ޖެނީވާ (29 މޭ) : ކޮވިޑް-19ގެ ވަބާއިން ސަލާމަތްވެވޭނީ ނުވަތަ އާދައިގެ ބައްޔެއް ގޮތަށް އެ ބަލި ކޮންޓްރޯލް ކުރެވޭނީ ދުނިޔޭގެ އާބާދީގެ ބޮޑު ބަޔަކަށް ކޮވިޑް ވެކްސިންގެ ދެ ޑޯޒު ދެވިގެން ކަމަށް ދުނިޔޭގެ ސިއްހަތާބެހޭ ޖަމްއިއްޔާ (ޑަބްލިޔޫ.އެޗް.އޯ) އިން ބުނެފިއެވެ.

ދެ ޑޯޒު ޖެހުމުން ކޮވިޑުން ދިފާއުވުމުގެ ބޮޑުބާރެއް އިންސާނުންގެ ހަށިގަނޑަށް ލިބިދޭ

އެ ޖަމިއްޔާއިން ބުނީ ވެކްސިންގެ ދެ ޑޯޒު ޖެހުމުން ކޮވިޑުން ރައްކާތެރިވުމުގެ ދިފާއީ ބާރު އިންސާނުންގެ ހަށިގަނޑަށް އެކަށީގެންވާ ވަރަށް ލިބޭތީ ދެ ޑޯޒު ޖެހުމުން އެބަލި ނުރައްކާތެރި ބައްޔަކަށް ނުވާމިންވަރަށް ކޮންޓްރޯލް ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމުގައެވެ.

ޔޫރަޕަށް ކަނޑައަޅާފައިވާ ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޑރ. ހޭންސް ކުލޫގް ވިދާޅުވިގޮތުގައި ދުނިޔޭގެ އާބާދީގެ 70 ޕަސަންޓު މީހުންނަށް ކޮވިޑް ވެކްސިންގެ ދެ ޑޯޒު ދެވިއްޖެނަމަ ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު މަދުވެ. އެބަލީގައި މަރުވާ މީހުންގެ އަދަދުވެސް ދަށަށްދާން ފަށާނެއެވެ. ނަމަވެސް ގައިންގަޔަށް އަރާ ރޯގާއެއްގެ ގޮތުގައި (އަންޑާ ކޮންޓްރޯލްގައި) ދިގުމުއްދަތަކަށް ކޮވިޑް-19 އުޅޭނެކަމަށާއި 70 އިންސައްތަ މީހުންނަށް ވެކްސިން ދިނުމުން މިހާރަށްވުރެ ބިރުވެރިކަން ކުޑަ، އާދައިގެ ރޯގާއަކަށް ކޮވިޑް ބަދަލުވެގެންދާނެ ކަމަށް ހޭންސް ވިދާޅުވިއެވެ.

ފަގީރު ބައެއް ގައުމުތަކަށް އެއްވެސް ވެކްސިނެއް އަދި ނުލިބޭ

ހޭންސް ވަނީ ދުނިޔޭގެ ފަގީރު ބައެއް ގައުމުތަކަށް ކޮވިޑް19ގެ އެއްވެސް ވެކްސިން އަދި ނުލިބޭތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ފަގީރު ގައުމުތަކުގެ ތެރެއިން ގިނަ ގައުމުތަކަށް ކޮވިޑް ވެކްސިން ލިބިފައިވަނީ ކޮވިޑް ވެކްސިން ފޯރުކޮށްދިނުމަށް ޑަބްލިޔުއެޗްއޯ އިން ހިންގާ ޕްރޮގްރާމު "ކޮވެކްސް"ގެ ދަށުންނެވެ. މިގޮތަށް ލިބެމުންދަނީ އެގައުމުތަކަށް ބޭނުންވާ ވަރަށްވުރެ މާ މަދުއަދަދެއްގެ ވެކްސިންކަން ހޭންސް ފާހަގަ ކުރެއްވިއެވެ.

ޔޫރަޕުގައިވެސް ވެކްސިން ޖެހުން ލަސް ދުވެލީގައި

ހޭންސް ވަނީ ޔޫރަޕްގެ ގައުމުތަކުގައިވެސް ވެކްސިން ޖެހުން ކުރިއަށް ދަނީ މާ ލަސް ދުވެއްޔެއްގައިކަން ފަހަގަ ކުރައްވައި ދުވެލި އަވަސް ކުރުމަށް ގޮވާލައްވާފައެވެ. ވަސީލަތްތައް ހުރެފައި މުއްސަނދި ނަމަވެސް ޔޫރަޕްގެ ގައުމުތަކުގައި ކޮވިޑް ވެކްސިން ޖެހުމުގެ ކަންތައް ކުރިއަށް ދަނީ ވަރަށް ލަހުންނެވެ. އެހެންކަމުން އެހެން ގައުމުތަކެކޭ އެއްގޮތަށް ޔޫރަޕްގެ ގައުމުތަކަށްވެސް ކޮވިޑްގެ ނުރައްކަލުން އަދިވެސް އަރައިގަނެވިފައެއް ނުވެއެވެ.

ޔޫރަޕްގައި 44 ގައުމު ހިމެނޭއިރު ކޮވިޑް ވެކްސިން އަދި ޖެހިފައިވަނީ ޔޫރަޕްގެ އާބާދީ އެންމެ 26 އިންސައްތަ މީހުންނަށެވެ. ޔޫރަޕްގެ ސަރަހައްދީ ޖަމިއްޔާ ކަމަށްވާ ޔޫރަޕްގެ އިއްތިޙާދުގައި 27 ގައުމު ހިމެނޭއިރު އެގައުމުތަކަށްވެސް މިހާތަނަށް ވެކްސިންގެ ފުރަތަމަ ޑޯޒު ދެވިފައިވަނީ އެއިއްތިޙާދުގެ އާބާދީގެ އެންމެ 26 އިންސައްތަ މީހުންނަށެވެ. ދެވަނަ ޑޯޒު ދެވިފައިވަނީ އެންމެ 17 އިންސައްތަ މީހުންނަށެވެ.

ކޮވިޑްގެ ނުރައްކާ ބޮޑުވަނީ އައު ވޭރިއަންޓްތައް އުފެދޭތީ

ހޭންސް ވިދާޅުވިގޮތުގައި ކޮވިޑްގެ ނުރައްކާ އެންމެ ބޮޑީ އެވައިރަސްގެ އައު ވޭރިއަންޓްތައް އުފެދޭތީއެވެ. މިގޮތުން ބްރިޓިޝް ވޭރިއަންޓް، ބްރަޒީލިޔަން ވޭރިއަންޓް، އަދި އިންޑިއަން ވޭރިއަންޓަކީ ކޮވިޑް ކޮންޓްރޯލް ކުރުމަށް އޮތް އެންމެބޮޑު ހުރަސްކަން އޭނާ ފާހަގަ ކުރެއްވިއެވެ. މެދުތެރޭ އޭޝިއާއާއި ޔޫރަޕް ހިމެނޭ ސަރަހައްދުގެ 53 ގައުމުގެ ތެރޭން 27 ގައުމަކުން މިތިން ވޭރިއަންޓް ފެނި އެވޭރިއަންޓްތައް ދަނީ ވަރަށް ބާރަށް ފެތުރެމުންނެވެ.

އައު ވޭރިއަންޓްތައްވެސް ކޮވިޑްގެ ވެކްސިންތަކުން ކޮންޓްރޯލް ކުރެވޭނެކަން ސައެންސްވެރިންވަނީ ހާމަކުރައްވާފައެވެ. ވެކްސިންއާއެކުވެސް ކޮވިޑްގެ އައު ވޭރިއަންޓްތައް ކޮންޓްރޯލް ކުރުމަށް ދިގު މުއްދަތެއް ނަގާކަން ސިއްހަތާބެހޭ ތަޖްރިބާކާރުން ފާހަގަ ކުރައްވައެވެ.

ދުނިޔޭގެ އާބާދީގެ 70 ޕަސަންޓަށް ދެ ޑޯޒު ޖަހަން ހަ އަހަރު ނަގާފާނެ

ދުނިޔޭގެ އާބާދީގެ 70 އިންސައްތަ މީހުންނަށް ކޮވިޑް ވެކްސިންގެ ދެ ޑޯޒު ޖެހުމަކީ ކައިރި މުސްތަގުބަލެއްގައި ކުރެވޭނެ ކަމެއް ނޫންކަމަށާ އެކަމަށް މަދުވެގެން ހަ އަހަރުގެ މުއްދަތެއް ނަގާނެކަމަށް ތަޖުރިބާކާރުން ދެކެވަޑައިގަންނަވައެވެ. ދުނިޔޭގެ ދެވަނައަށް އެންމެ އާބާދީ ބޮޑު އަދި ދުނިޔޭގައި އެންމެ ގިނައިން ވެކްސިން އުފައްދާ ގައުމު ކަމަށްވާ އިންޑިއާގައިވެސް މިހާތަނަށް ވެކްސިން ދެވިފައިވަނީ އެގައުމުގެ ބިޔަ އާބާދީގެ އެންމެ 3 އިންސައްތަ މީހުންނަށެވެ.

އެފްރިކާގެ ގިނަ ގައުމުތަކުގައި އާބާދީގެ އެންމެ ދެ ޕަސަންޓު މީހުންނަށްވެސް މިހާތަނަށް ވެކްސިން ދެވިފައެއް ނުވެއެވެ. ކޮވިޑްގެ އިންޑިއަން ވޭރިއަންޓާއެކު އިންޑިއާވެސް ވަނީ ކޮވިޑްގެ ވަބާ ކޮންޓްރޯލް ކުރުމުގައާ އަދި ވެކްސިން އުފެއްދުމުގައިވެސް މުޅިން އިނދަޖެހިފައެވެ. އެ ވޭރިއަންޓާ ކުރިމަތިލުމުގައި އިންޑިއާގެ ސިއްހަތާބެހޭ ނިޒާމުވެސްވަނީ ފެއިލް ވެފައެވެ.