13 Feb 2012, 15:40
ސިޔާސީ ގޮތުން ހަލަބޮލި ކަމެއްގެ ތެރޭގައި ގައުމު މިވަގުތު އޮތް ނަމަވެސް، މިއަހަރުގެ ފުޓްބޯޅަ ސީޒަން އެފްއޭއެމްގެ ކަލަންޑަރުގައި ވާގޮތުގެ މަތިން އަންނަ މަހު ފަށާނެ ކަމަށް ރައީސް އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
ފުޓްބޯޅަ އަކީ ސިޔާސީ ކަންތައްތަކާހެދި ހުއްޓޭނެ ކުޅިވަރެއް ނޫން ކަމަށް ސިފަކުރައްވާ ސަން އޮންލައިނަށް ދެއްވި އިންޓަވިއުގައި އާޒިމް ވިދާޅުވީ، ސިޔާސީ ކަމެކޭ ކިޔާފަ ކުޅިވަރަކަށް ކުޑަކޮށް ވެސް އަސަރު ނުކުރާނެ ކަމަށާއި މިއަހަރުގެ ފުޓްބޯޅަ ސީޒަން ވެސް ފަށަން އޮތް ދުވަހަށް ފަށާނެ ކަމަށެވެ. އަދި "ފުޓްބޯޅަ" މިކުޅިވަރު މެދުވެރިއަކަށް ވެގެން ވެސް ޤައުމަށް މިހާރު ދިމާވެފައިވާ ހަލަބޮލިކަން ހައްލު ކުރުމަށް މުސްތަގުބަލްގައި މަސައްކަތް ކުރާނެ ކަމަށް ވެސް އާޒިމް ވަނީ ވިދާޅުވެފަ އެވެ.
"ފުޓްބޯޅަ އަކީ ސިޔާސީ ކަންތައްތަކާ ހުރެ ހުއްޓޭނެ ކަންތައްތަކެއް ނޫން. ވަކިން ހާއްސަކޮށް މިކަންތައްތައް ކުރިއަށް ގެންދިއުމަކީ ސިޔާސީ މަސްރަހައަށް ލިބޭނެ ލުޔަކަށް ވާނެ. ކުޅިވަރުގައި އެންމެން ވެސް އެކަތިގަޑަކަށް ވާނެ. އުންމީދު ކުރަނީ އެކަން އެގޮތަށް ވުމަށް،" އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ، މިއަހަރުގެ ފުޓްބޯޅަ މޫސުމާ ކުރިމަތިލާނީ ދަތިކަމެއް ނެތި އެންމެ ފުރިހަމަ ގޮތުގައި ސީޒަން ނިންމާލަން ކަމަށެވެ.
މި އަހަރުގެ ފުޓްބޯޅަ ސީޒަން އަންނަ މާޗު މަހުގެ 27 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައި ވާއިރު، އެ ދުވަހުގެ މެޗުގައި ބައްދަލުކުރާ ދެޓީމަކީ ވީބީ އާއި ވިކްޓަރީ އެވެ.