ކޮވިޑް19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކުޅުދުއްފުށީ އެއާޕޯޓަށް ލަފާފުރުވަން އާންމުން ދިއުން މަނާކޮށްފި އެވެ.

ކުޅުުދުއްފުށި ސިޓީ ކައުންސިލުން ބުނީ މިދުވަސްވަރަކީ މާލެ އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާ ދުވަސްވަރަކަށްވާތީ ކުޅުދުއްފުށީގައި ކޮވިޑް19 އިން ރައްކާތެރިވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

އެހެން ނަމަވެސް އެ މަސައްކަތްތަކުގެ ނަތީޖާ އެންމެ އެދެވޭ ގޮތެއްގައި ފެންނާނީ ރައްކާތެރިވެ ތިބުމަށް އެންމެން އެކުގައި މަސައްކަތް ކޮށްގެން ކަމަށް ކައުންސިލުން ބުންޏެވެ.

ސިޓީ ކައުންސިލުން ބުނީ ވޭތުވެދިޔަ ދުވަސްތަކުގައި މާލެއިން ކުޅުދުއްފުށި ސިޓީއަށް ދަތުރުކޮށް ހޯމްކަރަންޓީން ފުރިހަމަކުރުމުގެ ތެރެއިން ކޮވިޑް19 އަށް ޕޮޒިޓީވް ވެފައިވާ ކޭސްތަކެއް ފެނިފައިވާ ކަމަށެވެ.

އެހެންކަމުން އެއާޕޯޓަށް މީހުން ލަފާފުރުވުމަށް އާންމުން ދިއުމަކީ މަނާކަމެއް ކަމުގައި ކުޅުދުއްފުށި ސިޓީގެ ކޮވިޑް19 ޓާސްކްފޯސްގެ ފަރާތުން ނިންމާފައިވާ ކަމަށެވެ.

ކުޅުދުއްފުށި ސިޓީގައި މިވަގުތު ކޮވިޑް19ގެ އެކްޓިވް ކޭސްގެ ގޮތުގައި 12 މިހަކު އެބަތިއްބެވެ.