28 May 2021, 23:04
ހެލްތު ޕްރޮޓެޝަން އެޖެންސީ (އެޗްޕީއޭ) އިން ވޮލަންޓިއާ ކުރުމަށް ހުޅުވާލި ފުރުސަތުގައި ދެ ތިން ދުވަސްތެރޭ އެތައް ސަތޭކަ ބަޔަކު އެ މަސައްކަތަށް ޝައުގުވެރިކަން ފާޅުކޮށް ފޯމު ހުށަހަޅާފައިވާކަމަށް އެޗްޕީއޭއިން ބުނެފި އެވެ.
އެޗްޕީއޭއިން މިރޭ ކުރި ޓްވީޓެއްގައި ވަނީ އެ އެޖެންސީގެ މަސައްކަތަށް ވޮލަންޓިއާ ކުރުމަށް މި މަހުގެ 25 ވަނަ ދުވަހު ހުޅުވާލި ފުރުސަތުގައި އެތައް ސަތޭކަ ބަޔަކު ފޯމު ހުށަހަޅާފައިވާކަމަށާއި އަދި މިހާރު 1،000 އަށް ވުރެ ގިނަ ފޯމު ޕްރޮސެސް ކުރަމުންދާކަމަށް ބުނެފަ އެވެ.
އާންމުންގެ ތެރެއިން މި ހާލަތުގައި އެޗްޕީއޭގެ މަސައްކަތުގައި ވޮލަންޓިއާ ކުރުމަށް ޝައުގުވެރިކަން ފާޅުކޮށް ފޯމު ހުށަހެޅި ފަރާތްތަކަށް އެޗްޕީއޭއިން ވަނީ ނިހާޔަތަށް ޝުކުރު އަދާކޮށްފަ އެވެ.
ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު ގޯސްވުމާއެކު ކޮވިޑް-19 ފެސިލިޓީ އެންމެ އެދެވޭ ގޮތަށް ހިންގުމަށް ވަނީ ދަތިތަކާއި ކުރިމަތިވެފަ އެވެ. އެގޮތުން ކުރިމަތިވެފައިވާ އެންމެ ބޮޑު ދަތިކަމަކީ އެ މަސައްކަތަށް ވާ ވަރަށް މީހުން ނެތުންކަމަށް އެޗްޕީއޭއިން ވަނީ މީގެ ކުރިން ބުނެފަ އެވެ.
އެގޮތުން ހުޅުމާލޭ ކޮވިޑް-19 ފެސިލިޓީގައި މަސައްކަތްކުރާ ސިއްހީ ދާއިރާގެ މަސައްކަތްތެރިންގެ އަދަދު މަދުވުމާއެކު އެ ފެސިލިޓީގައި ވަނީ ބަލި މީހުންނަށް އެންމެ ފުރިހަމައަށް ފަރުވާ ދިނުމުގައިވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ މިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރާއްޖޭގައި މިވަގުތު ކޮވިޑް-19 އާއި ދެކޮޅަށް ކުރާ މަސައްކަތުގައި ދަތިކަން ހުރީ ހަމައެކަނި އިންސާނީ ވަސީލަތުގައިކަމަށް ވިދާޅުވެފަ އެވެ.
މިފަހަރު އެޗްޕީއޭއިން ވޮލަންޓިއަރުން ހޯދަން ހުޅުވާލީ އެޗްއީއޯސީގެ ކޯލް ސެންޓަރަށާއި ކޮވިޑް-19 ފެސިލިޓީފަދަ ތަންތަނުގައި މަސައްކަތް ކުރުމަށެވެ.