28 May 2021, 19:06
އަންނަ ޖޫން މަހުގެ ނިޔަލަށް ހިޔާ ފްލެޓު ލިބިފައިވާ ފަރާތްތަކަށް ފްލެޓު ހަވާލުކުރަން ގޮވާލައި ޕެޓިޝަންގައި ސޮއި ކުރުމުގެ މަސައްކަތް ކުރިއަށް އެބަދެވެ.
އެ ޕެޓިޝަނަކީ ހިޔާ ފްލެޓު ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ބަޔަކު އިސްނަގައިގެން، ހިޔާ ފްލެޓު ޔޫނިއަންގެ ނަމުގައި ކުރިއަށްގެންދާ ޕެޓިޝަނެކެވެ.
އެ ޕެޓިޝަން ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ މީހަކު "ސަން" އަށް ކިޔައިން ގޮތުގައި މާލޭގައި ކާފިއު ހިންގަން ފެށުމާ އެކު އޮންލައިންކޮށް އެ ޕެޓިޝަނުގައި ސޮިކުރެވޭނެ ގޮތް ހަމަޖައްސާފައިވާ ކަމަށެވެ.
އޭނާ ބުނީ އެ ޕެޓިޝަންގެ އަމާޒަކީ ޖޫން މަހުގެ ނިޔަލަށް ހިޔާ ފްލެޓު ލިބިފައިވާ ފަރާތްތަކަށް ފްލެޓު ހަވާލުކުރުމުގެ އިތުރަށް، ސޯޝަލް ހައުސިންއަށް އެކަށީގެންވާ އަދަދަކަށް ކުލި ކުޑަކޮށްދިނުމަށް އެދި ކަމާބެހޭ ފަރާތްތަކަށް ގޮވާލުން ކަމަށެވެ.
"ހައުސިން މިނިސްޓަރުވެސް ކުރިން ވިދާޅުވެފައި އޮތީ ޖޫން މަހު ހިޔާ ފްލެޓުތަކުގައި މީހުންނަށް ދިރިއުޅެވޭވަރުވާނޭ. ދެން އަޅުގަނޑުމެންގެ އެދުމަކީ މިއީ ސޯޝަލް ހައުސިން ވީމަ އަތްފޯރާ ފަށަށް ކުލި ކުޑަކޮށްދިނުން. އަޅުގަނޑުމެން އެދެނީ 5500 އަށް ކުލި ކުޑަކޮށްދިނުމަށް،" އޭނާ ބުންޏެވެ.
އޭނާ ބުނީ ތާރީޚް ކައިރިވި ނަމަވެސް އަދިވެސް އެންމެ އެދޭ މިންވަރަށް ސޮއި ހަމަނުވާ ކަމަށެވެ.
"މިއީ ސިޔާސީ ކަމެއް ކަމަށް ހީކޮށްވެސް ފްލެޓު ލިބިފައިވާ ބައެއް ފަރާތްތަކުން އެބަތިބި ސޮއިނުކޮށް. މިއީ އެއްވެސް ގޮތަކަށް ސިޔާސީ ކަމެއް ނޫން. މިއީ ރައްޔިތުންގެ އިސްނެގުމެއް. މި ޕެޓިޝަންގައި ފްލެޓު ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ވީހާވެސް ގިނަ ފަރާތްތަކުން ސޮއިކުރުމަކީ ފްލެޓު ލިބިފައިވާ އެންމެންގެ އެދުމެއް. މިހާރު ގޭގައި ތިބެ، އޮންލައިންކޮށްވެސް ސޮއިކުރެވޭނެ." އޭނާ ވިދާޅުވި އެވެ.
އެ ޕެޓިޝަންގައި އިތުރަށް ގޮވާލާފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި ހިމެނެނީ:
ޕެންޝަން ފަންޑުން ޑައުންޕޭމަންޓާއި ފިނިޝިން މަސައްކަތަށް ފައިނޭންސް ކުރެވޭ ގޮތް ހަމަޖައްސައިދިނުން
- ފިނިޝިން މަސައްކަތް ނިންމުމަށްޓަކައި ކުލި ނުހިނގާ މުއްދަތު ތިން މަހުން 12 މަހަށް އިތުރުކޮށްދިނުން
- ފިނިޝިން މަސައްކަތް ރައްޔިތުން އަމިއްލައަށް ކުރަން ޖެހޭތީ، ޖުމުލަ ކުލިން އެއްލައްކަ ރުފިޔާ މައާފުކޮށްދިނުން
- ފްލެޓަށް ދިރިއުޅުން ބަދަލުކުރާއިރު، ފްލެޓުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވައިދިނުން
މިލިންކުމެދުވެރިކޮށް މި ޕެޓިޝަންގައި އޮންލައިންކޮށް ސޮއިކުރެވޭނެ އެވެ.