޖުފުޅު ހުންނަގޮތުގެ ސަބަބުން ރައްދުވި ހަމަލާއެއްކަމަށް ސިފަކުރުމަށް މަސައްކަތްކޮށް، ފޮރުވިގެންހުރި ފަރާތާ ހަވާލާދީ ޕްރޮޕަގެންޑާ ފަތުރާފައިވެއެވެ." އެމްޑީޕީން ބުންޏެވެ.
އެމްޑީޕީން ބުނީ ރައީސް ނަޝީދަކީ ކްރިޓިކަލް ލެވެލްގެ ރިސްކް އޮތް ފަރާތެއްކަން ސަލާމަތީ ހިދުމަތްތަކަށް އެނގިފައިވާއިރު، އަދި ގާނޫނުއަސާސީން އެމަނިކުފާނަށް ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށްދޭންޖެހޭކަމަށް ލާޒިމުކޮށްފައިވާއިރު، އެ މަނިކުފާނު އަވަހާރަކޮށްލުމުގެ ޓެރަރިޒަމުގެ ހަމަލާ މަޖީދީމަގުން ރައްދުވުމުން، އެ މަނިކުފާނަށް އެގޮތަށް އިލްޒާމުއެޅުވުމަށް މަސައްކަތްކުރުމަކީ ސިދާ ޕްރޮޕަގެންޑާއެއް ކަމަށެވެ.
އޭގެ އިތުރުން، އެމަނިކުފާނު ރާއްޖޭގެ ރައީސްކަމުގެ މަގާމުގައާއި، ސިފައިންގެ އެންމެ މަތީ ވެރިޔާކަމުގެ މަގާމުގައި ހުންނަވަނިކޮށް، 7 ފެބްރުއަރީ 2012 ގައި ސިފައިންގެ މައި މަރުކަޒުގެ ތެރޭގައި ވެސް އެމަނިކުފާނަށް ރައްކާތެރިކަން ފޯރުކޮށްދެވިފައިނުވާކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.
"އަދި ޖެހިގެން އައި 8 ފެބްރުއަރީ 2012 ގައި ވެސް، ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި މީހަކަށް ކަށަވަރުކޮށްދޭންޖެހޭ ސަލާމަތާ ރައްކާތެރިކަން އެމަނިކުފާނަށް ކަށަވަރުކޮށް ނުދީ، ސަލާމަތީ ހިދުމަތްތަކުން އެމަނިކުފާނު އަނިޔާގެ ތެރެއަށް ދޫކޮށްލާފައިވެއެވެ."
އެމްޑީޕީން ބުނީ "މިހާރު" ނޫހުގައި ލިޔެފައިވާ ސެކިޔުރިޓީގެ މައްސަލަތަކާ ބެހޭ ވާހަކަ ދެއްކުމުގައި ހަވާލާދީފައިވާ ފަރާތަކީ، އެނޫހަށް ޔަގީންކުރެވޭ ފަރާތެއްކަން އެ ލިޔުމުގައި ބަޔާންކޮށްފައިވާ ކަމަށާއި އަދި އެފަރާތުން އެ ނޫހާ ދައްކާފައިހުރީ ސީދާ ރައީސް ނަޝީދުގެ ސެކިޔުރިޓީ ކަންކަމާ ގުޅޭ ފަރާތެއްގެ ހައިސިއްޔަތުން ދެއްކި ވާހަކަތަކެއްކަން އަންގައިދިނުމުގެ ގޮތުންކަމަށް ދެކޭ ކަމަށެވެ.
އެހެންކަމުން އެ ވާހަކަ ދައްކާފައިވަނީ ސަލާމަތީ ހިދުމަތްތަކަށް ނިސްބަތްވާ ނުވަތަ ސެކިޔުރިޓީ މައްސަލަތަކުގެ މައުލޫމާތު ރަސްމީ ހައިސިއްޔަތުން ލިބޭ ފަރާތަކުންކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
އެމްޑީޕީން ބުނީ އެއީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި ސެކިއުރިޓީ ކަންކަމާ ގުޅޭ ފަރާތެއްގެ ހައިސިއްޔަތުން ފޮރުވިގެންހުރެ ސެކިއުރިޓީއާ ބެހޭ މައުލޫމާތު ނޫހަށް ފޯރުކޮށްދިނުމަކީ ނުހަނު ސީރިއަސް މައްސަލައެއްކަމަށް ދެކޭ ކަމަށެވެ.
އެހެންކަމުން، ފޮރުވިގެންހުރެ ސެކިއުރިޓީއާ ބެހޭ މައުލޫމާތު ނޫހަށްދީ، ރައީސް ނަޝީދާ ދެކޮޅަށް ޕްރޮޕަގެންޑާ ފެތުރުމަށް މަސައްކަތްކުރާ ފަރާތަކީ ސަލާމަތީ ހިދުމަތްތަކަށް ނިސްބަތްވާ ފަރާތެއްތޯ، ނުވަތަ ރަސްމީ ހައިސިއްޔަތަކުން އެފަދަ މައުލޫމާތު ލިބިފައިވާ ފަރާތެއްތޯ ބެލުމުގެ އަވަސް އަދި ފުރިހަމަ ތަހުގީގެއް ކުރުމަށް ސަލާމަތީ ހިދުމަތްތަކަށް އެމްޑީޕީން ވަނީ ގޮވާލައިފަ އެވެ.
"ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިޒަމުގެ ހަމަލާއަކީ ގައުމީ މަސްލަހަތާ ގުޅިފައިވާ ސީރިއަސް ބޮޑު މައްސަލައަކަށްވާއިރު، އެ ހަމަލާގެ އަޑީގައި ތިބި ފަރާތްތަކާއި ފަންޑުކުރި ފަރާތްތައް އަދި ވެސް ނުހޯދޭއިރު، އެކި ދިމާތަކުން ގުޅިގެން އެމަނިކުފާނާ ދެކޮޅަށް ޕްރޮޕަގެންޑާ ފަތުރައި، އިތުރު ސުވާލުތައް އެފެދޭ މޭރުމުން މަތިމައްޗަށް އިހްމާލުވެ، ފުރައްސާރަކުރުން ހުއްޓާލުމަށް މި ޕާޓީން ގޮވާލަމެވެ." އެމްޑީޕީގެ ބަޔާނުގައި ވެއެވެ.