29 May 2021, 11:10
ކޮވިޑް19 އާ ދެކޮޅަށް އަތޮޅުތަކުގައި ކުރާ މަސައްކަތް ވިލަރެސްކުރުމަށް ކޮންމެ އަތޮޅަކަށް ސިޔާސީ ވެރިޔަކު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހަމަޖައްސަވައިފި އެވެ.
ހެލްތު މިނިސްޓްރީން ބުނީ، މިއީ ކޮވިޑް19 އާ ގުޅިގެން އަތޮޅުތަކުގެ ހާލަތު ބެލުން އިތުރަށް ހަރުދަނާ ކުރުމަށާއި، ކޯޑިނޭޝަން އިތުރަށް ރަނގަޅުކުރުމަށްޓަކައި ރައީސް ނިންމެވި ނިންމެވުމެއް ކަމަށެވެ.
އެގޮތުން، އެކި މިނިސްޓްރީތަކުން ސްޓޭޓް މިނިސްޓަރެއް ނުވަތަ ޑެޕިއުޓީ މިނިސްޓަރެއް ކޮންމެ އަތޮޅަކަށްވެސް މިހާރު ވަނީ ކަނޑައަޅައިފަ އެވެ.
ހެލްތު މިނިސްޓްރީން ބުނީ އެ ބޭފުޅުން މަސައްކަތް ކުރާނީ ކައުންސިލްތަކާއި ޓާސްކްފޯސްތަކާ ގުޅިގެން އެ އަތޮޅެއްގައި ކޮވިޑް19 ކޮންޓްރޯލްކުރުމަށް ކުރަމުންދާ މަސައްކަތުގައި ހުރި މައްސަލަތަކާއި ދަތިތައް ހެލްތު އެމަޖެންސީ އޮޕަރޭޝަން އޮޕަރޭޝަން ސެންޓަރަށާއި ކަމާ ގުޅުންހުރި ފަރާތްތަކުގެ ސަމާލުކަމަށް ގެނެސް، އަދި އެކަން ހިނގާ ނުހިނގާ ގޮތް މޮނީޓާކުރުން ކަމަށެވެ.
ރާއްޖޭގައި ކޮވިޑް19ގެ ހާލަތު ގޯސްވެފައި ވާއިރު، ރާއްޖޭގެ ހުރިހާ ގިނަ ރަށްތަކެއްގައި ކޮވިޑް ފެތުރި، 70 އަށް ވުރެ ގިނަ ރަށް ވަނީ ބަންދުކޮށްފަ އެވެ. އަދި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ރަށްތަކުގައި ކާފިއު ހިންގައި ވަރުގަދަ ފިޔަވަޅުތަކެއް އަންނަނީ އަޅަމުންނެވެ.