29 May 2021, 12:04
ކުއަލަލަމްޕޫރު (މެއި 29): މެލޭޝިއާގައި ކޮވިޑް-19ގެ ކޭސްތައް ރެކޯޑު އަދަދަކަށް އެރުމާ ގުޅިގެން އެގައުމުގެ ފުރަބަންދުގެ ފިޔަވަޅުތައް އަންނަ އަންގާރަ ދުވަހުން ފެށިގެން އިތުރަށް ހަރުކަށި ކުރާނެކަމަށް ބޮޑުވަޒީރު މުހިއްޔުއްދީން ޔާސީން ވިދާޅުވެއްޖެ އެވެ.
މެލޭޝިއާގައި މިހާރު ވެސް އޮތީ ފުރަބަންދުގެ ފިޔަވަޅުތައް އަޅާ، ސްޓޭޓުތަކާއި ޑިސްޓްރިކްޓުތަކުގެ މެދުގައި ދަތުރުކުރުން މަނާކޮށްފަ އެވެ. އަދި ވިޔަފާރިތައް ހުޅުވާފައި ބެހެއްޓޭ ވަގުތުތައް މަދުކޮށް، ގިނަ މީހުން ގޭގައި މަސައްކަތް ކުރަން އަންގާފަ އެވެ.
ނަމަވެސް ބޮޑުވަޒީރު މުހިއްޔުއްދީން ވިދާޅުވި ގޮތުގައި އަންނަ އަންގާރަ ދުވަހުން ފެށިގެން އަންނަ މަހުގެ 14އާ ޖެހެންދެން ޒަރޫރީ ހިދުމަތްތައް ފިޔަވާ ހުރިހާ އިޖުތިމާއީ އަދި އިގުތިސާދީ ހަރަކާތްތައް ކުރިއަށް ގެންދިޔުން އޮންނާނީ މަނާކޮށްފަ އެވެ. އަދި އެ ފިޔަވަޅު އަޅަން ޖެހުނީ އެގައުމުގައި ކޮވިޑް ފެތުރޭ މިންވަރު އިތުރުވެ، ސިއްހީ ނިޒާމަށް ބާރު ބޮޑުވުމުންނެވެ.
"ކޮންމެ ދުވަހަކު އަލަށް ފެންނަ ކޭސްތަކުގެ މިންވަރު ވަރަށް ބޮޑަށް އިތުރު ވަމުންދާތީ ކޮވިޑް-19 ޖެހޭ މީހުންނަށް ފަރުވާ ދޭ ހޮސްޕިޓަލްތައް ދަނީ ފުރެމުން،" މުހިއްޔުއްދީން ވިދާޅުވި އެވެ.
މެލޭޝިއާއިން އިއްޔެ ވަނީ ކޮވިޑް-19އިގެ 8،290 ކޭސް ރިޕޯޓުކޮށްފަ އެވެ. އެއީ 24 ގަޑި އިރު ތެރޭ ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު އެހާ ވަރަށް އެރި ފުރަތަމަ ފަހަރެވެ. އަދި އޭގެ ކުރީ ތިން ދުވަހުވެސް އެގައުމުން ވަނީ ރެކޯޑު އަދަދަކަށް ކޭސްތައް ފެނިފަ އެވެ.
މީގެ އިތުރުން މެލޭޝިއާއިން ކޮވިޑުގައި މަރުވާ މީހުންގެ އަދަދުވެސް ދަނީ މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން އިތުރުވަމުންނެވެ. އެގޮތުން މިދިޔަ ބުދަ ދުވަހަކީ ކޮވިޑް ޖެހިގެން އެއް ދުވަސް ތެރޭ އެންމެ ގިނަ އަދަދަކަށް މީހުން މަރުވި ކަމަށް ރިޕޯޓު ކުރި ދުވަހެވެ. އެ ދުވަހު ބަލީގައި 63 މީހަކު މަރުވި އެވެ.
މެލޭޝިއާގެ ސިއްހީ އޮފިޝަލުން ވިދާޅުވި ގޮތުގައި އެގައުމުގައި ކޮވިޑްގެ ކޭސްތައް އިތުރުވި ސަބަބުތަކުގެ ތެރޭގައި އާ ވޭރިއެންޓުތައް ފެތުރުމާއި ރޯދަ މަހާއި އީދު ޗުއްޓީ ތެރޭގައި ގިނަ އަދަދެެއްގެ މީހުން އެއްވެ އުޅުން ހިމެނެ އެވެ.
މެލޭޝިއާއިން މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ އަދަދު މިހާރު 549،000އަށް ވުރެ އިތުރުވެ، ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 2،552އަށް އަރާފަ އެވެ.
މެލޭޝިއާއިން ކޮވިޑް ވެކްސިން ޖެހުން މިދިޔަ ފެބްރުއަރީ މަހު ފެށި ނަމަވެސް އެގައުމުގެ ވެކްސިން ޕްރޮގްރާމް ކުރިއަށްދާ ސްޕީޑާ މެދު ބައެއް މީހުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. އެގައުމުން މިހާތަނަށް 1.7 މިލިއަން މީހުންނަށް ވެކްސިން ޖަހާފައިވާ އިރު އޭގެ ތެރެއިން ދެ ޑޯޒް ޖަހާފައި ވަނީ 987،012 މީހުންނަށެވެ.