13 Feb 2012, 15:23
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު ޙަސަން، ކޮޅުނބުގައި ހުންނަ ޔޫރަޕިއަން ޔޫނިއަންގެ ޤައުމުތަކުގެ ސަފީރުން ހިމެނިވަޑައިގަންނަވާ ވަފްދުގެ ބޭފުޅުންނާ މިއަދު ބައްދަލުކުރައްވައިފި އެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެއްވީ ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަޙާ ބެހޭ ގޮތުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނު މިދަނޑިވަޅުގައި އެންމެބޮޑު އަހަންމިއްޔަތެއް ދެއްވަނީ، ރާއްޖޭގައި އަމަންއަމާންކަން ޤާއިމް ކުރެއްވުމަށް ކަމުގައި ވިދާޅުވި އެވެ. އަދި މިގޮތުން ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް ޤާއިމްކުރެއްވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާ ކަމަށާއި މި ސަރުކާރުގައި އެމްޑީޕީ ތަމްސީލުވާނެ ގޮތަކަށް އެފަރާތަށް ދަޢުވަތު އަރުވާފައިވާނެ ކަމުގައި ވިދާޅުވި އެވެ.
ރާއްޖޭގެ ވެރިކަން ބަދަލުވެގެން ދިޔަ ގޮތާބެހޭ ގޮތުން މިނިވަން ތަޙްޤީގެއް ހިންގެވުމަށް ހުންނެވީ ތައްޔާރަށްކަން ވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވި އެވެ. އަދި، ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ހުރިހާ މިނިވަން މުއައްސަސާއަކަށް ވެސް ފުރިހަމަ އެއްބާރުލުން ދެއްވައިގެން، މަސައްކަތް ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން، އީޔޫ ވަފްދަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި އެވެ.
އީޔޫ ސަފީރުން ދެއްކެވި ވާހަކަފުޅުގައި، އަލަށް އެކުލަވާލައްވާ ސަރުކާރުގައި ހުރިހާ ސިޔާސީ ޕާޓީތަކެއް ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވައިލެއްވި އެވެ.
ޔޫރަޕިއަން ޔޫނިއަންގެ ވަފްދުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ، ޔޫރަޕިއަން ޔޫނިއަނުން ރާއްޖެ ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ބަރނަޑް ސަވޭޖާއި ފަރަންސޭސި ސަފީރު މިސް ކްރިސްޓީނާ ރޮބިޝޯނާއި، އިޓަލީ ސަފީރު، ފެބްރީޒިއޯ ޕިއޯ އަޕިއަރާއި، ނެދަރލެންޑްސް ސަރުކާރުން ރާއްޖެ އަށް ކަނޑައެޅުއްވި އާ ސަފީރު، ލުޑޮވިކަސް ވިލްހެލްމަސް މަރިއަ ޕިއޭ އާއި، ޖަރުމަންވިލާތު ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު މިސްޓަރ ޔެންސް ޕްލޯޓަނާ އިނގިރޭސި ޑެޕިއުޓީ ހައިކޮމިޝަނާ ރޮބީ ބުލޮކެވެ.