ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ނައަންގަވައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި ހިތަދޫ މެދު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑް) ހައްޔަރުކުރި މައްސަލާގައި ފުލުހުން ޖަވާބު ދާރީ ކުރުވުމާ މެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހިޔާލުތަފާތުވެއްޖެ އެވެ.

މިދިޔަ ބުދަ ދުވަހު އައްޑޫގައި ހަމަނުޖެހުންތައް ހިންގައި އެކަން ރޭވުމުގެ ފަހަތުގައި ހުންނެވި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ރަޝީދުގެ މައްސަލާގައި އެމްޑީޕީން މިއަދު ވަނީ މަޖިލީހުގެ އިންތިޔާޒު ކޮމެޓީއަށް މައްސަލައެއް ހުށަހަޅުއްވާފަ އެވެ. އެމްޑީޕީ އިން މަޖިލީހުގެ އިމްތިޔާޒާ ބެހޭ ކޮމެޓީގެ ސަމާލު ކަމަށް ގެނެސްފައިވާ މައްސަލާގައި ބުނެފައި ވަނީ ރަޝީދު ހައްޔަރުކޮށްފައި ވަނީ މަޖިލީހުގެ ގަވާއިދުގެ 202 ވަނަ މާއްދާގެ (ށ)އާ ހިލާފަށް ކަމަށެވެ.

މަޖިލީހުގެ ގަވާއިދުގެ 202 ވަނަ މާއްދާގެ (ށ) ބުނަނީ ޖިނާއީ ކުށެއްގެ ތުހުމަތުގައި ބަންދުކޮށްގެން ނޫނީ، ތަހުގީގު ކުރިއަށްގެންދެވެން ނެތް ހާލަތެއްގައި، މެންބަރަކު ބަންދު ކުރަންޖެހިއްޖެ ހިނދެއްގައި، މެންބަރަކު ބަންދު ކުރަންވާނީ މަޖިލީހުގެ ރައީސްއަށް އެންގެވުމަށް ފަހުގަ އެވެ.

ނަމަވެސް ރަޝީދު ހައްޔަރު ކުރުމުގެ ކުރިން މަޖިލީހުގެ ރައީސަށް ފުލުހުން އެކަން އަންގާފައިނުވެ އެވެ. ފުލުހުން އެކަން އަންގާފައި ވަނީ ރަޝީދު ހައްޔަރު ކުރުމަށް ފަހު 11 ގަޑިއިރަށް ފަހު އެވެ. މަޖިލީހުގެ އިދާރާ އިން ކޮމެޓީ އަށް ހުށަހަޅުއްވާފައިވާ ލިޔެކިޔުންތަކުން އެކަން އެނގެ އެވެ.

މައްސަލައިގެ ބަހުސްގައި ސަރުކާރަށް ތާއިދު ކުރާ މެންބަރުން ހުށަހަޅުއްވާފައި ވަނީ އެ މައްސަލާގައި ފުލުހުން ކޮމެޓީ އަށް ހާޒިރުކޮށް ޖަވާބުދާރީ ކުރުވުމަށެވެ. ޕީޕީއެމްއަށް ނިސްބަތްވެވަޑައިގަންނަވާ އުނގޫފާރު ދާއިރާގެ މެންބަރު ޑރ. އަފްރާޝީމް އަލީ ވިދާޅުވީ ރަޝީދު ހައްޔަރު ކުރުމުގެ ކުރިން އެކަން މަޖިލީހުގެ ރައީސަށް އަންގާފައި ނުވާތީ ފުލުހުން ކޮމެޓީ އަށް ހާޒިރު ކުރަން ޖެހޭނެ ކަމަށެވެ. އަދި މަޖިލީހުގެ ރައީސްގެ އަރިހުން އެކަން ވެފައިވާ ގޮތް ސާފު ކުރުމަށް ވެސް އޭނާ ހުށަހެޅުއްވި އެވެ.

އެމްޑީޕީގެ ބާރަށު ދާއިރާގެ މެންބަރު މުހައްމަދު ޝިފާޒު ވިދާޅުވީ އެ މައްސަލާގައި ފުލުހުން ކޮމެޓީގައި ޖަވާބު ދާރީ ކުރުވުމަށް ބޭނުން ނުވާ ކަމަށެވެ. ސަބަބެއް ކަމަށް ޝިފާޒު ވިދާޅުވީ ގާނޫނު އަސާސީ ނެގެހެއްޓުމަށް މައްސައްކަތް ކުރަން ޖެހޭ ފުލުހުންގެ މުއައްސާސާ އިން މިއަދު ގާނޫނީ އިމުން ބޭރުން އެތައް ކަމެއްކޮށް، ވެރިކަން ބަދަލުކޮށްފައިވާ ކަމަށެވެ. ވުމާ އެކު "ރައްޔިތުން" ފުލުހުންނާ މެދު ކުރާ އިތުބާރު ގެއްލިފައިވާ ކަމަށް ވެސް ޝިފާޒު ވިދާޅުވި އެވެ.
ބަހުސްގެ މަރުހަލާ ކުރިއަށް ދިޔަ ވަގުތު ކޮމެޓީ ރޫމްގައި އަޑުގަދަ ކުރައްވައި އެމްޑީޕީގެ ނައިބު ރައީސް ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ ވިދާޅުވީ ފުލުހުންގެ ކޮމިޝަނަރަކަށް މަޖިލީހަށް ނުވަދެވޭނެ ކަމަށާއި ފުލުހުންގެ މުއައްސަސާއަކީ މިހާރު ޣައިރު ގާނޫނީ ވެރިކަމެއްގެ ދަށުން ހިންގަމުންދާ ތަނެއް ކަމަށެވެ.

ފުލުހުން ކޮމެޓީ އަށް ހާޒިރު ކުރުވުމާ މެދު މެންބަރުން ހިޔާލުތަފާތުވެފައިވަނިކޮށް ސަރުކާރަށް ތާއިދު ކުރާ ޕީޕީއެމްގެ މެންބަރުނާއި ޑީއާރްޕީގެ މެންބަރުންގެ ވޯޓް ދެއްވައިގެން ނިންމާފައި ވަނީ ފުލުހުން ކޮމެޓީއަށް ހާޒިރުކޮށް ސުވާލު ކުރުމަށެވެ.