މިމަހުގެ 23 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިހާބުގައި ހަތް މަގާމަކަށް އަށް ފަރާތަކުން ކުރިމަތި ލައިފި އެވެ.

ހެންވޭރު ސޯސަލް ސެންޓަރުގައި ބާއްވަން ނިންމާފައިވާ ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިހާބުގައި ހޮވުމަށް ހަމަޖެހިފައިވާ މަގާމް ތަކަކީ ރައީސް އާއި ނައިބު ރައީސް އާއި ހަޒާންދާރާއި، އެގްޒެކްޓިވް ކޮމެޓީގެ ފުރިހަމަ މެންބަރުން ތަމްޞީލުކުރާ މެމްބަރަކާއި، އެގްޒެކްޓިވް ކޮމެޓީގެ އެސޯސިއޭޓް މެމްބަރުން ތަމްޞީލްކުރާ މެންބަރަކާއި އެގްޒެކްޓިވް ކޮމެޓީގެ ފަރުދީ މެމްބަރުން ތަމްޞީލްކުރާ މެމްބަރު އަދި އެގްޒެކްޓިވް ކޮމެޓީގެ އަންހެން މެމްބަރުން ތަމްސީލްކުރާ އަންހެން މެމްބަރެކެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު ރިޔާޒް ވިދާޅުވީ، ރައީސް ކަމަށް ކުރިމަތި ލާފައި ވަނީ މިހާރުގެ އެކްސްކޯ މެންބަރު އިސްމާއިލް ޝަފީއު އެވެ. އަދި ނައިބް ރައީސަކަށް މިހާރު ވެސް އެ މަގާމުގައި ހުންނެވި ކުރީގެ އެއް ވަނަ ބެޑްމިންޓަން ކުޅުންތެރިޔާ މޫސާ ނާޝިދު ކުރިމަތިލެއްވިއިރު ހަޒާންދާރަކަށް ކުރިމަތިލެއްވީ މުހައްމަދު އިބްރާހިމް މަނިކެވެ.

އެގްޒެކްޓިވް ކޮމެޓީގެ ފުރިހަމަ މެންބަރުން ތަމްޞީލުކުރާ މެމްބަރުކަމަށް ކުރިމަތިލާފައި ވަނީ މުހައްމަދު މާހިދު ޝަރީފެވެ. އަދި އެގްޒެކްޓިވް ކޮމެޓީގެ އެސޯސިއޭޓް މެމްބަރު ކަމަށް އަލީ ނަސީރު އަބްދުﷲ ކުރިމަތިލެއްވި އިރު، އެގްޒެކްޓިވް ކޮމެޓީގެ ފަރުދީ މެމްބަރުން ތަމްޞީލްކުރާ މެމްބަރު ކަމަށް ކުރިމަތި ލައްވާފައި ވަނީ މަމްދޫން ރަޝީދެވެ. އަދި އެގްޒެކްޓިވް ކޮމެޓީގެ އަންހެން މެމްބަރުން ތަމްސީލްކުރާ އަންހެން މެމްބަރަކަށް ދެ ބޭފުޅަކު ކުރިމަތި ލައްވާފައި ވާއިރު، އެ ދެބޭ ފުޅުންނަކީ ރަހީމާ އާދަމް އާއި އާމިނަތު އަލީ އެވެ.