ދިވެހި ސަރުކާރުން ރާއްޖެއަށް ހޯދުމަށް މަސައްކަތްކުރަމުންދާ، ރަޝިއާގައި ިއުފައްދާ ކޮވިޑް ވެކްސިން "ސްޕަޓްނިކް-1" ރާއްޖެއަށް ވީހާވެސް އަވަހަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރައްވާނެކަމަށް އެގައުމުން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނި ގޮތުގައި މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވަނީ ރަޝިއާގެ ފޮރިން މިނިސްޓަރު ސާރގޭ ލަވްރޯފްއާ ރޭ ފޯނުން ވާހަކަދައްކަވާފައެވެ.

މިނިސްޓްރީން ބުނީ ކޮވިޑްގެ ހާލަތާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި އިރު، ރާއްޖެއަށް މިވަގުތު ދިމާވެފައިވާ ދަތިތަކާއި އެ ކަންކަމުން އަރައިގަތުމަށް ކުރެވޭ މަސައްކަތާ ބެހޭގޮތުން މިނިސްޓަރު ޝާހިދު، ރަޝިއާގެ މިނިސްޓަރަށް މައުލޫމާތު ދެއްވި ކަމަށެވެ.

އެ ފޯނުކޯލުގައި ރަޝިއާގެ ފޮރިން މިނިސްޓަރު ލަވްރޯފް ވަނީ، ރާއްޖެއިން ސްޕަޓްނިކް ވެކްސިން ހޯދުމަށް ކުރަމުންދާ މަސައްކަތާ ގުޅިގެން ވީހާވެސް އަވަހަކަށް ވެކްސިން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން އަރުވާފައެވެ.

ކޮވިޑް19 ގެ ކަންކަމުގެ އިތުރުންވެސް އެހެނިހެން ކަންކަމުގައި ދެގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން ވާހަކަދެއްކެވިކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ކޮވިޑް19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިނެއްގެ ގޮތުގައި ސްޕަޓްނިކް ވެކްސިން ރާއްޖޭގައި ޖެހުުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދިނީ މި މަހުގެ ކުރީކޮޅުއެވެ. އަދި އެ ވެކްސިން ރާއްޖެއަށް ހޯދުމުގެ މަސައްކަތް ދިޔައީ ކުރަމުންނެވެ.

މި ހަފްތާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ އެ ވެކްސިނަށް އޯޑަރު ޖެހުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ. އަދި އެ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވީ ރަޝިއާއާއެކު ވެކްސިންގެ އެގްރިމެންޓުގައި ސޮއިކުރާތާ ހަތަރު ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ރަޝިއާއިން އެ ވެކްސިން ފޮނުވާނެ ކަމަށެވެ.